ހިޔާ ފުލެޓެއްގެ ބެލްކަނީގައި ޖިންސީ ގުޅުން ހިންގި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވީ، ހިޔާ ފުލެޓެއްގެ ބެލްކަނީގައި ދެ މީހަކު ބަދު އަޚުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ މީސްމީޑިއާގައި އާންމުވުމުންނެވެ. މިނެޓެއް ވެސް ހަމަނުވާ އެ ވީޑިއޯއިން ލަފާ ކުރެވޭ ގޮތުގައި އެ މީހުން އެ ކަން ކޮށްފައި ދުވާލުގެ ވަގުތުގައެވެ.
މި މައްސަލައާއެކު، ފުލުހުން ފުރަތަމަ ބުނީ، ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބެލެވޭ މަންޒަރު ފެންނަ ވީޑިއޯއެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.
'ސަން'އިން މިއަދު ސުވާލުކުރުމުން ކުރު މެސެޖަކުން ދިން ޖަވާބުގައި ފުލުހުން ބުނީ، އެ މައްސަލައިގައި ފުލެޓުގެ ވެރިފަރާތާ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި، ބަދު އަޚުލާގީ އަމަލު ހިންގި ދެ މީހުން ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުން އަންނަކަން ފުލުހުން ފާހަގަކުރިއެވެ.
ނަމަވެސް، އެ މީހުން ހޯދައި، އަޅާނެ ފިޔަވަޅެއް ފުލުހުން ބުނެފައެއް ނުވެއެވެ.
މީގެ ކުރިން ވެސް މަދުން ނަމަވެސް މިފަދަ މައްސަލަތައް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ.
މި ހާދިސާ ހިނގާފައިވާ ހިޔާ ފްލެޓް ސަރަހައްދަކީ 7،000 ފްލެޓް ހިމެނޭ، އަދި 30،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ސަރަހައްދެކެވެ.