އެފްއެޗްއޭއެމް އެގްޒިބިޝަނާއި ކަލިނަރީ ޗެލެންޖުގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ

ކަލިނަރީ ޗެލެންޖުގެ މީޑިއާ ޕާޓްނަރަށް ވުމަށް އެސްއެސްމީޑިއާއިން ސޮއިކުރުން --- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އެގްޒިބިޝަނާއި ކަލިނަރީ ޗެލެންޖުގެ މީޑިއާ ޕާޓްނަރަކަށް ވުމަށް ސަން ސިޔާމް މީޑިއާއިން, އެ ހަރަކާތް އިންޒިތާމުކުރާ ދިވެހި އެކްސްޕޯއާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެސްއެސްމީޑިއާގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އަބްދުﷲ ފައިސަލާއި ދިވެހި އެކްސްޕޯގެ ޖެނެރަލް މެނޭޖަރު މުޙައްމަދު ޖަލީލެވެ.

ދިވެހި އެކްސްޕޯ އަދި ސީޑީސީ އިވެންޓްސްގެ މެނޭޖިން ޑިރެކްޓަރު އިމްރާން ޙަސަން 'ސަން'އަށް ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި ކާބޯތަކެއްޗާއި މެހެމާންދާރީގެ ދާއިރާގައި ބޭއްވޭ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ.

ކަލިނަރީ ޗެލެންޖުގެ މީޑިއާ ޕާޓްނަރަށް ވުމަށް އެސްއެސްމީޑިއާއިން ސޮއިކުރުން --- ސަން ފޮޓޯ/ އަހުމަދު ފިރިޔާލް

މި ހަރަކާތުގައި ކާބޯތަކެއްޗާއި މެހެމާންދާރީގެ ދާއިރާއަށް ބޭނުންވާ އެންމެ ފަހުގެ ހައްލުތަކުގެ އިތުރުން ކެއްކުމުގެ ދާއިރާގެ ފެންވަރު ރަނގަޅު އުފެއްދުންތައް ދައްކާލުމަށް ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަންނަ މަހު ހަތަކުން ނުވައަކަށް ކުރިއަށްދާ މި ހަރަކާތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ޝެފުންނާއި ގައުމީ ޓީމުތައް ބައިވެރިވާ ޝަރަފުވެރި "ގްލޯބަލް ކަލިނަރީ ޗެލެންޖް" ވެސް ކުރިއަށްދާނެކަން އިމްރާން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މި ޗެލެންޖުގައި ރާއްޖޭގެ ޓީމުތަކުގެ އިތުރުން ލަންކާގެ ޓީމަކާއި ޕާކިސްތާނުގެ ޓީމަކާއި އައިއެޗްއެމް ޗެންނާއީއާއި ޗެންނާއީ އަމްރިތާ އިންޓަނޭޝަނަލް ހިމެނޭ ކަމަށެވެ.

މި ޗެލެންޖުގައި 120އަށް ވުރެ ގިނަ ރިސޯޓާއި 600އަށް ވުރެ ގިނަ ބައިވެރިން ހިމެނޭނެއެވެ.

comment ކޮމެންޓް