ނޭޕާލުގައި ހާލުގައި ޖެހިފައިވާ މީހުންނަށް، ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް އެހީވުމުގެ ފުރުސަތު

ނޭޕާލަށް ދިމާވި ކާރިސާގެ ތެރެއިން ---

ނިމުނު ބުދަ ދުވަހުގެ ހެނދުނު ހިމާލިޔާ ފަރުބަދަތަކުގެ ސަރަހައްދުން ގްލޭޝިއާއެއް ވެއްޓުމުގެ ސަބަބުން، ނޭޕާލާއި ޓިބެޓު ގުޅޭ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ބޮޑު ކާރިސާއާ ގުޅިގެން، އެ ސަރަހައްދުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ރެޑް ކްރެސެންޓް (އެމްއާރްސީ)އިން ހުޅުވާލައިފިއެވެ.

އެމްއާރްސީއިން ރޭ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ ޖަމިއްޔާގެ ފަރާތުން ނޭޕާލުގައި ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "އެމްއާރުސީ ނޭޕާލް ސޮލިޑަރިޓީ ފަންޑް"ގެ ނަމުގައި މިހާރު ފަންޑެއް ހުޅުވާލައިފައިވާ ކަމަށެވެ.

މި ފަންޑު ހުޅުވައިފައި ހުންނާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެމްއާރްސީއިން ވަނީ މި ކާރިސާގެ އަސަރު ކުރި މީހުންގެ އަދަދު ގާތްގަނޑަކަށް 93،000އަށް އަރާ ކަމަށް ލަފާކުރެވޭކަން ފާހަގަކޮށްފައެވެ.

މި ހާދިސާގައި ފެންގަނޑާއެކު އައި ގަލާއި، އައިސް އަދި ކިސަޑުގެ ސަބަބުން، ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއާއި ޓިބެޓުގެ ލާސާ ގުޅުވައިދޭ މަގުތަކާއި، ބްރިޖުތަކުގެ އިތުރުން ކަރަންޓު އުފައްދާ ސްޓޭޝަންތައް ވަނީ ހަލާކުވެފައެވެ. އެއީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަގެއް ކަމަށްވާއިރު، ގެއްލުނު މީހުންގެ ތެރޭގައި މަދުވެގެން 540 ބިދޭސީން ހިމެނޭކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

https://sun.mv/226635

ނޭޕާލުގެ ކާރިސާތަކާ ބެހޭ އިދާރާއިން އިންޒާރުދީފައިވާ ގޮތުގައި، އެ ސަރަހައްދުގައި އޮންނަ ބޯޓެކޯޝީ ކޯރު ބެދުމުގެ ސަބަބުން އުފެދިފައިވާ ފެންގަނޑު ދަނީ ބޮޑުވަމުންނެވެ. އަދި އެ ފެންގަނޑު ފެތުރިގެން ދިއުމުގެ ނުރައްކާ ވަރަށް ބޮޑެވެ.

މި ކާރިސާގައި ޗައިނާގެ ފަޅިން އެންމެ ބޮޑަށް ގެއްލުންވެފައިވަނީ ޓިބެޓުގެ ގިޔަރޮންގް ކައުންޓީއަށެވެ. ސީސީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ސަރަހައްދުން 558 މީހުން ގެއްލިފައިވާއިރު، އޭގެ ތެރޭގައި 260 ބިދޭސީން ހިމެނެއެވެ.

comment ކޮމެންޓް