ނޭޕާލާއި އިންޑިއާގެ އާސާމަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވިޝާލް މިޝްރާ ހާއްސަ މިއުޒިކީ ޝޯތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ޝޯތަކުން ލިބޭ މުޅި އާމްދަނީ އެ ސަރަޙައްދުތަކުގެ ރިލީފް މަސައްކަތްތަކަށް ހަދިޔާކުރާނެ ކަމަށް އޭނާ ވަނީ އިއުލާނުކޮށްފައެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ވިޝާލް ހާމަކުރި އަސަރުގަދަ މެސެޖުގައި ބުނެފައިވަނީ، މި ހިތާމަވެރި ދަނޑިވަޅުގައި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ވެދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ.
އެގޮތުން، ނޭޕާލާއި އާސާމްގައި ބާއްވާ ކޮންސަޓްތަކުން ލިބޭ ހުރިހާ ފައިސާއެއް ޚަރަދުކުރާނީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިވުމަށް ކަމަށް އޭނާ ބަނީ ބުނެފައެވެ. އަދި ހިތްވަރު އެލުވާނުލައި ތިބުމަށް އެދެމުން، މި ޝޯތަކުގެ އިތުރު ތަފްސީލު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ވިޝާލް މެހެރާ މިއުޒިކް ކޮންސެޓެއްގައި ލަވަ ހުށަހަޅައިދެނީ--ފޮޓޯ/ބޮލީވުޑްހަންގާމާ
ވިޝާލްގެ މި އިންސާނިއްޔަތުކަމުން ފުރިގެންވާ ނިންމުމަށް ފިލްމީ އަދި މިއުޒިކީ ދާއިރާގެ ގިނަ ފަންނާނުންގެ ތައުރީފު ދަނީ ލިބެމުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ބަތަލާ ރޫބީނާ ދިލައިކް އަދި ސެލީނާ ޖެއިޓްލީ ފާހަގަކޮށްލެވެއެވެ.
ވިޝާލް މިފަދަ ނިންމުމެއް ނިންމާފައިވަނީ، ބޯކޮށް ވާރޭވެހި، ފެންބޮޑުވެ އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ދަނޑިވަޅެއްގައެވެ. މި ހާދިސާތަކުގެ ސަބަބުން މިހާތަނަށް 600 އަށްވުރެ ގިނަ މީހުން މަރުވެ، 2,900 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު، އޭގެ ތެރޭގައި ބޭރު ޤައުމުތަކުގެ ގިނަ ރައްޔިތުންތަކެއްވެސް ހިމެނެއެވެ.