ރާއްޖެއިން ހިފެހެއްޓި އިންޑިއާގެ 24 މަސްވެރިން ދޫކޮށްލައިފި

ރާއްޖޭން ހިފެހެއްޓި އިންޑިއާގެ މަސްވެރިން އެނބުރި ގައުމަށް ގޮސް އެއާޕޯޓްގައި: އެ މީހުން މިނިވަން ކުރީ ޖޫރިމަނާ ވެސް ނުކޮށް--- ފޮޓޯ: އޭއެންއައި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅެނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ހިފެހެއްޓި އިންޑިއާގެ ޓަމިލްނާޑޫގެ 24 މަސްވެރިން ދޫކޮށްލުމުން އެ މީހުން އެ ގައުމަށް އެނބުރި ހިނގައްޖެއެވެ.

ނިއުސްއައިޓީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓަމިލްނާޑޫގެ ތޫތުކުޑީ ޑިސްޓްރިކްޓްގެ ތަރުވައިކުލަމް އަވަށަށް ނިސްބަތްވާ މި 24 މަސްވެރިން ދޫކޮށްލާފައިވަނީ އެއްވެސް ޖޫރިމަނާއަކާ ނުލައެވެ. މި އެންމެން ވަނީ އިއްޔެ ވައިގެ މަގުން ރާއްޖެއިން ތިރުވަނަންތަޕޫރަމްއަށް ގޮސްފައެވެ.

https://www.sun.mv/229065

މި މަސްވެރިން ދޫކޮށްލާފައިވަނީ ޓަމިލްނާޑޫގެ ޗީފް މިނިސްޓަރު ސީ ޖޯސެފް ވިޖޭގެ އިރުޝާދުގެ ދަށުންނާއި، އެ ސްޓޭޓްގެ ފިޝަރީޒް އެންޑް ފިޝަމެން ވެލްފެއާ މިނިސްޓަރު ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ. އެގޮތުން ޓަމިލްނާޑޫ ސަރުކާރުން ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ގުޅިގެން މި މީހުން މިނިވަންކުރުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކޮށްފައެވެ.

އެނބުރި ގައުމަށް ދިޔަ މަސްވެރިންގެ ވައިގެ ދަތުރުފަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދީފައިވަނީ ޓަމިލްނާޑޫ ސަރުކާރުންނެވެ. އަދި ތިރުވަނަންތަޕޫރަމް އެއާޕޯޓުން އެ މީހުންނަށް މަރުހަބާ ކިޔައި، ރައްކާތެރިކަމާއެކު އާއިލާތަކާ ހަމައަށް ފޮނުވައިދިނުމުގެ އިންތިޒާމުތައް ތޫތުކުޑީގެ ފިޝަރީޒް ޑިޕާޓްމަންޓުގެ އޮފިޝަލުން ވަނީ ހަމަޖައްސައިދީފައެވެ.

ދަ ހިންދޫ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޖީނުލީ ތިން ބޯޓެއްގައި ކަނޑުމަތީގައި ގިނަ ދުވަސްތަކެއް ހޭދަކޮށްގެން ފުން ކަނޑުގެ މަސްވެރިކަން ކުރުމަށް މި ގްރޫޕު ތަރުވައިކުލަމްއިން ފުރީ މިދިޔަ އޮކްޓޫބަރު އެއް ވަނަ ދުވަހުއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރި ކަމުގެ ތުހުމަތުގައި ދިވެހިރާއްޖޭގެ ކޯސްޓްގާޑުން އެ ތިން ބޯޓާއި މަސްވެރިން ހިފެހެއްޓީ އޮކްޓޫބަރު 13 ގައެވެ.

އެ ސަރަހައްދުގެ މަސްވެރިއެއް ކަމަށްވާ ސުދަރްޝަން ބުނި ގޮތުގައި، ކަޅުބިލަމަސް ބޭނުމަށް ދާ އަޅައިގެން މަސްވެރިކަން ކުރަން އުޅުނު އެ ބޯޓުތައް ރާއްޖޭގެ ސަރަހައްދަށް ވަދެވުނީ ވައި ގަދަވެ، އޮއިވަރު ހުރި ގޮތުންނެވެ.

މި މަސްވެރިން ދޫކޮށްލިކަން ރާއްޖޭގެ އެއްވެސް ކަމާބެހޭ އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ބޯޓްތައް ހިފެހެއްޓުމަކީ އާއްމު ކަމެކެވެ. މި ގޮތަށް އެންމެ ގިނައިން އަތުލައިގަންނަނީ ސްރީލަންކާގެ މަސް ބޯޓް ފަހަރެވެ. މިފަދަ ބޯޓްތައް ރާއްޖޭން ހިފެހެއްޓުމަށް ފަހު ގިނަ ފަހަރަށް އެ މީހުން ދޫކޮށްލަނީ ޖޫރިމަނާ ކުރުމުގެ އިތުރުން ބޯޓް ހިފެހެއްޓުމަށް ފަހުގައެވެ.

comment ކޮމެންޓް