ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި ލިބުނު ބޮޑެތި ގެއްލުންތަކަކީ ބަލަން ކެތްކުރަން ދަތި ހިތްދަތި މަންޒަރުތަކެއް ކަމަށް އިންޑިއާގެ މެގަ ސްޓާ އަމީތާބް ބައްޗަން ބުނެފިއެވެ.
އަމީތާބް މިހެން ބުނެފައިވަނީ ހާލުގައި ޖެހިފައިވާ ފަރާތްތައް ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ މި ދަނޑިވަޅުގައި، ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް އެ ގައުމަށް އެހީތެރިކަމާއި ހަމްދަރުދީ ފާޅުކުރަމުންދާ ވަގުތެއްގައެވެ.
އަމީތާބްގެ ރަސްމީ ބްލޮގުގައި ލިޔެފައިވާ ގޮތުގައި، ގުދުރަތީ ކާރިސާތަކަކީ އިންސާނުންގެ ބާރު ފޯރާނެ ކަންކަމެއް ނޫނެވެ. އަދި މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި އޮތް ހަމައެކަނި އުންމީދަކީ ކައުނުގެ ވެރި ރަސްކަލާނގެ މިންވަރުފުޅަށް އިތުބާރުކުރުން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މިދިޔަ ބުދަ ދުވަހު ނޭޕާލުގެ ރަސުވާ އާއި މެދުތެރޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވާން މެދުވެރިވީ، ޗައިނާގެ ބޯޑަރު ކައިރީގައި އޮންނަ ގްލޭޝިއާއެއް ބިންދައިގެން ގޮސް، އުފެދުނު ގަނޑުފެނާއި ކިސަޑުގެ ސައިލެއްގެ ސަބަބުންނެވެ.

ފެންބޮޑުވުމުގެ ސަބަބުން ނޭޕާލްގެ ގިނަ އަދަދެއްގެ ބުރިޖުތަކާއި، މަގުތަކާއި، އަދި ހައިޑްރޯޕަވަރު ކާރުޚާނާތައް ވަނީ އެއްކޮށް ހަލާކުވެފައި--ފޮޓޯ/ފޭސްބުކް
އުމުރުން 83 އަހަރުގެ އަމީތާބް އިތުރަށް ބުނެފައިވަނީ، ނޭޕާލުން ފެންނަމުންދާ މަންޒަރުތަކަކީ އިންސާނެއްގެ ހިތަށް ކެތްވާވަރަށް ވުރެ މާ ހިތާމަވެރި މަންޒަރުތަކެއް ކަމަށާއި، މި ދަނޑިވަޅުގައި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮ ދުއާ ކޮށްދިނުމަށް އެދޭ ކަމަށެވެ.
މި ކާރިސާގައި ގިނަ ބައެއްގެ ގެދޮރާއި، އުޅަނދުފަހަރާއި، މަގުތަކުގެ އިތުރުން ފާލަންތައް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި ބައެއް އަވަށްތައް އެއްކޮށް ކިސަޑާއި ފެނުގެ އަޑިއަށް ގޮސްފައިވާއިރު، އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން 670 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 2،400 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.
އަމީތާބްގެ އިތުރުން ފަރުހާން އަޚްތަރު، ކަންގަނާ ރަނާވަތު، ބޫމީ ޕެޑްނޭކަރް، ސޯނޫ ސޫދު، މަނީޝާ ކޮއިރާލާ އަދި ސަންޖޭ ދަތު ފަދަ މަޝްހޫރު ތަރިން ވަނީ މި ހިތާމައިގައި ބައިވެރިވެ، ތައުޒިޔާ އާއި ހަމްދަރުދީގެ މެސެޖުތައް ފޮނުވާފައެވެ. އަދި ބައެއް ތަރިން ވަނީ އެހީ ބޭނުންވާ ފަރާތްތަކަށް ހާއްސަ ހެލްޕްލައިން ނަންބަރުތައް ވެސް އާންމުކޮށްފައެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ ސޯނޫ ސޫދު ބުނި ގޮތުގައި، ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އޭނާ ދަނީ ކުރަމުންނެވެ. އަދި ނޭޕާލަށް އުފަން ބަތަލާ މަނީޝާ ކޮއިރާލާ ވެސް ވަނީ އޭނާގެ އުފަން ވަޒަނަށްޓަކައި ހެޔޮ ދުއާ ކޮށްދިނުމަށް އެދިފައެވެ.
މި ކާރިސާއާ ގުޅިގެން ނޭޕާލުގައި މިވަގުތު ތިބި ބޭރު ގައުމުތަކުގެ މީހުންގެ ސަލާމަތާމެދު ވެސް ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. އޭގެތެރޭގައި ބަންގްލަދޭޝްގެ ފިލްމެއްގެ މަސައްކަތަށް އެ ގައުމަށް ގޮސް އުޅޭ ބެންގާލީ އެކްޓަރު ޚަރާޖް މުކަރްޖީ އާއި އޭނާގެ އާއިލާ ހިމެނެއެވެ.
ނަމަވެސް، އެމީހުން ތިބީ ކާރިސާ ހިނގި ސަރަހައްދާ ދުރު ހިސާބެއްގައި ކަމުން، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ.