އިންޑިއާގެ އެކި ޕްރޮގްރާމްތަކުގެ ދަށުން ތަމްރީނު ފުރިހަމަކުރާ ދިވެހިންނަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށްދޭ ހަގީގީ ސަފީރުން ކަމަށް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ.
އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ދުވަސް 2026 ފާހަގަކުރުމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ޙަފްލާގައި ސަފީރު ޖީ. ބަލަސުބްރަމާނިއަންގެ ފަރާތުން ވާހަކަދައްކަވަމުން ޑެޕިއުޓީ ހައި ކޮމިޝަނަރު ކުމާރު ގޯރަވް ވިދާޅުވީ ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ރަސްމީކޮށް ޑިޕްލޮމެޓުން ތިއްބެވި ނަމަވެސް، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ދެ ޤައުމު އިތުރަށް ގާތްކޮށްދެނީ އިންޑިއާއިން ތަޢުލީމާއި ތަމްރީނު ހޯދާފައިވާ ފަރާތްތަކުން ކަމަށެވެ. އަދި އައިޓެކްގެ ކާމިޔާބީ ވަޒަންކުރެވެނީ ދޫކުރެވޭ ސެޓްފިކެޓްތަކުގެ އަދަދުން ނޫން ކަމަށާއި، ތަމްރީނަށްފަހު އެނބުރި އައިސް ގައުމަށާއި މުޖުތަމަޢަށް ކޮށްދޭ ޚިދުމަތްތަކުން ކަމަށް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި އިންޑިއާއިން ދެމުންދާ އެއްބާރުލުމަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، ފާއިތުވި 6-7 އަހަރުގެ ތެރޭގައި އެކި ދާއިރާތަކުން ރާއްޖޭގެ 4،200 އަށްވުރެ ގިނަ ފަންނީ މީހުން އިންޑިއާއިން ތަމްރީނުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސިވިލް ސާވިސްގެ 1،269 މުވައްޒަފުންނާއި، ލޯކަލް ކައުންސިލްތަކުގެ 334 އޮފިޝަލުންނާއި، ކަސްޓަމްސްގެ 360 އޮފިސަރުން އަދި ޝަރުޢީ ދާއިރާގެ 323 އޮފިޝަލުން ހިމެނެއެވެ. މީގެއިތުރުން 2014 ވަނަ އަހަރުން ފެށިގެން ދިފާޢީ ދާއިރާއިން އެމްއެންޑީއެފްގެ 1،948 އޮފިޝަލަކު ތަމްރީނުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އިންޑިއާގެ ޤަދީމީ ފަލްސަފާއަކަށް އިޝާރާތްކުރައްވައި ސަފީރު ވިދާޅުވީ، ރަޙުމަތްތެރިކަމުގެ ހަގީގީ މާނައަކީ ޤައުމެއްގެ ބޮޑުމިނެއް ނޫން ކަމަށާއި، އެއީ ތިމާއަށް ލިބިފައިވާ ޢިލްމާއި ތަޖުރިބާ އެހެން މީހުންނާ ޙިއްސާކުރުމުގެ މިންވަރު ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދެނީ ރާއްޖޭގެ ތަރައްޤީއަށް އެންމެ ބޭނުންތެރި، ދިވެހި ސަރުކާރުން އިސްކަންދޭ ދާއިރާތަކަށް ބަލައިގެން ކަމަށްވެސް ވިދާޅުވިއެވެ.
ދެ ޤައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަފީރު ޖީ. ބަލަސުބްރަމާނިއަން ވިދާޅުވީ، އިންޑިއާ އަދި ރާއްޖޭގެ މެދުގައި އޮތީ އިތުބާރާއި އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ފިލްމު 'ޝޯލޭ' ގެ ލަވައަކަށް އަލިއަޅުއްވާލައްވައި ސަފީރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމަކީ ކުރު މުއްދަތަކަށް އޮތް ގުޅުމެއް ނޫން ކަމަށާއި، އަންނަން އޮތް ޖީލުތަކަށްވެސް މި އެކުވެރިކަން ދެމެހެއްޓުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށެވެ.
މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢުއެވެ.