ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ފަސޭހައިން މާލީ އެހީ ލިބޭނެ ނިޒާމެއް ބޭނުންވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޢަލީ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
މޮންގޯލިއާގެ އުލާންބާތަރުގައި ކުރިއަށްދާ ކޮޕް 17ގެ ހައިލެވެލް ސެގްމަންޓުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ، ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ބިން ހަލާކުވުމަކީ، ހަމައެކަނި ހިކި ބިންތަކަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ އޮނިގަނޑުތަކުން ހައްލު ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
ރާއްޖެ ފަދަ ގައުމުތަކުގެ ބިން ހަލާކުވާން ދިމާވާ ސަބަބުތަކަށް ވެސް މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ. މިގޮތުން، ގޮނޑުދޮށް ގިރުމާއި ފެނުގެ ފަށަލަ ލޮނުވުމާއި ތިރި ސަރަހައްދުތަކުގެ ނާޒުކުކަން އިތުރުވުމުން ބިން ހަލާކުވާން މެދުވެރިވާކަމަށް އަލީ ޝަރީފް ވަނީ ވިދާޅުވެފައެވެ.
އެހެންވެ، އެ މައްސަލައަކީ ކުއްލި ސަމާލުކަން ބޭނުންވާ ކަމެއްގެ ގޮތުގައި ބަލައިގަތުމަށް މިނިސްޓަރު، ގައުމުތަކަށް ގޮވާލެއްވިއެވެ. އަދި، މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ގާއިމުކުރާ މާލީ ނިޒާމުތަކަކީ ކުދި ޖަޒީރާ ގައުމުތަކުގެ ބޭނުންތައް ހައްލުކޮށް، އަދި ފަސޭހައިން އެހީ ލިބޭނެ ނިޒާމުތަކަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި، އެންވަޔަރަންމަންޓަލް ކޮންޒަވޭޝަންގެ ޑިރެކްޓަރު އަޙްމަދު ޝާންއާއި ސީނިއާ ސާވެޔާ ޢާއިޝަތު އަލްހާން ޙަމީދު ބައިވެރިވެވަޑައިގަންނަވައެވެ.