އިނގިރޭސި ލީގު ކަޕުގެ ދެވަނަ ބުރުގައި ކުޅުނު މެޗުތަކުން މޮޅުވެ، އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ކުލަބަކުން މުބާރާތުގެ ތިންވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މީގެ ތެރެއިން ނިއުކާސަލް ޔުނައިޓެޑުން ވަނީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ވެސްޓް ބްރޮމް ބަލިކޮށްފައެވެ. މެޗުގެ 19 ވަނަ މިނެޓުގައި އައިޒަކް ޕްރައިސްގެ ހިތްގައިމު ހިލޭޖެހުމަކުން ވެސްޓް ބްރޮމުން ލީޑު ނެގި ނަމަވެސް، 38 ވަނަ މިނެޓުގައި ބަޒޫމާނާ ޓޫރޭ ވަނީ ނިއުކާސަލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން 48 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހާވީ ބާންސް ނިއުކާސަލަށް ލީޑު ހޯދައިދިނެވެ. އޭގެފަހުން 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕްރައިސް އަލުން ނަތީޖާ ހަމަހަމަކުރި ނަމަވެސް، 81 ވަނަ މިނެޓުގައި ބާންސް ކާމިޔާބުކުރި އޭނާގެ ދެވަނަ ލަނޑާއެކު ނިއުކާސަލުން ވަނީ މެޗުން މޮޅުވެފައެވެ.
އީއެފްއެލް ޗެމްޕިއަންޝިޕުގެ ޕްރެސްޓަން ނޯތު އެންޑްގެ މައްޗަށް އެވަޓަނުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދިއިރު، އެ ޓީމުގެ ޓިއާނޯ ބެރީ ވަނީ 25، 59 އަދި 70 ވަނަ މިނެޓުގައި ލަނޑުތައް ޖަހައި އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށްފައެވެ.
އިނގިރޭސި ލީގު ކަޕުގެ ދެވަނަ ބުރުގައި އެވަޓަން އާއި ޕްރެސްޓަން ނޯތު އެންޑް ކުޅުނު މެޗުގެ ތެރެއިން -- އެވަޓަންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބްރެނަން ޖޯންސަންއެވެ. މީގެ އިތުރުން ޓޮޓްނަމް ހޮޓްސްޕާއިން ވަނީ އަމިއްލަ ދަނޑުގައި ޗާލްޓަން އެތުލެޓިކް 5-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.
މި މެޗުގައި ޓޮޓްނަމްގެ ލަނޑުތައް ޖަހައިދިނީ މައިކީ މޯ، ޑޮމިނިކް ސޮލާންކޭ، ކެވިން ޑަންސޯ، ބެން ޑޭވިސް އަދި އެ ޓީމާ އަލަށް ގުޅުނު ސަވީނިއޯއެވެ. ޗާލްޓަންގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ލޮއިޑް ޖޯންސްއެވެ.
މި ބުރުގެ އެހެން މެޗުތަކަށް ބަލާއިރު، ލީގު ވަންގެ ބްރެޑްފަޑް ސިޓީން ވަނީ ޕެނަލްޓީ ޖަހައިގެން 4-2 އިން ޗެމްޕިއަންޝިޕުގެ ބާންލީ ބަލިކޮށްފައެވެ. އަދި ލީޑްސް ޔުނައިޓެޑް އަތުން ބަލިވި ނޮޓިންހަމް ފޮރެސްޓަކީ މިހާތަނަށް މުބާރާތުން ކެޓި ޕްރިމިއާ ލީގުގެ ހަމައެކަނި ޓީމެވެ. ޔޫރަޕުގެ މުބާރާތްތަކުގައި ވާދަނުކުރާ ޕްރިމިއާ ލީގުގެ 11 ޓީމު ދެވަނަ ބުރުން މުބާރާތާ ގުޅުނުއިރު، ބާކީ ތިބި ނުވަ ޓީމު މުބާރާތުގައި ކުޅެން ފަށާނީ ތިންވަނަ ބުރުގައެވެ.
ދެވަނަ ބުރުގެ މެޗުތަކަށްފަހު ނެގި ގުރުއަތުލުމާއެކު، އަންނަ ސެޕްޓެމްބަރު މަހުގެ 7 އިން 14 އަށް ކުޅުމަށް ހަމަޖެހިފައިވާ ތިންވަނަ ބުރުގެ ފޯރިގަދަ މެޗުތައް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ޓޮޓްނަމް ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.
މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބްރައިޓަންއާ ބައްދަލުކުރާއިރު، އާސެނަލް ނުކުންނާނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށެވެ. އަދި މެންޗެސްޓަރ ސިޓީ އަމިއްލަ ދަނޑުގައި ނޮރިޗް ސިޓީއާ ދެކޮޅަށް ނުކުންނައިރު، ނިއުކާސަލް ބައްދަލުކުރާނީ މިލްވޯލްއާއެވެ.
އިތުރު މެޗުތަކުގެ ތެރޭގައި ކްރިސްޓަލް ޕެލަސް އާއި މިޑްލްސްބަރާ، ސަންޑަލެންޑް އާއި ހަލް ސިޓީ، ކޮވެންޓްރީ ސިޓީ އާއި އެސްޓަން ވިލާ، ބޯންމަތް އާއި ލިންކަން ސިޓީ، އަދި ޗެލްސީ ނުވަތަ ލޫޓަން ޓައުން މޮޅުވާ ޓީމެއް ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ހިމެނެއެވެ.