ސްމާޓްފޯނު އުފެއްދުމަށް ބޭނުންވާ މުހިންމު ކޮމްޕޯނެންޓްތަކުގެ އަގު ބާޒާރުގައި އިންތިހާއަށް އުފުލުމާ ގުޅިގެން، އަންނަ ސެޕްޓެމްބަރު މަހު ނެރުމަށް ތައްޔާރުވަމުން އަންނަ އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސްގެ އަގު ބޮޑުކުރުމަށް އެޕަލް ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބްލޫމްބާގްގެ މަޝްހޫރު ނޫސްވެރިޔާ މާކް ގާމަންގެ ހަފުތާގެ ނިއުސްލެޓާ ‘ޕަވާ އޮން’ ގައި ހާމަކޮށްފައިވާ ގޮތުގައި، ވާދަވެރި ސެމްސަންގާއި ގޫގުލް އިން އެ ކުންފުނިތަކުގެ ފްލެގްޝިޕް ފޯނުތަކުގެ އަގު 100 ޑޮލަރުން ބޮޑުކުރި ފަދައިން، އެޕަލް އިން ވެސް އައިފޯން 18 ޕްރޯގެ އަގު 100 ޑޮލަރުން އުފުލާލުމަށް އަންނަނީ ވިސްނަމުންނެވެ.
މި ބަދަލާ އެކު، އެމެރިކާގެ ބާޒާރުގައި އައިފޯން 18 ޕްރޯގެ އަގު ފެށޭނީ 1,199 ޑޮލަރުން ކަމަށް ލަފާކުރެވޭއިރު، މިއީ އައިފޯން 17 ޕްރޯއާ އަޅާބަލާއިރު ގާތްގަނޑަކަށް 9 އިންސައްތައިގެ ބޮޑުވުމެކެވެ.
މީގެ އިތުރުން އިންޑިއާގެ ބާޒާރުގައި ވެސް މި ފޯނުތަކުގެ އަގު ގާތްގަނޑަކަށް 10,000 ރުޕީސްއިން ބޮޑުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަގު ބޮޑުކުރަން ޖެހޭ މައިގަނޑު ސަބަބަކީ ފޯނުތަކަށް ބޭނުންވާ މެމޮރީ އަދި ސްޓޯރޭޖްގެ އަގު ބޮޑުވުން ކަމަށްވާއިރު، މީގެ ކުރިން އެޕަލްގެ އިސް އޮފިޝަލަކު ވަނީ އުފެއްދުންތަކުގެ އަގު އުފުލުމަކީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އެޕަލް އިން މިހާރު ވެސް މެކްބުކް އަދި އައިޕެޑްގެ އަގުތައް ބޮޑުކޮށްފައިވާއިރު، ކުރިއަށް އޮތް ތަނުގައި އައިފޯން 17، އައިފޯން އެއާ އަދި އައިފޯން 17 އީގެ އަގުތަކަށް ވެސް ބަދަލު އައުން އެކަށީގެންވާ ކަމަށް ބެލެވެއެވެ.
އަންނަ މަހުގެ ކުރީކޮޅު ބާއްވާ ހަފުލާގައި އައިފޯން 18 ޕްރޯ ސީރީޒްގެ އިތުރުން، އައިފޯން އަލްޓްރާ އާއި ކުންފުނީގެ ފުރަތަމަ ފަތްޖެހޭ ފޯނު އަދި އައު އެޕަލް ވޮޗާއި އެއާޕޮޑްސް ވެސް ތައާރަފުކުރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.