އެޕަލް ކުންފުނިން މި އަހަރުގެ ފަހުކޮޅު ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ފުރަތަމަ ފަތްޖެހޭ ސްމާޓްފޯނުގެ އެތެރޭގެ ސްކްރީން މަރާމާތުކުރުމަށް 1,000 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހޭދަވާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޔޫކޭގެ މަރާމާތުކުރާ ކުންފުންޏެއް ކަމަށްވާ އައިކަރެކްޓްގެ ފައުންޑާ ރިކީ ޕަނޭސާ ފޯބްސް އަދި ދަ މެކް އޮބްޒާވާއަށް ދީފައިވާ މައުލޫމާތާ ހަވާލާދީ ބުނެފައިވަނީ، މި ފޯނުގެ އެތެރޭގެ ސްކްރީން ބަދަލުކުރުމަށް ގާތްގަނޑަކަށް 850 އިނގިރޭސި ޕައުންޑް ނުވަތަ 1,155 އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި އަންދާޒާއަކީ ސެމްސަންގްގެ އެންމެ ފަހުގެ ފަތްޖެހޭ ފޯނުތަކުގެ ސްކްރީން މަރާމާތު ކުރުމަށް ދާ ޚަރަދާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް 8 ގެ އެތެރޭ ސްކްރީން ބަދަލުކުރުމަށް ޚަރަދުވަނީ 594 ޕައުންޑެވެ. އަދި ގެލެކްސީ ޒެޑް ފޯލްޑް 7 ގެ މިފަދަ މަރާމާތަކަށް ދަނީ ގާތްގަނޑަކަށް 569 ޕައުންޑެވެ. އެހެންކަމުން އެޕަލްގެ ފަތްޖެހޭ ފޯނު މަރާމާތު ކުރުމުގެ އަގު ސެމްސަންގް ފޯނުތަކަށް ވުރެ ބޮޑުތަނުން އުފުލިގެންދާނެއެވެ.
މި ފޯނުގެ އަގު އުޅޭނީ ގާތްގަނޑަކަށް 2,000 އެމެރިކާ ޑޮލަރުގައި ---މި މަރާމާތުގެ އަގު މިހާ ބޮޑުވަނީ އެޕަލްއިން ބޭނުންކުރަން ނިންމާފައިވާ ޚާއްސަ ހާޑްވެއާ ޓެކްނޮލޮޖީގެ ސަބަބުން ކަމަށް ބެލެވެއެވެ. މި ފޯނަށް ބޭނުންވާ ފަށްޖެހޭ ޑިސްޕްލޭ ޕެނަލް ފޯރުކޮށްދެނީ ސެމްސަންގް ޑިސްޕްލޭއިން ނަމަވެސް، ފޯނު ފަށްޖަހާ ހުޅު (ހިންޖް) ޑިޒައިން ކޮށްފައިވަނީ އެޕަލްގެ އަމިއްލަ ޕޭޓެންޓެޑް ޑިޒައިނަކަށެވެ. މި ދެ ޓެކްނޮލޮޖީ އެކުވުމުން މަރާމާތުގެ އަގު އުފުލިގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މާކެޓުގައި މި ފޯނަށް "އައިފޯން އަލްޓްރާ" ނުވަތަ "އައިފޯން ފޯލްޑް" ގެ ނަން ދެވިފައިވާއިރު، ފޯނުގެ އަގު އުޅޭނީ ގާތްގަނޑަކަށް 2,000 އެމެރިކާ ޑޮލަރުގައެވެ. މި ފޯނު ދައްކާލާނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ކެލިފޯނިއާގެ ކުޕަޓީނޯގައި ބާއްވާ އެޕަލްގެ ޚާއްސަ އިވެންޓްގައެވެ. އެ އިވެންޓުގައި އައިފޯން 18 ސީރީޒް ވެސް ތައާރަފުކުރާނެ ކަމަށް ބެލެވޭއިރު، ފަށްޖެހޭ މި ފޯނު ބާޒާރަށް ނެރޭނީ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
މި މައުލޫމާތުތަކާ ގުޅޭގޮތުން އެޕަލް ކުންފުނިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.