އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އަޒީޒް ގާބިލެއް ނޫން، އަލުން މަގާމަށް ހުޅުވާލަން ޖެހޭ: ޓްރާންސްޕޭރެންސީ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އަޒީޒް ގާބިލު ނޫން ކަމަށް ޓްރާންސްޕޭރެންސީން ބުނޭ -- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު (ޢަޒީ) އެ މަގާމަށް ކުފޫ ހަމަނުވާ ކަމަށް ބުނެ، އެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވައިލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވައިލައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަޒީ އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވުމުން، އޭނާގެ ނަން ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ މިއަދެވެ. ޢަޒީއާ މެދު އާންމުންގެ ޝަކުވާއެއް އޮތް ނަމަ ހުށަހަޅަން ދިނީ އެންމެ ހަ ގަޑިއިރެވެ.

ޢަޒީގެ ނަމަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތު ކުރުވުމުން، ބައެއް ފަރާތްތަކުން ވަނީ އެކަމާ މެދު ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

ޓްރާންސްޕޭރަންސީން އެކަމާ ގުޅޭ ގޮތުން ފުރަތަމަ ކުރި ޕޯސްޓެއްގައިވަނީ، ޝަކުވާ ހުށަހެޅުމަށް އިތުރު ވަގުތު ދިނުމަށް މަޖިލީހަށް ގޮވައިލައިފައެވެ.

އެއަށްފަހު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ޙުސައިން ރިޟާ އާދަމަށް ޓްރާންސްޕޭރަންސީން ފޮނުވި ސިޓީއެއްގައިވަނީ، މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނު އެކުލަވައިލުމަށްޓަކައި 2013ވަނަ އަހަރުން ފެށިގެން މަޖިލީހާ ގުޅިގެން މަސައްކަތްކޮށް، އެ ގާނޫނު ތަންފީޒުކުރުމަށްޓަކައި 12 އަހަރު ވަންދެން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެ ސިޓީގައި ޓްރާންސްޕޭރަންސީން ބުނެފައިވާ ގޮތުގައި، ޢަޒީ ކޮމިޝަނަރުގެ ގޮތުގައި ހުންނެވި މުއްދަތުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ފުރިހަމައަށް ތަންފީޒުނުކުރެވި، އެކަމުގެ ސަބަބުން އާންމުންނަށް އެ ހައްގު ލިބިގަތުމުގެ ފުރުސަތާއި އެ ހައްގު ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު އޮތީ ހަނިވެފައެވެ.

ހަމަ އެހެންމެ އޭނާގެ ދައުރުގައި މައުލޫމާތު ހޯދުމުގެ ފޯމު ފަރުމާކޮށްފައި އޮތީ އެ ހައްގަށް ހުރަސް އެޅޭ ފަދަ ގޮތަކަށް ކަމާއި، އެ ދައުރުގައި އާންމު އަޑުއެހުމެއް ވެސް ފުރަތަމަ ބޭއްވީ ޢަޒީގެ ދައުރުގެ ފަހުކޮޅުގައި ކަމަށް، ޓްރާންސްޕޭރަންސީގެ ސިޓީގައިވެއެވެ.

އެހެންކަމުން އެ ކަންބޮޑުވުންތަކާ ގުޅިގެން ޓްރާންސްޕޭރަންސީން ވަނީ، ޢަޒީއަކީ އިންފޮމޭޝަން ކޮމިޝަނަރުކަމަށް އެންމެ ގާބިލު ބޭފުޅާކަމަށް ނުދެކޭ ކަމަށް ބުނެފައެވެ. ވުމާއެކު ޢަޒީގެ ނަން ފާސްނުކޮށް އަލުން އެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމަށް ޓްރާންސްޕޭރަންސީން ވަނީ ގޮވައިލައިފައެވެ.

https://sun.mv/226408

ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގައި މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ޢަޒީ އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަންކުރީ ޖުލައި 22، 2014ގައެވެ. ދިވެހިބަސް ވެސް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރައްވާ ޢަޒީ ވަނީ މި ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހުގެ މުއްދަތެވެ.

comment ކޮމެންޓް