ތިލަމާލޭ ބްރިޖުން ހާމަވަނީ، މަޝްރޫއުތައް އަވަސްކުރަން ސަރުކާރުން އިސްކަންދޭކަން: ރައީސް

ރައީސް މުޢިއްޒު އިންޑިއާގެ ސަފީރާއެކު (މ) ހިންގަވަނީ، އަރިހުގައި ހައުސިން މިނިސްޓަރު މުއްޠަލިބު: ވިދާޅުވީ ތިލަމާލޭ ބްރިޖުގެ މަޝްރޫއުން ހާމަވަނީ މެދުކެނޑުމެއްނެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން މި ސަރުކާރުން ދެމުން އަންނަ އަހައްމިއްޔަތުކަން ކަމަށް --- ފޮޓޯ: ޕީއެސްއެމް

ވެރިރަށް މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅީފަޅު ގުޅައިލާ ތިލަމާލޭ ބްރިޖުގެ މަޝްރޫއުން ހާމަވަނީ މުހިންމު މަޝްރޫއުތައް އަވަހަށް ކުރިއަށްގެންދަން ސަރުކާރުން އިސްކަންދޭކަން ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސާއި ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި ބައެއް ވަޒީރުންނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރު ޖީ. ބަލަސުބްރަމާނިއަން ވަނީ ބްރިޖުގެ މަސައްކަތް ކުރިއަށް ދާ ގޮތް މިއަދު ބައްލަވައިލައްވައިފައެވެ.

އެއަށްފަހު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ތިލަމާލޭ ބްރިޖަކީ ރާއްޖެއާއި އަވައްޓެރި އިންޑިއާގެ ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ ބިނާއެއް ކަމަށެވެ. މި މަޝްރޫއުގެ މަސައްކަތްތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި އެ ގައުމުގެ ސަރުކާރުން ދެއްވާ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން މާލެއާއި ވިލިމާލެ ގުޅައިލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ތިލަމާލޭ ބްރިޖު އެއްކޮށް ނިމުމަކީ މާލެ ސަރަހައްދުގެ ތަރައްގީއަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތްތައް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރު ޖީ. ބަލަސުބްރަމާނިއަން ބައްލަވައިލެއްވުން -- ފޮޓޯ/ ޕީއެސްއެމް

"ދެން މީގެން މި ދޭހަކޮށްދެނީ އަޅުގަނޑުމެން މިކަހަލަ މުހިއްމު ހުރިހާ މަޝްރޫއުތަކެއް ބާރު ސްޕީޑުގައި ގެންގޮސް ނިންމުމަށް އިސްކަންދޭކަން، އެނގިވަޑައިގަންނަވާނެ ފަދައިން މި ސަރުކާރު ފެށިގެން އައި އިރުގައި ބޮޑެތި ބައެއް މަޝްރޫއުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމައިލަން މަސައްކަތްކުރި،" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާއި ހަނިމާދޫ އެއާޕޯޓުގެ ޓާމިނަލްގެ މަޝްރޫއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވިއެވެ.

ޚާއްސަކޮށް އިންޑިއާއާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ މަޝްރޫއުތައް ނިންމުމަށް އިސްކަންދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.

https://sun.mv/226576

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މީގެ ކުރިން ވަނީ، އުއްމީދަކީ އަހަރެއްހާ ދުވަހުގެ ތެރޭ ތިލަމާލޭ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމައިލުން ކަމަށް ވިދާޅުވެފައެވެ.

ރައީސް ވަނީ ބުރިޖުގެ މަސައްކަތްތައް ސީދާ އިންފްރާސްޓްރަކްޗާ މިނިސްޓްރީން، މިނިސްޓަރާއި މިނިސްޓަރުގެ ދަށުން މަސައްކަތްކުރައްވާ ބޭފުޅުން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ފެށި ތިލަމާލެ ބުރިޖުގެ މަސައްކަތް ނިންމަން އެކި ތާރީޚުތައް ދިން ނަމަވެސް، މަސައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ގޮސް، ނިންމިފައިނުވެއެވެ. އޭގެ ފަހުން މި ސަރުކާރުގައި އެ މަޝްރޫއުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ތިލަމާލެ ބްރިޖުގެ މާލެ ވިލިމާލެ ސުޕަސްޓްރަކްޗާ ނިމިފައި -- ފޮޓޯ: ހައުސިން މިނިސްޓްރީ

ތިލަމާލެ ބުރިޖުގެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ފެށީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން 400 މިލިއަން ޑޮލަރުގެ ލޯނު އެހީއާއެކުގައެވެ.

އެ ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އޯގަސްޓު 2، 2022ގައި ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ. އެއީ އޭރު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ތިލަމާލެ ބުރިޖުގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމުގެ ވައުދުފުޅާއެކުގައެވެ. އަދި ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، ފުރަތަމަ ހަފުތާ ތެރޭގައި ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ބައްލަވައިލައްވަން ވެސް ވަޑައިގަތެވެ.

ޞާލިޙްގެ ސަރުކާރުގައި ބުރިޖު ނިންމަން އެންމެ ފަހުން ދިން ތާރީޚަކީ 2024 ވަނަ އަހަރުގެ މެދުތެރެއެވެ. އެ ވެރިކަމުގެ ފަހު އަހަރު ކަމަށްވާ 2023ގައި ވިލިމާލެއާއި މާލެ ގުޅައިލެވޭނެ ކަމަށް އޭރު އޮތީ ލަފާކޮށްފައެވެ.

އެހެންނަމަވެސް އެ ތާރީޚުތަކަށް މަސައްކަތް ނިމިފައިނުވެއެވެ.

comment ކޮމެންޓް