ރާއްޖެއަށް ޑޮލަރު ނުލިބެނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށާއި، އެކަން ދިމާވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާ ހެދި ނޫން ކަމަށް، ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ބުނެފިއެވެ.
ޓީމުން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން ސަރުކާރަށް ބޭރު ފައިސާ މާރުކުރަންޖެހޭ މިންވަރު 40 އިންސައްތައަށް އިތުރުކުރުމަށް ނިންމުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންބޮޑުވުމެއް ކަމަށެވެ.
އެ ނިންމުމާ ގުޅިގެން، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ޒަމާނުއްސުރެ ޑޮލަރުން ދެމުން އައި މުސާރައާއި ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދޭން މަޖުބޫރުވާނެ ކަމަށް ރިސޯޓު ހިންގާ ފަރާތްތަކުން ބުނަމުން ދިޔަ ކަމަށް، ޓީމުން ބުންޏެވެ.
މި ބަދަލުގެ ސަބަބުން މުވައްޒަފުންނަށް ލިބޭ އާމްދަނީ އިންތިހާއަށް ދަށްވެ، މާލީގޮތުން ނުއުފުލޭ ވަރުގެ ބުރަޔަކާ ކުރިމަތިލާންޖެހުން އެކަށީގެންވާ ކަމަށް ވެސް ޓީމުގެ ބަޔާނުގައިވެއެވެ. އެ ޖަމިއްޔާއިން ބުނިގޮތުގައި ޑޮލަރު ލިބުން ރާއްޖެއަށް ދަތިވެފައި ވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ސިޔާސީ އެކި ނިންމުންތަކުގެ ސަބަބުންނެވެ.
އެ ޖަމިއްޔާއިން ބުނީ މުވައްޒަފުންގެ އެއްވެސް އިހުމާލެއް ނެތި ކުރިމަތިވީ ހާލަތުގެ އަގު މުވައްޒަފުން ދައްކަންޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
އެއާއެކު، ޓީމުގެ ބަޔާނުގައި ވަނީ ބައެއް ކަންކަމަށް ގޮވައިލައިފައެވެ. އެގޮތުން މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމުގެ ބަދަލުގައި ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަކޮށް ސިޔާސީ މުވައްޒަފުން މަދުކުރުމަށާއި، ބޭރު ގައުމުތަކުގައި ހިންގާ އެމްބަސީތަކާއި މިޝަންތައް މި ވަގުތަށް މަދުކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން އުފައްދާ ބޭރު ފައިސާ ރަނގަޅުގޮތުގައި މެނޭޖުކުރުމަށް އެ ބަޔާނުގައި ގޮވައިލައިފައިވެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ މުވައްޒަފުންގެ އާމްދަނީއަށް އުނިކަން އަންނާނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންނުކުރުމަށް ވެސް ޓީމުން ގޮވައިލައިފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މަރުކަޒީ ބޭންކު އެމްއެމްއޭއިން ބޭރު ފައިސާ ވިއްކުމަށް ކަނޑައަޅައިފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކާ ވާހަކައާއި އޭގެ އަގުތައް ޝާއިއުކުރުން މަނާކޮށް، އަދި ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު (ސަޓޯ) ހުށަހެޅުއްވި މި ބިލުގައި ފުރަތަމަ އޮތީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުން އުވާލައި، ރިސޯޓުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށެވެ.
ނަމަވެސް، ކޮމިޓީން ބިލު ނިންމައި ތަޅުމަށް ފޮނުވުމަށްފަހު، އިތުރު އިސްލާހުތަކެއް ގެނައުމަށް އަލުން ކޮމިޓީއަށް ފޮނުވައިގެން ގެނައި ބަދަލާއެކު، ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު މާރުކުރަން ޖެހޭ ގޮތަށް ވަނީ ފާސްކޮށްފައެވެ.
މި މައްސަލައިގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.