ފޯނު އުފެއްދުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ސެމްސަންގުން އަންނަ އަހަރު ފަށްޖެހޭ ފަސް ފޯނެއް ބާޒާރަށް ނެރޭނެ ކަމަށް ފަހުގެ ރިޕޯޓުތައް ބުނެފިއެވެ.
މިއީ މީގެ ކުރިން އާދަވެގެން ކޮންމެ އަހަރަކު ދެ ފޯނު ނެރޭ ކުންފުނިން ގެންނަ ވަރަށް ބޮޑު ބަދަލެކެވެ.
ސެމްސަންގުން މިދިޔަ މަހު ވަނީ ގެލެކްސީ ޒީ ފޯލްޑް 8 ސީރީޒް އާއި ގެލެކްސީ ޒީ ފްލިޕް 8 ބާޒާރަށް ނެރެފައެވެ. މިއީ އާންމުކޮށް ނެރޭ ދެ ފޯނުގެ ބަދަލުގައި ފޯލްޑަބަލް ތިން ފޯނު އެއްފަހަރާ ނެރުނު ފުރަތަމަ ފަހަރެވެ.
މި ލައިންއަޕްގައި ކުންފުނީގެ ފުރަތަމަ ވައިޑް-ފޯލްޑިންގް ފޯނު ކަމަށްވާ ގެލެކްސީ ޒީ ފޯލްޑް 8 އާއި ފްލެގްޝިޕް މޮޑެލް ކަމަށްވާ ގެލެކްސީ ޒީ ފޯލްޑް 8 އަލްޓްރާ ވަނީ ތައާރަފުކޮށްފައެވެ.

ސެމްސަންގުގެ ތިންވަނަ ބުކް-ސްޓައިލް ނުވަތަ ދެވަނަ ވައިޑް-ފޯލްޑިންގް ފޯނުގައި ވީޑިއޯ ބެލުމަށް ހާއްސަކޮށް ޑިސްޕްލޭއެއް ހުންނާނެ ---- ފޮޓޯ: ފިއުޗާ
އިންޑަސްޓްރީގެ މަސްދަރުތަކާ ހަވާލާދީ އީޓީނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންނަ އަހަރު ސެމްސަންގުން ނެރޭ ފަސް ފޯނުގެ ތެރޭގައި ހިމެނެނީ ގެލެކްސީ ޒީ ފޯލްޑް 9، ގެލެކްސީ ޒީ ފޯލްޑް 9 އަލްޓްރާ، ގެލެކްސީ ޒީ ފްލިޕް 9، ގެލެކްސީ ޒީ ޓްރައިފޯލްޑް 2، އަދި ގެލެކްސީ ޒީ ފޯލްޑް 9 ސީރީޒްގެ އާ ވައިޑް-ފޯލްޑިންގް މޮޑެލްއެކެވެ. މައުލޫމާތު ލިބޭގޮތުގައި ސެމްސަންގުން މިހާރު ވަނީ މި އާ ވައިޑް-ފޯލްޑިންގް ފޯނާ ބެހޭ މައުލޫމާތު އެ ކުންފުނީގެ ޕާޓްނަރުންނާ ހިއްސާކޮށްފައެވެ.
ސެމްސަންގުގެ ތިންވަނަ، ބުކް-ސްޓައިލް ނުވަތަ ދެވަނަ ވައިޑް-ފޯލްޑިންގް ފޯނުގައި ވީޑިއޯ ބެލުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ފުރިހަމަ ޑިސްޕްލޭއެއް ހުންނާނެކަމަށްވެއެވެ. މިއާއެކު އަންނަ އަހަރުގެ ލައިންއަޕްގައި ދެ ވައިޑް-ފޯލްޑިންގް މޮޑެލް، އެއް އާދައިގެ ބުކް-ސްޓައިލް ފޯލްޑަބަލް، އެއް ކްލޭމްޝެލް-ސްޓައިލް ފޯލްޑަބަލް، އަދި ދެ ފަހަރަށް ފަށްޖަހާލެވޭ ފޯނެއް ހިމެނޭނެއެވެ. މިއީ މިދިޔަ އަހަރާ ހަމައަށް ހަމައެކަނި ދެ ފޯލްޑަބަލް ފޯނު ނެރެމުން އައި ކުންފުނީގެ އުފެއްދުންތަކުގެ ސްޓްރެޓަޖީއަށް ގެންނަ ބޮޑު ބަދަލެކެވެ.
ސެމްސަންގުގެ ފުރަތަމަ ތިންފަށަށް ފަށްޖަހާލެވޭ ފޯނު، ގެލެކްސީ ޒީ ޓްރައިފޯލްޑް ބައިނަލްއަގުވާމީ ބާޒާރަށް ނެރެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ޚާއްސަ އިވެންޓެއްގައެވެ. އެހެންނަމަވެސް އާ ރިޕޯޓުތައް ބުނާގޮތުން އޭގެ ދެވަނަ މޮޑެލް، ގެލެކްސީ ޒީ ޓްރައިފޯލްޑް 2 ދައްކާލުން އެކަށީގެންވަނީ އެހެން ފޯލްޑަބަލް ފޯނުތަކާއެކު "ގެލެކްސީ އަންޕެކްޑް 2027" އިވެންޓުގައެވެ.