ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ އާންމުންގެ މަސްލަހަތަށްޓަކައި ކަމަށް، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ރޭ ވިދާޅުވެއްޖެއެވެ.
'އެމްއެމްޓީވީ'ގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ އާމްދަނީން މާރުކުރަންޖެހޭ ވަރު އިތުރުކުރަން ނިންމެވި ނިންމެވުމުގެ ސަބަބުން އާންމުންނަށާއި ވިޔަފާރިތަކަށް ފައިދާވާނެ ކަމަށެވެ. އެ ނިންމުމަކީ އާންމުންގެ މަސްލަހަތު ނެގެހެއްޓުމަށްޓަކައި ރައީސް ނިންމެވި ނިންމެވުމެއްގެ ގޮތުގައި ނައިބު ރައީސް ސިފަކުރެއްވިއެވެ.
"އެ ކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާވެގެން ދަނީ ދިވެހި ވިޔަފާރިވެރިންނަށް [ފައިދާވެގެން ދަނީ]، ޑޮލަރު ނުލިބި ގައުމުގެ އިގުތިޞާދުގައި ޑޮލަރު ދައުރުނުވާ ނުވުމަށް ނިމުމެއް ގެނައުމަށް އެޅުއްވި ހަރުދަނާ، ވަރަށް ދުރުވިސްނޭ ސިޔާސީ ނިންމުމެއް އެ ނިންމެވީ،" އެމަނިކުފާނު ވިދާޅުވިއެވެ.
އެ ނިންމުމާ ގުޅިގެން ހިތްހަމަނުޖެހޭނެ ބަޔަކު ތިބޭނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ރާއްޖެ ބިނާކުރުމަށްޓަކައި އަލުން ބަލުން މަސައްކަތްކުރަން ޖެހިފައިވާ ކަމަށާއި، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ ބަނޑަށް ޖެހޭ ހާލަތުގައި ކަމަށެވެ.
ނައިބު ރައީސް މިހެން ވިދާޅުވިއިރު، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމުން ރިސޯޓު ވިޔަފާރިތައް ދެކޮޅު ނުޖެހި ބަނގުރޫޓުވެ، އެ ވިޔަފާރިތަކާ ގުޅުންހުރި ދެން ހުރި ވިޔަފާރިތަކަށް އަސަރުކުރާނެ ކަމަށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ 'އެކްސް'ގައި ލިޔުއްވައިފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ. މިއީ ކުއްލިއަކަށް ގެނައި އިސްލާހެކެވެ.
ގަވަރުނަރުގެ ވާހަކައާ ގުޅިގެން, މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެގޮތުން ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަކީ އެ ވިޔަފާރިތަކަށް ތަހައްމަލު ކުރެވޭނެ ބުރައެއް ނޫން ކަމަށް މަޓީގެ ބަޔާނުގައިވެއެވެ.