ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށްވާ، ފަސް އަހަރު ދުވަހުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢު އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 20 ނާސަރީގެ ތެރެއިން ފުރަތަމަ ނާސަރީ ސ. މީދޫގައި ރަސްމީކޮށް ހުޅުވައިފިއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުން ފަންޑުކޮށްގެން މިއަހަރު ތަރައްގީ ކުރުމަށް ސޮއިކުރެވުނު މި ނާސަރީތަކުގެ ތެރެއިން، މީދޫގައި ހުޅުވުނު މި ނާސަރީއަކީ 23،000 އަކަފޫޓުގެ ބޮޑު ބިމެއްގައި ޤާއިމުކުރެވިފައިވާ ތަނެކެވެ.
މި ނާސަރީގެ ސަބަބުން މި މަޝްރޫޢު އަތޮޅު ފެންވަރުގައި އިތުރަށް ފުޅާވެ، އެ ސަރަޙައްދުގެ ރަށްރަށަށް ބޭނުންވާ ގަސް ފަސޭހަކަމާއެކު ލިބިގެންދާނެ މަގު ވަނީ ތަނަވަސްވެފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ ދަށުން ބާކީ ހުރި 19 ނާސަރީގެ މަސައްކަތްތައް ވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، އަމާޒަކީ ވީ އެންމެ އަވަހަކަށް އެ ހުރިހާ ނާސަރީތަކެއްގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ގާއިމްކުރާ ފުރަތަމަ ނާސަރީ ސ. މީދޫގައި ހުޅުވުން... ފޮޓޯ/ އެންވަޔަމަންޓް މިނިސްޓްރީމީގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައި މިފަދަ ނާސަރީތައް ގާއިމުކުރެވިގެން ދިޔުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، ކައިރި ރަށްރަށަށް ގަސް ލިބުމުގެ ފުރުޞަތު ފަހިވެ، ރަށު ކައުންސިލްތަކަށް ގަސް ވިއްކައިގެން އާމްދަނީ ހޯދުމުގެ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
މި މުޅި މަޝްރޫޢު އެއްކޮށް ނިމިގެންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 21 ނާސަރީއެއް ގާއިމުކުރެވިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.
އޭގެ ތެރޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ 55،000 އަކަފޫޓުގެ ބޮޑު ނާސަރީވެސް ހިމެނޭއިރު، އެ ނާސަރީގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ތެރޭގައި ހުޅުވޭނެ ކަމަށް ވަނީ ލަފާކުރެވިފައިކަމަށް ވެސް ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޮޑު ތަރުޙީބެއް ލިބެމުންދާއިރު، މިހާތަނަށް މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2.4 މިލިއަން ގަސް ވަނީ އިންދާފައެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ ތިމާވެއްޓާ ރައްޓެހި ފެހި ވެއްޓެއް ޤާއިމުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ ޤައުމީ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.