އެއްވުމެއްގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި އެމްޑީޕީ އެކްޓިވިސްޓު މައިމޫން ހައްޔަރުކޮށްފި

މައިމޫން ހައްޔަރުކުރަނީ ---

އެއްވުމެއްގައި ހަމަނުޖެހުން ހިންގައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު މައިމޫން މުހައްމަދު ރޭ ހައްޔަރުކޮށްފިއެވެ.

މީޑިއާތަކާ ހިއްސާކުރި މެސެއްޖެއްގައި ފުލުހުން ބުނީ، މައިމޫން ހައްޔަރުކުރީ، މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމެއްގައި ހަމަނުޖެހުން ހިންގުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުން ކަމަށެވެ. އަދި، މަގު ބަންދު ކުރުމަށް ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކޮށް، ބަންދުކޮށްފައިވާ ސަރަހައްދަށް ވަން މައްސަލައިގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، މައިމޫން މިނިވަން ކުރުމަށް ގޮވާލައްވާފައެވެ. އެއްވެ، އުޅުމަކީ އަސާސީ ހައްގެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މައިމޫންއަކީ، އެމްޑީޕީގެ އެކްޓިވިސްޓެއްގެ އިތުރަށް އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސެވެ. މާލެ ސިޓީ ކައުންސިލްގެ ވަޒީފާގައި އުޅޭ މައިމޫން މީގެ ކުރިން ވެސް އެމްޑީޕީ މުޒާހާރަތަކުގައި ހައްޔަރުކުރިއެވެ.

comment ކޮމެންޓް