ދެން ވެސް މައުލޫމާތު ނުލިބިއްޖެ ހާލަތެއްގައި ނޫނީ އާންމު އަޑުއެހުމެއް ނުބާއްވާނަން: ޢަޒީ

ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު: ވިދާޅުވީ މައުލޫމާތު ނުލިބިއްޖެ ހާލަތެއްގައި ނޫނީ އާންމު އަޑުއެހުމެއް ނުބާއްވަވާނެ ކަމަށް --- ފޮޓޯ: މަޖިލިސް

ދެން ވެސް މައުލޫމާތު ނުލިބިއްޖެ ހާލަތެއްގައި ނޫނީ އާންމު އަޑުއެހުމެއް ނުބާއްވަވާނެ ކަމަށް، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފައިވާ ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު (ޢަޒީ) މިއަދު ވިދާޅުވެއްޖެއެވެ.

މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދުގެ ދައުރު އަންނަ ސެޕްޓެންބަރު މަހުގެ ހަ ވަނަ ދުވަހަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވައިލީ މި ހިނގާ އޮގަސްޓު މަހުގެ ތިންވަނަ ދުވަހުން ފެށިގެން 16ވަނަ ދުވަހެގެ ނިޔަލަށެވެ.

އެ މުއްދަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވީ ޢަޒީގެ ނަމެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޢަޒީއާ އިންޓަވިއުކުރުމަށް ފަހު، އޭނާއަށް ރުހުންދޭން ފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ.

https://www.sun.mv/226462

ހަ މެންބަރުން ހާޒިރުވި ބައްދަލުވުމުގައި ޢަޒީއަށް ރުހުންދޭން ނުފެންނަ ކަމަށް ވޯޓުދެއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.

މި ބައްދަލުވުމުގައި މީކާއީލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޢަޒީ ވިދާޅުވީ، 2014ވަނަ އަހަރު އަމަލުކުރަން ފެށި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މެންބަރުކަން ކުރެއްވި ދުވަސްވަރު އެ ކޮމިޓީގައި އިންނަވައި ދިރާސާކުރުމަށް ފަހު ހެދި ގާނޫނެއް ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޢަޒީއާ އިންޓަވިއު ކުރުން -- ފޮޓޯ/ މަޖިލިސް

ޢަޒީ ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ މަގުސަދަކީ ތަންތަން ބޭޒާރުކުރުން ނޫން ކަމަށާއި އާންމުންނަށް މައުލޫމާތު ހޯދައިދިނުން ކަމަށެވެ.

"އަޅުގަނޑުގެ ދައުރުގައި އަޅުގަނޑު ކުރާ ކަމަކީ މައުލޫމާތަކަށް އެދިއްޖެއްޔާ ޑިޕްލޮމަސީ ބޭނުންކޮށްގެން ހޯދައިދެނީ މައުލޫމާތު، އެހެންވެއްޖެއްޔާމު ނުޖެހޭނެ ނޫންތޯ ޕަބްލިކް ހިއަރިންއެއް ބާއްވާކަށް،" ރާއްޖޭގައި އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުކަން ކުރެއްވި ޢަޒީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، ބައެއް މީހުން މައްސަލައެއް ހުށަހެޅޭއިރަށް އާންމު އަޑުއެހުން ބާއްވަން ބޭނުންވަނީ މަޝްހޫރުވުމުގެ ބޭނުމުގައެވެ.

"އެއްގޮތަކަށް ވެސް ނުލިބިއްޖިއްޔާ ނޫނީ އަދިވެސް އަޅުގަނޑު ނުބާއްވާނަން އިނގޭތޯ،" ޢަޒީ ވިދާޅުވިއެވެ.

ޢަޒީ ވިދާޅުވީ، މަގާމުގައި ހުންނަވައި ކުރެއްވިހާ ވެސް މަސައްކަތަކީ އާންމުންނަށް މައުލޫމާތު ހޯދައިދިނުން ކަމަށެވެ. އޭނާގެ ދައުރުގެ ފަހުކޮޅު އަޑުއެހުމެއް ތާވަލުކުރީ އޭނާ ވިދާޅުވިގޮތުގައި، މައުލޫމާތަށް އެދުނު ފަރާތަށް ފޯމުތަކެއްގެ މައްސަލައެއްގައި އިލެކްޝަންސް ކޮމިޝަނުން އޭރު މައުލޫމާތު ނުދިނުމުން އެހެން ގޮތެއް ނެތިގެންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އިދާރާ އުފެއްދެވީ އޭނާ ކަމަށާއި، ހުރިހާ ގަވައިދެއް ލިޔެ، ފަރުމާކުރެއްވީ ވެސް އޭނާ ކަމަށް ޢަޒީ ވިދާޅުވިއެވެ.

"އެކަމަށް ދައުލަތުން އެންމެ ލޯ ލާރިއެއް ވެސް ޚަރަދުނުކޮށް،" އޭނާ ވިދާޅުވިއެވެ.

https://sun.mv/226431

ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ނައިބު މުގައްރިރުކަމުގައި ހުންނަވައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ފާސްކުރަން ވަރަށް މަސައްކަތްކުރައްވައިފައިވާނެ ކަމަށް ޢަޒީ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ގަބޫލުކުރައްވާ ހައްގެއް ކަމަށް ވިޔަސް، އެ ހައްގު ހޯދައިދިނުމަށް މަސައްކަތްކުރެއްވީ ޕަބްލިސައިޒްކޮށްގެން ނޫނެވެ.

"އެއްވެސް މީހަކަށް ނުކުރޭނެ ތިމަންނާއަކަށް މައުލޫމާތު ނުލިބުނެކޭ ވިދާޅުވާކަށް،" ޢަޒީ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ، ޢަޒީ ކޮމިޝަނަރުގެ ގޮތުގައި ހުންނެވި މުއްދަތުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ފުރިހަމައަށް ތަންފީޒުނުކުރެވޭ ކަމަށް ބުނެފައެވެ. އަދި އޭނާއަކީ މަގާމަށް ގާބިލު ބޭފުޅެއް ކަމަށް ނުދެކޭ ކަމަށާއި، އެހެންވެ، ޢަޒީގެ ނަން ފާސްނުކޮށް އަލުން އެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމަށް ޓްރާންސްޕޭރަންސީން ވަނީ ގޮވައިލައިފައެވެ.

comment ކޮމެންޓް