އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، އެ ބަދަލުތައް ތަންފީޒުކުރުން ފަސްކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ގޮވާލައިފިއެވެ.
މަޓާޓޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިހާރު ހުށަހެޅިފައިވާ އިސްލާހުގެ ސަބަބުން ދިވެހި ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމަށެވެ. އަދި ދިވެހި ވިޔަފާރިތަކަށް އަސަރުކުރާ މިފަދަ ބޮޑު ބަދަލެއް ގެންނައިރު، ދާއިރާގެ މަސްލަހަތުވެރިންނާއެކު އެކަށީގެންވާ މަޝްވަރާއެއް ކޮށްފައި ނުވާކަން މަޓާޓޯއިން ފާހަގަކުރިއެވެ.
އޭގެ އިތުރުން ރާއްޖޭގައި ދާއިމީ ތަނެއް ނެތް ބޭރުގެ ހުރިހާ އެޖެންޓުން މީރާގައި ރަޖިސްޓްރީވާން މަޖުބޫރުކުރުމަކީ ތަންފީޒުކުރަން އުނދަގޫ ކަމެއް ކަމަށް މަޓާޓޯއިން ބުންޏެވެ. އަދި ބޭރުގެ އެތައް ހާސް ބައިވެރިންނެއް ޓެކްސް ގަވާއިދުތަކަށް ހޭލުންތެރިކުރުވައި، ބެލެހެއްޓުމުގެ ޒިންމާ ދިވެހި އެޖެންޓުންގެ ބޮލުގައި ނޭޅުވޭނެ ކަމަށް ވެސް މަޓާޓޯއިން ބުންޏެވެ.
މި ކަންކަމުގެ ސަބަބުން ބޭރުގެ އެޖެންޓުން ރާއްޖެ އިސްތިހާރުކުރުން މަދުކޮށް، އެހެން ގައުމުތަކަށް ވިޔަފާރި ބަދަލުކުރުމުގެ ފުރުސަތު އޮތުމުން، އޭގެ ގެއްލުން އެންމެ ފުރަތަމަ ކުރާނީ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށް މަޓާޓޯއިން ބުންޏެވެ.
ހަމައެއާއެކު އަންނަ އޮކްޓޫބަރު މަހުން ފެށިގެން މި އިސްލާހަށް އަމަލުކުރަން ނިންމާފައި ވާއިރު، ކުރިއަށް އޮތް ޓޫރިޒަމް ސީޒަނަށް ބުކިންތަކާއި ކޮންޓްރެކްޓްތައް މިހާރު ވަނީ ނިމިފައި ކަމުން މިއީ އިތުރު މާލީ ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމަށް މަޓާޓޯއިން ބުންޏެވެ. އަދި ޓެކްސް ނެގުމުގެ ބޭނުމަށް ރާއްޖޭގެ އެޖެންޓުންގެ ބޭރުގެ ވިޔަފާރި ބައިވެރިންގެ ތަފްސީލީ މައުލޫމާތު ފޯރުކޮށްދޭން ޖެހޭތީ އެކަމާ ވެސް މަޓާޓޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މަޓާޓޯއިން ވަނީ ދައުލަތަށް އާމްދަނީ އިތުރުކުރަން ކުރާ މަސައްކަތުގައި ދިވެހި އެޖެންޓުން "ގުރުބާން" ނުކުރުމަށް ގޮވާލާފައެވެ. އަދި މި އިސްލާހަށް އަމަލުކުރުން ފަސްކޮށް، ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެކަށީގެންވާ އިންތިގާލީ މުއްދަތެއް ދިނުމަށް ސަރުކާރަށާއި މީރާއަށް އިލްތިމާސްކޮށްފައިވެއެވެ.