އިންޑިއާ ކަނޑުގެ ސުލްހައަށް ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެ ދެމިއޮންނާނެ: ލަތީފް

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ)ގެ މަގުސަދުތައް ހާސިލުކޮށް، ސުލްހަވެރި، އަމާން އަދި ވިލުންތެރި އިންޑިއާ ކަނޑެއް ބިނާކުރުމަށް ސަރަހައްދީ ބައިވެރިންނާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިބްރާހީމް ލަތީފް ރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑުގައި ނިންމާލި ސީއެސްސީގެ އަށްވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ލަތީފް ވަނީ، މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ ލިބުނު ޝަރަފެއް އަދި ފަހުރެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ބައްދަލުވުން ބޭއްވުމުން ހާމަވެގެންދަނީ ސަރަހައްދީ ސަލާމަތީ އޮނިގަނޑު ބައްޓަންކުރުމަށާއި، އިންޑިއާ ކަނޑުގެ ސުލްހަމަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމަށް ދިވެހިރާއްޖެއިން އަދާކުރަމުންދާ ދައުރު ފުޅާވަމުންދާކަން ކަމަށާއި، ސަރަހައްދީ ގުޅުންތައް ބަދަހިކުރުމާއި، އިންޓެލިޖެންސާއި މައުލޫމާތު ހިއްސާކުރުމާއި، މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ ތެރެއިން ގައުމީ ގާބިލުކަން ވަރުގަދަކޮށް، ސިޔާދަތާއި ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގެ ގާބިލުކަން އިތުރުކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސީއެސްސީއަކީ ރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، މޮރިޝަސް އަދި ސީޝެލްސް ހިމެނޭ ސަރަހައްދީ ސަލާމަތީ އެއްބާރުލުމުގެ މަންސައެކެވެ. ރާއްޖޭގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާއާއި ސްރީލަންކާ އަދި ބަންގްލަދޭޝްގެ މަތީ ފަންތީގެ ވަފުދުތަކުން ބައިވެރިވިއިރު، މެހުމާން ގައުމުތަކުގެ ގޮތުގައި އޮސްޓްރޭލިއާ އަދި މެލޭޝިއާއިން ބައިވެރިވިއެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓަރާއި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު-- ފޮޓޯ: ރައީސް އޮފިސް

މީގެ ތެރެއިން އިންޑިއާގެ ވަފުދުގައި އެ ގައުމުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލް އިސްކޮށް ހުންނެވިއިރު، ސްރީލަންކާގެ ވަފުދުގައި އިސްކޮށް ހުންނެވީ އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ އެއާ ވައިސް މާޝަލް (ރިޓަޔާޑް) ސަމްޕަތު ތުޔަކޮންތާއެވެ. އަދި ބަންގްލަދޭޝްގެ ވަފުދުގައި އިސްކޮށް ހުންނެވީ އެ ގައުމުގެ ނޭޝަނަލް ޑިފެންސް ކޮލެޖުގެ ކޮމާންޑަންޓް ލެފްޓިނެންޓް ޖެނެރަލް މުހައްމަދު ފައިޒުރު ރަހްމާނެވެ.

މޮރިޝަސް އަދި ސީޝެލްސްއަށް މި ބައްދަލުވުމުގައި ބައިވެރިވެވޭ ގޮތެއް ނުވިއެވެ.

މި ބައްދަލުވުމުގެ މަޝްވަރާތައް އަމާޒުކޮށްފައިވަނީ ސީއެސްސީގެ އެއްބާރުލުމުގެ މައިގަނޑު ފަސް ތަނބުގެ މައްޗަށެވެ. އެއީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓްރެފިކިން އަދި ގައުމުތަކުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުމާއި، ސައިބާ ސެކިއުރިޓީ އަދި މުހިންމު އުމްރާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ރައްކާތެރިކުރުމުގެ އިތުރުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމެވެ.

ލަތީފް ފާހަގަކުރެއްވި ގޮތުގައި، މި އިސްކަންދޭ ކަންތައްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި، "ދިވެހީންގެ ރާއްޖެ" ސިޔާސަތާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަންތައްތަކެކެވެ. މަޝްވަރާތަކަށްފަހު މެންބަރު ގައުމުތަކުން ގުޅިފައިވާ ބަޔާނެއް ނެރެފައިވާއިރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާ ހަވާލާދީ ދަ އިންޑިއަން އެކްސްޕްރެސްއިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފަސް ދާއިރާއިން ހިންގާނެ ހަރަކާތްތައް ހިމެނޭ 2026 އަދި 2027 ވަނަ އަހަރުގެ އެއްބާރުލުމުގެ މަގުޗާޓެއް މެންބަރު ގައުމުތަކުން ވަނީ ފާސްކޮށްފައެވެ.

މި ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވަނީ މެންބަރު ގައުމުތަކަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ގަވާއިދާ ހިލާފަށް، ރިޕޯޓު ނުކޮށް އަދި ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަމާއި، ޓެރަރިޒަމާއި، ހަރުކަށި ފިކުރުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަކީ ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކެއްކަން މިނިސްޓަރު ހަސަން ރަޝީދު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލް ވިދާޅުވި ގޮތުގައި، އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކަކީ ތާރީހީ އަދި ހަޟާރީ ގޮތުން ގުޅިފައިވާ ގައުމުތަކެކެވެ. އަދި ކަނޑުތަކަކީ ގައުމުތައް ބައިބައިކުރާ ތަނަކަށް ވުމުގެ ބަދަލުގައި ގައުމުތައް ގުޅުވައިދޭ ތަނެއްގެ ގޮތުގައި ދެމިއޮންނަންޖެހޭ ކަމަށާއި، ކުރީގެ ޖީލުތަކުން ވާރުތަކޮށްދިން އެ ސަގާފަތް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށްދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

https://www.sun.mv/231030

މީގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި، ސަރަހައްދީ ހަމަޖެހުމާއި އިގުތިސާދީ ކުރިއެރުން ކަށަވަރުކުރުމަށް ގައުމުތަކުގެ މެދުގައި ދެމެހެއްޓެނިވި އެއްބާރުލުމެއް އޮންނަންޖެހޭ ކަމަށާއި، ސަލާމަތީ ނުރައްކާތަކާ ކުރިމަތިލުމަށް ސަރަހައްދުގެ ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށްވެސް އަޖިތު ދޯވަލް ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދީ ސަލާމަތް ހަރުދަނާކުރުމަށާއި މެންބަރު ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އުފެއްދި ސީއެސްސީގެ އަސާސީ ލިޔުންތަކުގައި ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހު ސްރީލަންކާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރާއްޖޭގައި މި ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ ނޮވެންބަރު 20، 2025 ގައި އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ސީއެސްސީގެ ހަތްވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުމުގައެވެ. އަޖިތު ދޯވަލް ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ރާއްޖެ، މޮރިޝަސް، ސްރީލަންކާ އަދި ބަންގްލަދޭޝްއިން މެންބަރު ގައުމުތަކުގެ ގޮތުގައި ބައިވެރިވިއިރު، އޮބްޒާވަރު ގައުމެއްގެ ގޮތުގައި ސީޝެލްސް އަދި މެހުމާން ގައުމެއްގެ ގޮތުގައި މެލޭޝިއާ ބައިވެރިވިއެވެ.

comment ކޮމެންޓް