ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ދޫކުރުމާއި ކުއްޔަށް ދިނުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް އޮތް ބާރު އިތުރަށް ދަމަހައްޓާ ގޮތަށް މަޖިލީހުން ފާސްކުރި ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ފާސްކުރި މި އާ ގާނޫނަށް އަމަލުކުރަން ފަށަން ނިންމާފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މި ގާނޫނުގެ ދަށުން ފަތުރުވެރިކަމާއި، ސިނާއީ މަސައްކަތްތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން އިޖުތިމާއީ އަދި ދައުލަތުގެ ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅުތައް ދޫކުރުމުގެ ފުރިހަމަ ބާރު ރައީސަށް ލިބިދެއެވެ. އެގޮތުން ފަޅުރަށް ދޫކުރާނެ ބޭނުމާއި، ހަވާލުކުރާނެ އިދާރާއެއް ކަނޑައެޅުމުގެ އިތުރުން، އެ ތަންތަން އަނބުރާ ދައުލަތަށް ނެގުމުގެ ބާރު ވެސް މަތިކޮށްފައި ވަނީ ރައީސަށެވެ.
އާ ގާނޫނުގައިވާ ގޮތުން ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް ކަމާގުޅޭ މިނިސްޓްރީއަކަށް ނުވަތަ ލޯކަލް ކައުންސިލްތަކަށް މި މުއްދަތު 50 އަހަރަށް އިތުރުކޮށްދެވިދާނެއެވެ.
ކުއްޔަށް ދޫކުރާ އަގުތަކަށް ބަލާއިރު، ސިނާއީ އަދި އިގުތިސާދީ ބޭނުންތަކަށް އަކަމީޓަރަކަށް އަހަރަކު ތިން ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަމަށް 2.50 ރުފިޔާ، އަދި އިޖުތިމާއީ ބޭނުންތަކަށް އަކަމީޓަރަކަށް ދެ ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން މަސްވެރިކަމުގެ ބޭނުމަށް ފަޅެއް ކުއްޔަށް ދެވޭނީ އަކަމީޓަރަކަށް 0.50 ރުފިޔާގެ މަގުންނެވެ.
މި ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ތާވަލާއި ފަޅުރަށްރަށުގެ ތަފްސީލު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލްގެ އޮފީހާ ހިއްސާކުރަންޖެހެއެވެ.
މީގެކުރިން 1998 އިން ފެށިގެން އަމަލުކުރަމުން އައި ގާނޫނީ އޮނިގަނޑުގެ ދަށުންވެސް ފަޅުރަށްރަށް ދޫކުރުމުގެ އެންމެ ފަހުގެ ބާރު އޮންނަނީ ރައީސަށެވެ.