716 ހެކްޓަރު ހިއްކައި، އެންމެ ބިން ބޮޑު ރަށަކަށް ރަސްމާލެ

ރަސްމާލޭގެ ބިން ހިއްކަނީ: އެ ތަނުގެ 716 ހެކްޓަރު މިހާތަނަށް ވަނީ ހިއްކާ ނިންމާފައި ---

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލޭގެ 716 ހެކްޓަރު މިހާތަނަށް ހިއްކާ ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނާޝިދު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާޝިދު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަޝްރޫއު ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.

އެގޮތުން، 1،150 ހެކްޓަރުގެ ތެރެއިން ރަސްމާލޭގެ 716 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ. މިއާއެކު، މިހާރު ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަކަށް ރަސްމާލެ ވެފައިވާ ކަމަށާއި އެއީ މިހާތަނަށް އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމަށް ވުރެ 107 ހެކްޓަރު ބޮޑު މިންވަރެއް ކަމަށް ނާޝިދު ވަނީ ވިދާޅުވެފައެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތްކުރަނީ: އެ ތަނުގެ 716 ހެކްޓަރު މިހާތަނަށް ވަނީ ހިއްކާ ނިންމާފައި -- ފޮޓޯ/ އެޗްޑީސީ

މީގެއިތުރުން، ރަސްމާލެގެ މަޝްރޫއު ނިމުމާއެކު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

އެގާރަ ސައިޓަކަށް ބަހާލައިގެން ހިއްކާ ރަސްމާލޭން ޖުމުލަ 1،009 ހެކްޓަރު ހިއްކާނެއެވެ. ސަރުކާރުން ބުނާ ގޮތުގައި، އެ މަޝްރޫއުގެ ދަށުން 65،000 މީހުންނަށް ގެދޮރު ޔަގީންވާނެއެވެ.

ރަސްމާލޭގެ ދެބައި ކުޅަ އެއްބައި ހިއްކާ ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނެފައި މި ވަނީ، އެ މަޝްރޫއު ކުރިއަށް ނުދާ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތުކުރަމުން އަންނަނިކޮށެވެ.

ރަސްމާލެ ތަރައްގީކުރަން ބިން ހިއްކުމުގެ މަޝްރޫއު ރައީސް އިފުތިތާހުކޮށްދެއްވީ ޑިސެންބަރު 18، 2023ގައެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން: މިހާތަނަށް 62 ޕަސެންޓު މަސައްކަތް ވަނީ ހިއްކައި ނިމިފަ --- ފޮޓޯ: އެމްއޭސީއެލް

އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަށް މަހުން ނިންމާނެ ކަމަށެވެ. ނަމަވެސް އެ މަަސައްކަތް ލަސްވަމުން ގޮސް، ސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރު ވެސް ބިން ހިއްކުމުގެ މަސައްކަތް ނުނިމެއެވެ.

ރަސްމާލެ ހިއްކަން ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ވަނީ ގެނެސްފައެވެ. އެ ތަން ހިއްކުމުގެ މަސައްކަތް ކުރަނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ހަވާލުކޮށްގެންނެވެ.

ޖަނަވަރީ 22، 2024ގައި ރައީސް ވަނީ، ރަސްމާލެއާއި މާލެ ގުޅުވާލާނީ ދުނިޔޭގެ ފުރަތަމަ، ކަނޑުއަޑީގެ ޓަނަލަކުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރު މަހު އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އެފަދަ ޓަނަލެއް އެޅުމުގެ ޓެކްނޮލޮޖީއެއް ދުނިޔޭގައި މި ވަގުތު ފެންނަން ނެތް ކަމަށެވެ.

https://sun.mv/219884

މިނިސްޓަރު ވިދާޅުވީ ކަން އެހެން އޮތް ނަމަވެސް، ރައީސް އެ ތަސައްވުރު ދެކެވަޑައިގަތީމާ ދެން އޮންނާނީ އެ ކަމަށް މަސައްކަތްކުރުން ކަމަށެވެ. އެހެންވެ، އެ ކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

މިދިޔަ މާރިޗު 30ގައި ރައީސް ވަނީ އެ މަޝްރޫއުގެ އަދާހަމައެއް ދެއްވާފައެވެ. މިގޮތުން، ބިއްލޫރި ޓަނަލުގެ ފަންނީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އެކަމަކު މިވަގުތު ސަރުކާރުން އިސްކަންދެނީ ރަސްމާލެ ހިއްކައި ނިންމަން ކަމަށް އެ ދުވަހު ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް