ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމުތަކުން ކުރާ މަސައްކަތް ފުޅާކުރުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
އިއްޔެ ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އޯއައިސީގެ އެކްސްޓްރާއޯޑިނަރީ މީޓިންއަކީ، ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެ ޖަމިއްޔާގެ ބައްދަލުވުމެއްގައި އިރުތިޝާމް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި އެކަމަނާ ދެއްވި ތަގުރީރުގައި، ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލުގެ މިލްކެއް ކަމުގައި ނިންމައި، އެ ބިންތައް ހިސާރުކުރަމުންދާ މައްސަލަ ކުށްވެރިކުރެއްވިއެވެ. އަދި އިސްރާއީލުގެ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވައި، ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އިސްލާމީ އުއްމަތުގެ އުސޫލުތައް ދެމެހެއްޓުމަކީ އޯއައިސީގެ މެންބަރު ގައުމުތަކުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި ހައްގުތައް ހޯދައިދިނުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. އެގޮތުން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ގާއިމުކުރުމަށް ތާއީދުކުރައްވާކަން ތަކުރާރުކުރެއްވިއެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ސުލްހައަކަށް އޮތް މަގެއްގެ ގޮތުގައި “ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ގާޒާ ކޮންފްލިކްޓް” ތަންފީޒުކުރުމަށް ވެސް އެކަމަނާ ގޮވާލެއްވިއެވެ.
މި ބައްދަލުވުމުގެ ހަވާސާގައި، އޯއައިސީގެ ބައެއް މެންބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، އެ ޖަމިއްޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އިރުތިޝާމް އަލިއަޅުއްވާލެއްވިއެވެ. ފަންސާސް ހަތް ގައުމުގެ މައްޗަށް އެކުލެވިގެންވާ އޯއައިސީއަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރަމުން އަންނަ ޖަމިއްޔާއެކެވެ. ދިވެހިރާއްޖެއިން އެ ޖަމިއްޔާގެ މެންބަރަކަށްވީ 1976 ވަނަ އަހަރުއެވެ. އޭގެ ފަހުން ރާއްޖެއިން އަންނަނީ އޯއައިސީގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ.