އެޕަލްގެ ފަށްޖެހޭ ފޯނުގައި ޓެލެފޮޓޯ ކެމެރާ ނެތުމުން ފާޑުކިޔުންތަކެއް

އައިފޯން ފޯލްޑްގެ ވިޝުއަލް ރެޕްރެޒެންޓޭޝަނެއް -- ފޮޓޯ: ޖޯން ޕްރޮސާ

އެޕަލް ކުންފުނިން އަލަށް ނެރުމަށް ތައްޔާރުވާ ފުރަތަމަ ފަށްޖެހޭ ފޯނު ޓެސްޓުކުރި މީހުންނަށް އޭގެ ގިނަ ކަންކަން ކަމުދިޔަ ނަމަވެސް، ދުރު މަންޒަރުތައް ސާފުކޮށް ނަގައިދޭ ޓެލެފޮޓޯ ކެމެރާއެއް ނެތުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ ކަމަށް ބްލޫމްބާގްގެ މާކް ގާމަން ރިޕޯޓްކޮށްފިއެވެ.

ބާޒާރުގައި ބޮޑު އަގެއްގައި ވިއްކަން ގަސްތުކުރާ މިފަދަ އަގުބޮޑު ފޯނެއްގައި ޓެލެފޮޓޯ ލެންސެއް ނުހިމެނުމަކީ ވިޔަފާރިއަށް އަސަރުކޮށްފާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

އެތެރޭގެ ޓެސްޓުތަކުގައި "އައިފޯން އަލްޓްރާ" ގެ ނަމުން ކިޔާ މި ޑިވައިސްގައި ހިމެނެނީ 48 މެގަޕިކްސެލްގެ މައި ލެންސަކާއި އަލްޓްރާ-ވައިޑް ލެންސެއް އެކުލެވޭ ދެ ކެމެރާގެ ސިސްޓަމެކެވެ. ކެމެރާގެ ލިމިޓޭޝަންތައް ހުރި ނަމަވެސް، ފޮޓޯ ނެގުމުގައި ވިއުފައިންޑަރެއްގެ ގޮތުގައި ބޮޑު ސްކްރީން ބޭނުންކުރުމަށް މި ފޯނު ވަރަށް ފުރިހަމަކަމަށް ޓެސްޓަރުން ވަނީ ބުނެފައެވެ.

ކެމެރާގެ ކަންބޮޑުވުން ފިޔަވައި، ފޯނުގެ ހުރިހާ ކަމަކަށް ޓެސްޓަރުންވަނީ ތައުރީފުކޮށްފައި ----

ކެމެރާގެ ކަންބޮޑުވުން ފިޔަވައި، ފޯނު ޖީބަށް ލާން ފަސޭހަ ސައިޒަކަށް ހުރުމާއި، ފަށްޖަހާ ހުޅުވާލަން ބޭނުންކުރާ ހިންޖް (ހުޅު) މެކޭނިޒަމްގެ ވަރުގަދަކަމަށް ބޭނުންކުރި ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

މީގެ އިތުރުން ފޯނު ހުޅުވާލުމުން ފެންނަ ބޮޑު ޑިސްޕްލޭއަށް ފެތޭގޮތަށް އައިޕެޑްގެ ސްޓައިލަށް އެޕްލިކޭޝަންތައް ތަރުތީބުކޮށްފައިވާ ގޮތާއި، އުފެއްދުންތެރި މަސައްކަތްތަކާއި ގޭމް ކުޅުމަށް ފޯނުގެ ސްކްރީން ވަރަށް ކަމުދާކަން ޓެސްޓަރުން ފާހަގަކުރިއެވެ.

ސެމްސަންގްގެ ޒެޑް ފޯލްޑް 8 ފަދައިން ފޮތެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ މި ފޯނުގެ ބޭރުގައި 5.5 އިންޗީގެ ސްކްރީނެއް އަދި ހުޅުވާލުމުން އެތެރޭގައި ގާތްގަނޑަކަށް 7.8 އިންޗީގެ ޑިސްޕްލޭއެއް ހިމެނެއެވެ.

ފޯނު ހުޅުވާލާއިރު އޭގެ ބޯމިން ގާތްގަނޑަކަށް 4.5 މިލިމީޓަރުގައި ބެހެއްޓުމަށްޓަކައި، ސްކްރީންގެ ދަށުން މަސައްކަތްކުރާ ފޭސް އައިޑީގެ ބަދަލުގައި އެޕަލްއިން ބޭނުންކޮށްފައިވަނީ ފޯނުގެ އަރިމަތީ ބަޓަނުގައި ހިމެނޭ ޓަޗް އައިޑީ ފިންގަޕްރިންޓް ސިސްޓަމެވެ.

އައިފޯން 18 ޕްރޯ އަދި 18 ޕްރޯ މެކްސް އާއެކު އެޕަލްގެ ފުރަތަމަ ފަށްޖެހޭ ފޯނު ރަސްމީކޮށް ދައްކާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިވެންޓެއްގައެވެ.

މި ފޯނުގެ އަގު އުޅޭނީ 2,000 އެމެރިކާ ޑޮލަރުން ފެށިގެން ކަމަށާއި، ސްޓޯރޭޖް ބޮޑެތި މޮޑެލްތަކުގެ އަގު 2,500 ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް