އިންޖިނިއަރިން ކިޔަވާ ކުދިންނަށް ދާއިރާއިގެ އެކި ތަހުލީލުކުރެވޭ މަތީފެންވަރުގެ އިމާރާތެއް އަޅަނީ

29 ޖޫން 2026: ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި އިންޖިނިއަރިންގެ އެކި ދާއިރާތަކުން ކިޔަވާ ކުދިންނަށް ދިރާސާތަކާއި ތަހުލީލުތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ (ސްޓޭޓް އޮފް ދަ އާޓް) ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭ ޚާއްސަ އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން އިޢުލާނު ކުރެއްވީ މިއަދު ފާހަގަކުރާ ދިވެހި އިންޖިނޭރުންގެ ދުވަހާ ގުޅިގެން ދެއްވި ޚާއްސަ މެސެޖުގައެވެ.

އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އިންޖިނިއަރިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އަދާކުރަނީ ވަރަށް ބުރަ އަދި މުހިންމު މަސްއޫލިއްޔަތެކެވެ. އަދި ރާއްޖެއަށް މި ދާއިރާތަކުން ގިނަ އަދަދަކަށް ދިވެހި ޒުވާނުން ބޭނުންވާކަން ފާހަގަކުރައްވައި، މަތީ ތަޢުލީމު ހާސިލްކުރާ ދިވެހިން އިތުރުކުރުމަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަލަށް ގާއިމުކުރަން ނިންމާފައިވާ އިމާރާތަކީ ސިވިލް އިންޖިނިއަރިން، މެކޭނިކަލް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް، ސޮފްޓްވެއާ އިންޖިނިއަރިން، އެއާކްރާފްޓް އަދި އެއިރޯނޮޓިކަލް އިންޖިނިއަރިންގެ އިތުރުން ރޮބޮޓިކްސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑިޖިޓަލް އިންޖިނިއަރިން ފަދަ ޒަމާނީ އެކި ދާއިރާތަކުން ތަހުލީލުތަކާއި އެކްސްޕެރިމެންޓްތައް ހެދޭނެ ވަސީލަތްތައް އެކުލެވޭ ތަނެއް ކަމަށެވެ.

"މިކަމަށް ޓަކައި ބޭނުންވާ އިންވެސްޓްމަންޓުގެ މަސައްކަތް ސަރުކާރުން ކުރިޔަށްގެންދާނެ. މިކަން ކުރިޔަށްގެންދާނީ ސަރުކާރުގެ ބަޖެޓަށް ބުރަނުވާނެ ގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި. އިރާދުކުރެއްވީއްޔާ މިކަންވެގެންދާނީ ދިވެހިރާއްޖޭގެ އެކިއެކި އިންޖިނިއަރިންގެ ދާއިރާތަކުން ކިޔަވަން ބޭނުންވާ ކުދިން އިތުރުވެގެން ދިއުމަށާއި އަދި ރާއްޖެއަކީ އިންޖިނިއަރިންގެ އެކި ފީލްޑުތަކުގައި ތަރައްޤީވެގެން މަތިވެދާނުގައި ވަރަށް މަތިފެންވަރަކަށް ގެންގޮސްދެވޭނެ ކަމަކަށް،" ރައީސް ވިދާޅުވިއެވެ.

މި އިމާރާތުގެ ބޭނުމަކީ ރާއްޖޭގެ ދަރިވަރުންގެ އިތުރުން ބޭރު ޤައުމުތަކުން ވެސް ރާއްޖެއަށް އައިސް ދިރާސާތައް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ފަންނީ މަސައްކަތްތަކާއި އިންވެސްޓްމަންޓްގެ ކަންކަން ކުރިއަށް ގެންދާނީ ސަރުކާރުގެ ބަޖެޓަށް ބުރަނުވާނެ ގޮތަށް، ދެމެހެއްޓެނިވި އުސޫލުން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން އިންޖިނިއަރިން ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިންނަށް ބޮޑު ހިތްވަރެއް ލިބި، މި ފީލްޑްތަކުގައި ރާއްޖެ ވަރަށް މަތީ ފެންވަރަކަށް ތަރައްގީވާނެއެވެ.

މެސެޖު ނިންމަވާލައްވަމުން ރައީސް ވަނީ ރާއްޖޭގެ ހުރިހާ އިންޖިނޭރުންނަށާއި، މި ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނަށް އަދި މީހުން ބިނާކުރުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ދުވަހުގެ ހެޔޮއެދުމާއި ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް