މުދައްރިސުންގެ މަސައްކަތަށް ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ސިޔާމް އިލްތިމާސްކުރައްވައިފި

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު: ސަރުކާރަށް ގޮވާލެއްވީ، ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމަށް --- ސަން ފޮޓޯ/ އާއިޝް އަޝްރަފް

ބައިނަލްއަގުވާމީ އެދުރުންގެ ދުވަސް ފާހަގަކުރަމުންދާއިރު މިއަދު ބެލެނިވެރިންގެ އަޒުމަކަށް ވާންވީ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ނެރުއްވި މެސެޖެއްގައި ސިޔާމް ވަނީ މި ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ މަތިވެރި ނަސީބު މިންވަރުކުރެއްވި ކަމަށްޓަކައި މާތް ﷲ އަށް ހަމްދާއި ޝުކުރު ދަންނަވައި، ދުވަހުގެ ތަހުނިޔާ ހުރިހާ އެދުރުންނަށާއި ދަރިވަރުންނަށާއި ބެލެނިވެރިންގެ އިތުރުން އެންމެހައި ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

ސިޔާމްގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުން މިދުވަސް ފާހަގަކުރުމުގެ މަގުސަދަކީ ގައުމު ބިނާކުރުމުގައި އެދުރުން އަދާކުރައްވާ ބުރަ އަދި ޒިންމާދާރު މަސައްކަތުގެ އަގުވަޒަންކޮށް، އެބޭފުޅުންނަށް ހައްގުވާ އިނާޔަތްތަކާއި ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.

މި މެސެޖުގައި ސިޔާމް ވަނީ ބެލެނިވެރިންނަށް ވަރަށް މުހިންމު އިލްތިމާސްއެއް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެދުރުންގެ ދުވަސް ފާހަގަކުރާއިރު މިއަދު ބެލެނިވެރިންގެ އަޒުމަކަށް ވާންވީ އަޅުގަނޑުމެންގެ ދަރީންނަށް ފުރިހަމަ ތައުލީމާއި ރިވެތި ތަރުބިއްޔަތެއް ފޯރުކޮށްދެއްވުމުގައި ހީވާގި އެދުރުން ކުރައްވާ ދީނީ އަދި ގައުމީ ވާޖިބަށް ފުރިހަމަ އެއްބާރުލުން ދިނުން ކަމަށެވެ.

މީގެ އިތުރުން، ދަރިވަރުން ކުރިމަތީގައި ބެލެނިވެރިން ރިވެތި ނަމޫނާ ދައްކައި، އެދުރުންނަށް އިހުތިރާމްކުރުމުގެ ރިވެތި ސިފަ، ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކުރުމަށް ވެސް ސިޔާމްގެ މެސެޖުގައި ބެލެނިވެރިންނަށް ގޮވާލައްވާފައިވެއެވެ.

މީގެ އިތުރުން އެދުރުން ކުރައްވާ ބުރަ މަސައްކަތަށް ހައްގުވާ ފުރިހަމަ އުޖޫރައާއި އިނާޔަތްތަކުގެ އިތުރުން ފުރިހަމަ ރައްކާތެރިކަން، އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ އެދުރުންނަށް ވެސް ފޯރުކޮށްދިނުމަށް، ކަމާބެހޭ ފަރާތްތަކަށް ސިޔާމްގެ މެސެޖުގައި އިލްތިމާސްކުރައްވާފައިވެއެވެ.

މި ދުވަހާ ގުޅުވައިގެން ސިޔާމް ވަނީ އެދުރުންނަށް ވެސް ވަރަށް އަގުހުރި ނަސޭހަތެއް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު އެދުރުންގެ އަޒުމަކަށް ވާންވީ އެބޭފުޅުންނާ ދަރިވަރުންނަށް ތައުލީމާއި ތަރުބިއްޔަތު ދިނުމުގެ މަތިވެރި އަމާނާތް، ފުރިހަމަ ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު އަދާކުރެއްވުން ކަމަށެވެ. އަދި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، މުދައްރިސުންގެ ފަރާތުން އެކުދިންނަށް ގެއްލުމެއް ނުވާނެފަދަ ގޮތަކަށް އަމަލުތައް ބެހެއްޓެވުމަށް ސިޔާމް ގޮވާލައްވާފައި ވެއެވެ.

ކޮންމެ އޮކްޓޯބަރު މަހެއްގެ ފަސްވަނަ ދުވަހަކީ މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ޔުނެސްކޯއިން ނިންމާފައިވަނީ 1966 ވަނަ އަހަރު އެ ޖަމިއްޔާގެ ގޮތްޕެއް ކަމަށްވާ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ނެރުނު ރިކޮމެންޑޭޝަނެއްގެ މައްޗަށް ބިނާކޮށް، 1994 ވަނަ އަހަރެވެ.

މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރަކީ، "މުދައްރިސުންނާއެކު: މި ފަންނު ރައްކާތެރިކުރުމާއި، އޭގެ ދަރަޖަ އުފުލައިދިނުމާއި، އަދި އަޅުގަނޑުމެންގެ މުސްތަގުބަލު ބައްޓަންކުރުމުގައި 60 އަހަރު" މިއެވެ.

comment ކޮމެންޓް