މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ޖަލު ހުކުމެއް

އެމްޑީޕީގެ މަޝްހޫރު އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރުކުރި މީހުން، ކުށަށް އިއުތިރާފުވުމުން ގާތްގަނޑަކަށް ދޮޅު މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މަންދީ ގަޔަށް ކަޅު ތެޔޮ ޖެހި މައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ ގއ. ދާންދޫ، ސަންލައިޓްވިލާ އަހްމަދު ރިޝްމާހާއި މ. ކޯރަސް އަހްމަދު ރައިހާމް ނައީމްގެ މައްޗަށެވެ.

މި ދެ މީހުންގެ މައްޗަށް މި ކޭސްގައި ދައުލަތުން ދެ ދައުވާއެއް އުފުލިއެވެ. އެއީ، މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން، ގައިގައި އަތްލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

https://www.sun.mv/222530

މި ދެ ދައުވާއަށްވެސް ދެ މީހުންވެސްވަނީ ޝަރިއަތުގައި އިއުތިރާފުވެފައެވެ. ދެ ދައުވާގެ ތެރެއިން، މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެ ރިޝްމާގެ އިއްވީ އެއް މަހާއި ހަ ދުވަހުގެ ހުކުމެކެވެ. އެކަމަކު، މި މައްސަލައިގައި ކުރިން އޭނާ ބަންދުކޮށްފައިވާ މުއްދަތު އުނިކުރުމުން ދެން ތަންފީޒު ކުރަން ޖެހެނީ 20 ދުވަހުގެ ޖަލު ހުކުމެކެވެ. ގައިގައި އަތްލުމުގައި ބައިވެރިވުމުގެ ކުށުގެ އަދަބަކަށް ކްރިމިނަލް ކޯޓުން އިއްވީ، 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން މި ދެ މައްސަލައިގައި ރިޝްމާހް ތަންފީޒު ކުރަން ޖެހޭ ހުކުމަކީ 38 ދުވަހުގެ ހުކުމެކެވެ.

ރައިހާންވެސްވަނީ ޝަރިއަތުގައި ދެ ދައުވާއަށްވެސް އިއުތިރާފުވެފައެވެ. ކަޅުތެޔޮ ޖެހި މައްސަލައިގައި ރައިހާންގެ މައްޗަށް، މުދަލަށް ގެއްލުން ދިނުމުގެ ކުށް ސާބިތުވެ އިއްވީ، 27 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ގައިގައި އަތްލުމުގެ ކުށް ސާބިތުވެ އިއްވީ، 13 ދުވަހުގެ ޖަލު ހުކުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމުގެ މަންމަ، މަންދީ ގަޔަށް ކަޅު ތެޔޮ ޖެހީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ސިލްސިލާ މުޒާހަރާގައި ބައިވެރިވުމަށް ފަހު، ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައި މާލޭގެ ވުޑްބެރީ ރެސްޓޯރެންޓު ހިމެނޭ ސަރަހައްދުންނެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި ގއ. ދާންދޫ، ސަންލައިޓްވިލާ އަހްމަދު ރިޝްމާހުއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައިވެސް ހައްޔަރު ކުރި މީހެކެވެ. އަދި ރައިހާންއަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ, ބީއެމްއެލްގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

comment ކޮމެންޓް