އައިފޯން 18 ސީރީޒް ދައްކާލާ އިވެންޓް އަންނަ މަހުގެ ކުރީކޮޅު ބާއްވަނީ

ސެޕްޓެމްބަރު 9 ގައި މި އިވެންޓް ބޭއްވުމުގެ ފުރުސަތު ބޮޑު ---

އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ އައިފޯން 18 ސީރީޒް ދައްކާލުމަށް ބާއްވާ ޚާއްޞަ އިވެންޓް އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، މި އިވެންޓް ބާއްވާނެ ރަސްމީ ތާރީޚު އިއުލާނުކުރުމުގެ ވަގުތު ކުޑަތަންވެއްޖެއެވެ.

އާންމުކޮށް ކޮންމެ އަހަރަކުވެސް އެޕަލްއިން އާ އައިފޯން ނެރުމަށް ބާއްވާ އިވެންޓް އޮންނަނީ އެމެރިކާގެ ލޭބާ ޑޭ ޗުއްޓީއަށްފަހު ސެޕްޓެމްބަރު މަހުގެ ފުރަތަމަ އަންގާރަ ނުވަތަ ބުދަ ދުވަހުއެވެ. މިއަހަރުގެ ލޭބާ ޑޭ ސެޕްޓެމްބަރު 7 ވަނަ ދުވަހަށް ދިމާވާތީ، އައިފޯން 18 ދައްކާލާ އިވެންޓް އޮންނާނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު މަހުގެ 8 ނުވަތަ 9 ވަނަ ދުވަހުއެވެ.

މިގޮތުން ބްލޫމްބާގްގެ މާކް ގާމަން ލަފާކުރާ ގޮތުގައި އިވެންޓަށް ދާ ފަރާތްތަކަށް ދަތުރުފަތުރަށް ވަގުތު ދިނުމުގެ ގޮތުން ސެޕްޓެމްބަރު 9 ގައި މި އިވެންޓް ބޭއްވުމުގެ ފުރުސަތު ބޮޑެވެ.

މި އަހަރު ތައާރަފްކުރާނެ ކަމަށް ބެލެވެނީ އައިފޯން 18 ޕްރޯ، އައިފޯން 18 ޕްރޯ މެކްސްގެ އިތުރުން މުޅިން އަލަށް ނެރޭ އައިފޯން އަލްޓްރާއެވެ. އަދި އައިފޯން 18 ގެ އަސާސީ މޮޑެލް އާއި އައިފޯން 18އީ ނެރުމަށް ހަމަޖެހިފައިވަނީ 2027 ގެ ކުރީކޮޅު ކަމަށް ޚަބަރުތައް ބުނެއެވެ.

އިވެންޓް ބާއްވާ ދުވަހުގެ ގާތްގަނޑަކަށް 14 ދުވަސް ކުރިން އެ ތާރީޚު ރަސްމީކޮށް އިއުލާނުކުރާނެ ---

ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އައިފޯން 18 ޕްރޯ މޮޑެލްތަކުގައި ޓީއެސްއެމްސީގެ 2 ނެނޯމީޓަރު ޕްރޮސެސްގައި އުފައްދާފައިވާ އޭ20 ޕްރޯ ޗިޕް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ފޯނުގެ ސްޕީޑާއި ބެޓެރި ލައިފަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ބަދަލެކެވެ.

މީގެއިތުރުން އައިފޯން 18 ޕްރޯ މެކްސްގެ ކެމެރާގައި ވެރިއަބަލް އެޕަޗާ (ބަދަލުކުރެވޭ އެޕަޗާ) ޓެކްނޮލޮޖީ ހިމެނޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެޕަލްގެ އާދަކާދައަށް ބަލާއިރު، އިވެންޓް ބާއްވާ ދުވަހުގެ ގާތްގަނޑަކަށް 14 ދުވަސް ކުރިން އެ ތާރީޚު ރަސްމީކޮށް އިއުލާނުކުރެއެވެ. އެގޮތުން މިދިޔަ އަހަރުގެ އައިފޯން 17 ސީރީޒްގެ އިތުރުން އައިފޯން 16 ސީރީޒްގެ އިވެންޓްވެސް އިއުލާނުކޮށްފައިވަނީ އޮގަސްޓް 26 ގައެވެ. އެހެންކަމުން މިއަހަރުގެ އައިފޯން 18 އިވެންޓް ސެޕްޓެމްބަރު 9 ގައި އޮންނަ ނަމަ، މި އަންނަ އޮގަސްޓް 26 ގެ ކުރިން މި އިވެންޓް ބާއްވާ ތާރީޚު އެޕަލްއިން ރަސްމީކޮށް ހާމަކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

މި ތާވަލާ އެއްގޮތަށް ކަންކަން ހިނގައިފިނަމަ، ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ފޯނުތައް ޕްރީ-އޯޑަރަށް ހުޅުވާލައި، ސެޕްޓެމްބަރުގެ ފަހުކޮޅު ފޯނުތައް ބާޒާރަށް ނެރެ ވިއްކަން ފަށާނެއެވެ.

މިއީ އަހަރު ނިމޭ ޗުއްޓީ މޫސުމުގެ ކުރިން ވިޔަފާރި ވަރުގަދަކޮށް، މާލީ ކުއާޓަރު ނިމުމުގެ ކުރިން އާމްދަނީ އިތުރުކުރުމަށް އެޕަލްއިން ކޮންމެ އަހަރަކުވެސް ބޭނުންކުރާ ހަރުދަނާ ސްޓްރެޓެޖީއެކެވެ.

comment ކޮމެންޓް