އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަނުކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އަބްދުލްއަޒީޒް ޖަމާލްއާ އިންޓަވިއުކުރުމަށްފަހު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން ވަނީ އޭނާއަށް 75 ޕަސެންޓަށްވުރެ މަތިން މާކްސް ދީފައެވެ. އެއާއެކު އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ ތާއީދާއެކުއެވެ.

އޭނާގެ ނަން ތަޅުމަށް ފޮނުވަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެކަންޏެވެ. އަދި އޭނާއާ ގުޅިގެން ޝަކުވާ ހުށަހަޅަން ހަ ގަޑިއިރުގެ ކުރު މުއްދަތެއް ދިނުމަށްފަހު އިއްޔެ އިރުއޮއްސި 6:00 ގައި ވަނީ އެ ފުރުސަތު ބަންދުކޮށްފައެވެ.

ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ އިދާރާއިން ބުނީ، ސިޔާސީ މަގާމެއް ފުރުއްވާ ބޭފުޅަކަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާނުކުރެވޭނެ ކަމަށް ގާނޫނުގައި އޮންނާތީ، އެ މަގާމަށް އަބްދުލްއަޒީޒް އައްޔަނުކޮށްފި ނަމަ މިހާރު ހުންނެވި މަގާމު ދޫކޮށްލަން އިގުރާރު ކުރުވާފައިވާ ކަމަށާއި އޭނާގެ ޝަރުތު ހަމަވާ ކަމަށެވެ.

ނަމަވެސް، ރާއްޖޭގެ އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ފުރުއްވި އަބްދުލްއަޒީޒަށް އިތުރު ދައުރެއް ދެވިދާނެތޯ ގާނޫނީ ގޮތުން ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. މިގޮތުން ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އޮތް ގޮތުން ދައުރު އިތުރުކުރެވެނީ އެ މަގާމުގައި ހުރި މީހަކަށް އެކަންޏެވެ.

އާ އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރުމުގެ މަސައްކަތް މި ކުރަނީ، ރައީސް އޮފީހާއި ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހާމަނުކުރާ މައްސަލަތަކުގައި ދައުލަތް ގޯސްކުރާތީ މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދުއާ މެދު ސަރުކާރުގެ ހިތްހަމަނުޖެހުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް މުއިއްޒު ވަނީ އާހިދަކީ އިދިކޮޅުގެ އެޖެންޓެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އާހިދު ވަނީ އެ ވާހަކަތައް ދޮގުކުރައްވައި، އޭނާ މަސައްކަތް ކުރައްވަނީ ގާނޫނާ އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ.

https://sun.mv/226431

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އައްޔަންކުރަން ކޮމިޓީން ފާސްކުރިއިރު، އޭނާ އެ މަގާމަށް ކުފޫ ހަމަނުވާ ކަމަށް ބުނެ، އެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވައިލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އިއްޔެ ވަނީ ގޮވައިލާފައެވެ.

ޓްރާންސްޕޭރެންސީއިން މިކަމަށް ގޮވާލާފައިވަނީ ޢަޒީގެ ނަމަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތުގެ ތެރޭގައިއެވެ. އެ މުއްދަތު ކުރުވުމުން، ބައެއް ފަރާތްތަކުން ވަނީ އެކަމާ މެދު ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

ޓްރާންސްޕޭރަންސީން އެކަމާ ގުޅޭ ގޮތުން ފުރަތަމަ ކުރި ޕޯސްޓެއްގައިވަނީ، ޝަކުވާ ހުށަހެޅުމަށް އިތުރު ވަގުތު ދިނުމަށް މަޖިލީހަށް ގޮވައިލައިފައެވެ.

އެއަށްފަހު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ޙުސައިން ރިޒާ އާދަމަށް ޓްރާންސްޕޭރަންސީން ފޮނުވި ސިޓީއެއްގައިވަނީ، މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނު އެކުލަވައިލުމަށްޓަކައި 2013ވަނަ އަހަރުން ފެށިގެން މަޖިލީހާ ގުޅިގެން މަސައްކަތްކޮށް، އެ ގާނޫނު ތަންފީޒުކުރުމަށްޓަކައި 12 އަހަރު ވަންދެން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެ ސިޓީގައި ޓްރާންސްޕޭރަންސީން ބުނެފައިވާ ގޮތުގައި، ޢަޒީ ކޮމިޝަނަރުގެ ގޮތުގައި ހުންނެވި މުއްދަތުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ފުރިހަމައަށް ތަންފީޒުނުކުރެވި، އެކަމުގެ ސަބަބުން އާންމުންނަށް އެ ހައްގު ލިބިގަތުމުގެ ފުރުސަތާއި އެ ހައްގު ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު އޮތީ ހަނިވެފައެވެ.

ހަމަ އެހެންމެ އޭނާގެ ދައުރުގައި މައުލޫމާތު ހޯދުމުގެ ފޯމު ފަރުމާކޮށްފައި އޮތީ އެ ހައްގަށް ހުރަސް އެޅޭ ފަދަ ގޮތަކަށް ކަމާއި، އެ ދައުރުގައި އާންމު އަޑުއެހުމެއް ވެސް ފުރަތަމަ ބޭއްވީ ޢަޒީގެ ދައުރުގެ ފަހުކޮޅުގައި ކަމަށް، ޓްރާންސްޕޭރަންސީގެ ސިޓީގައިވެއެވެ.

އެހެންކަމުން އެ ކަންބޮޑުވުންތަކާ ގުޅިގެން ޓްރާންސްޕޭރަންސީން ވަނީ، ޢަޒީއަކީ އިންފޮމޭޝަން ކޮމިޝަނަރުކަމަށް އެންމެ ގާބިލު ބޭފުޅާކަމަށް ނުދެކޭ ކަމަށް ބުނެފައެވެ. ވުމާއެކު ޢަޒީގެ ނަން ފާސްނުކޮށް އަލުން އެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމަށް ޓްރާންސްޕޭރަންސީން ވަނީ ގޮވައިލައިފައެވެ.

comment ކޮމެންޓް