މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި

މިފްކޯ ބޯއްޓަކަށް މަސް ކިރަނީ: މިފްކޯއިން ކަޅުބިލަމަސް ކިލޯއެއްގެ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި --- ފޮޓޯ/ މިފްކޯ

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު މިއަދު 21 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިފްކޯއިން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، މިއަދުން ފެށިގެން މިފްކޯގެ ފެސިލިޓީތަކުންނާއި މަސްކިރާ ބޯޓުފަހަރުން ކަޅުބިލަމަސް ކިލޯއެއް ގަންނަނީ 21 ރުފިޔާއަށެވެ.

އެ ކުންފުނިން ބުނީ މި ބަދަލަކީ މިހާރު މަސްވެރިކަމުގެ ސިނާއަތުގައި ޑިމާންޑާއި ސަޕްލައި އޮތް މިންވަރާ ގުޅުވައި ގެނައި ބަދަލެއް ކަމަށާއި، މިއީ އާންމު މަސްވެރިންނަށް އިންސާފުވެރި ބަދަލަކާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ވަމުންދާ ވައުދުތަކާ ގުޅޭ ބަދަލެއް ކަމަށެވެ.

އެގޮތުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) ޖެޓީއާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ޖެޓީއާއި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ) ޖެޓީގެ އިތުރުން ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކަލަމިންޖާ-401 ބޯޓުން ވެސް މިއަދު މަސް ގަންނަމުން ދާނީ ކަޅުބިލަމަސް ކިލޯއެއް 21 ރުފިޔާގެ ރޭޓުން ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

'ސަން'އަށް މައުލޫމާތު ދެމުން މިފްކޯއިން ބުނީ މަހުގެ އަގު ކަނޑައަޅަނީ ކޮންމެ ދުވަހެއްގެ އަގު އެ ދުވަހަކަށް ވަކިން ކަމަށެވެ. އެގޮތުން 20 ރުފިޔާއަށް ކަޅުބިލަމަސް ކިލޯއެއް ގަންނަން ފެށީ ނިމުނު ޖޫން މަހުގެ މެދުތެރޭގައިކަން ފާހަގަކޮށް، ވަރަށް ދުވަސް ވަންދެން އެ ރޭޓު ދަށަށް ދިޔަނުދީ ހިފަހައްޓާފައިވާ ކަމަށް ކުންފުނިން ބުންޏެވެ.

"މިއަދުން ފެށިގެން އެހެން ރޭޓެއް ކަނޑައެޅެންދެން އޮންނާނީ މި [21 ރުފިޔާގެ] ރޭޓް." މިފްކޯއިން މައުލޫމާތު ދިނެވެ.

https://www.sun.mv/223587

މިހާރު ސަރުކާރުގެ ސިޔާސަތަކީ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމެވެ. މި ބަދަލާއެކު، މަސްވެރިކަމަށް ނުކުންނަ ދޯނިފަހަރުގެ އަދަދު އިތުރުވެ، ސިނާއަތަށް ދިރުން ލިބެމުންދާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މިދިޔަ ޖޫން މަހުގެ ފަހުކޮޅު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ، މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތީގައި ހިފެހެއްޓުން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް