ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.4 އިންސައްތަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، 20 އޯގަސްޓްގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 27.61 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 25.00 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ކުރިއެރުމެކެވެ. މީގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި 21.48 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 12.1 އިންސައްތައިގެ ކުރިއެރުމެކެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ބާރަކަށް ޓީޖީއެސްޓީ ވެފައިވާއިރު، މި އަހަރުގެ މިހާތަނަށް ޓީޖީއެސްޓީގެ ގޮތުގައި 7.39 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 6.88 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 512.1 މިލިއަން ރުފިޔާ ނުވަތަ 7.4 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ އާމްދަނީ 20.5 އިންސައްތަ އިތުރުވެ، 5.55 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި:
- ކޯޕަރޭޓް އިންކަމް ޓެކްސް: 7.1 އިންސައްތައިގެ ކުރިއެރުމަކާއެކު 2.86 ބިލިއަން ރުފިޔާ
- ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގް ޓެކްސް: 10.2 އިންސައްތައިގެ ކުރިއެރުމަކާއެކު 924.5 މިލިއަން ރުފިޔާ
- ވިޔަފާރިއާއި މުދަލުގެ އެހެނިހެން ޓެކްސް: 87.9 އިންސައްތައިގެ ކުރިއެރުމަކާއެކު 1.39 ބިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިޤްތިޞާދީ މައިގަނޑު ދާއިރާތަކުން ލިބޭ ޓެކްސް އާމްދަނީ އިތުރުވަމުން އަންނައިރު، ކައުންސިލްތަކާއި އާންމު ޚިދުމަތްތަކުގެ އިތުރުން އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ދައުލަތުން ކުރާ ހޭދަވެސް އަންނަނީ އިތުރުވަމުންނެވެ.