ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމުން ރިސޯޓު ވިޔަފާރިތައް ދެކޮޅު ނުޖެހި ބަނގުރޫޓުވެ، އެ ވިޔަފާރިތަކާ ގުޅުންހުރި ދެން ހުރި ވިޔަފާރިތަކަށް އަސަރުކުރާނެ ކަމަށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރިސޯޓު އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހެވެ. ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ފުރަތަމަ އޮތީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުން އުވާލައި، ރިސޯޓުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށެވެ.
ނަމަވެސް، ކޮމިޓީން ބިލު ނިންމައި ތަޅުމަށް ފޮނުވުމަށްފަހު، އިތުރު އިސްލާހުތަކެއް ގެނައުމަށް އަލުން ކޮމިޓީއަށް ފޮނުވައިގެން ގެނައި ބަދަލާއެކު، ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު މާރުކުރަން ޖެހޭ ގޮތަށް ފާސްކުރިއެވެ.
އެކަމާ ގުޅުވައި ނަޝީދު 'އެކްސް'ގައި ލިޔުއްވައިފައިވަނީ، ރިސޯޓު ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރުމަށް މަޖުބޫރުކުރުމުން އެ ވިޔަފާރިތައް ދެކޮޅު ނުޖެހި ބަނގުރޫޓުވުން އެކަށީގެންވާ ކަމަށެވެ.
"ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ތަނަވަސްކަން ހޯދެނީ ވިޔަފާރިވެރިޔާ ވެސް މަސައްކަތްކުރާ މީހާ ވެސް ހުރީތީ، ވިޔަފާރިވެރިޔާ ހޯދާ މުއްސަނދިކަމަކީ އޭނާގެ މަސައްކަތުން ހޯދާ މުއްސަނދިކަމެއް، އެ މުއްސަނދިކަން ގުޅިފައިވަނީ މުޅި ގައުމުގެ އެންމެންގެ ވެސް ތަނަވަސްކަމާ،" ނަޝީދު ލިޔުއްވައިފައިވެއެވެ.
ނަޝީދު ލިޔުއްވިގޮތުގައި ރިސޯޓު ވިޔަފާރިތައް ބަނގުރޫޓުވުމުގެ ސަބަބުން އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާ ގެއްލި، ރިސޯޓު ވިޔަފާރިތަކާ ގުޅުންހުރި ވިޔަފާރިތަކަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ.
މީގެ ކުރިން އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައިވަނީ، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމަކީ އިންވެސްޓަރުންގެ އިތުބާރަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ދިގު މުއްދަތުގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި މިދިޔަ ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމައިފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެފައި ވެއެވެ. ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް މަޖިލީހުން ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނައީ އެއަށް ފަހެވެ.
ގަވަރުނަރުގެ ވާހަކައާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެގޮތުން ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަކީ އެ ވިޔަފާރިތަކަށް ތަހައްމަލު ކުރެވޭނެ ބުރައެއް ނޫން ކަމަށް މަޓީގެ ބަޔާނުގައިވެއެވެ.