ކުޑަކުދިންނަށް އޮރިޔާން ކާޑު ވިއްކިކަމުގެ ތުހުމަތުވާ މީހާ ދޫކުރީ ހެކި ނެތިގެން: ޕީޖީ

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރާ ވީޑިއޯއާއި ފޮޓޯ ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ -- ފޮޓޯ/ ފުލުހުން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ވިއްކުމުގެ ތުހުމަތު ހައްޔަރުކުރި ދިވެހި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލީ ހެކި ނެތިގެން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.

އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ތ. ވިލުފުށި، މޫނިމާގެ، އާދަމް ޢަދްލާން ލަޠީފްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގެ ތަހުގީގު ނިންމައި މި އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅި ކަމަށެވެ. އަދި މައްސަލައިގެ ލިޔުންތައް ދިރާސާކުރިއިރު، ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިވާކަމަށް ނުފެންނާތީ، ދައުވާ ނުކުރުމަށް ނިންމައި މައްސަލަ އަނބުރާ ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުވީ ކަމަށް އެ އޮފީހުން ބުންޏެވެ.

https://sun.mv/221518

އެއަށްފަހު ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޕީޖީ އޮފީހުގެ އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި އަނެއްކާ ވެސް ހުށަހެޅި ކަމަށް އެ އޮފީހުން ބުންޏެވެ. އަދި މައްސަލަ މުރާޖައާކުރުމަށް ހިނގާ މުއްދަތުގައި، މައްސަލާގައި ދައުވާކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވާނެތީ އެކަމަށް ރިއާޔަތްކޮށް، އާދަމް ޢަދްލާން ލަޠީފްގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް މެއި މަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެގޮތުން ހުށަހެޅި ދައުވާތަކަކީ:

  1. ޤާނޫނުލްޢުޤޫބާތުގެ 246 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ކޮމްޕިއުޓަރު ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުން.
  2. ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާން ކާޑު ގެންގުޅުން.

ޕީޖީ އޮފީހުން ބުނި ގޮތުގައި މި ދައުވާތައް ކޯޓަށް ހުށަހަޅާފައި ވަނީ ދައުވާކުރުމުގެ މުއްދަތު ހަމަވާތީ އެވަގުތު ދައުވާކުރުމުގެ ފިޔަވަޅު ނާޅައިފިނަމަ، ފަހުން ދައުވާއެއް ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން އެއްކޮށް ބަންދުވާނެތީއެވެ. އެގޮތުން ކޯޓަށް ހުށަހެޅުމަށް ފަހު ދައުވާތައް އަލުން މުރާޖައާކޮށް، ބައެއް ސަބަބުތަކަށްޓަކައި ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި، ކޯޓުން އަނބުރާ ގެނެސްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އެ ސަބަބުތަކަކީ މި މައްސަލާގައި އާދަމް ޢަދްލާން ލަޠީފް ގެ މައްޗަށް ކުރެވުނު މައިގަނޑު ތުހުމަތަކީ ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކުން ކަމަށްވީ ނަމަވެސް، އެފަދަ އެއްޗެއް އޭނާ ވިއްކައި ވިޔަފާރިކުރިކަން، ނުވަތަ އެހެން މީހަކަށް ފޮނުވިކަން ނުވަތަ އެފަދަ ނެޓްވޯކަކާ ގުޅުމެއް އޮތްކަން އެނގޭނެ އެއްވެސް ހެއްކެއް ހޯދިފައި ނުވާތީއެވެ.

ދެވަނަ ސަބަބަކީ މި މައްސަލާގައި ގިނަ ޑިޖިޓަލް ޑިވައިސްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވީ ނަމަވެސް، އޭގެ ތެރެއިން ގިނަ ޑިވައިސްތަކަށް އާދަމް ޢަދްލާން ލަޠީފް ޒިންމާ ކުރުވޭ މިންވަރަށް ހެކި ލިބިފައިނުވާތީއެވެ.

ތިންވަނަ ސަބަބަކީ އާދަމް ޢަދްލާން ލަޠީފްއާ ގުޅުވައިލެވޭ ޑިވައިސްތަކުން އޮރިޔާންކާޑު ފެނިފައިވީ ނަމަވެސް، އެއީ ކުޑަކުދިންގެ އޮރިޔާންކާޑުކަން ސާބިތުކޮށްދެވޭ މިންވަރަށް ހެކި ހޯދިފައި ނުވާތީއެވެ. ނަތީޖާއެއްގެ ގޮތުން ކޮމްޕިއުޓަރު ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދައުވާ ކުރިއަށްގެންދެވޭކަށް ނެތް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނި ގޮތުގައި މައްސަލާގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު، އާދަމް ޢަދްލާން ލަޠީފްގެ މައްޗަށް ކުރިއަށް ގެންދެވެން އޮތް ހަމައެކަނި ދައުވާއަކީ އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ. ނަމަވެސް ގާނޫނުގައި އެ ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށާއި އަދި ކުށަށް ކަނޑައެޅޭނެ އެންމެ ކުޑަ އަދަބަކީ ނުވަ ދުވަހަށް ޖަލަށްލުންކަމަށްވާއިރު، އާދަމް ޢަދްލާން ލަޠީފް ތަހުގީގު މަރުހަލާގައި ބަންދުގައި 28 ދުވަސް ހޭދަކޮށްފައިވެއެވެ.

އެހެންކަމުން ދައުވާ ސާބިތުވާ ހާލަތުގައި ކުށަށް ކަނޑައެޅެން އޮތް އަދަބުން ތަހުގީގު ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އިތުރަށް ތަންފީޒުކުރާނެ އަދަބެއް ނޯންނާނެތީ، އެ ދައުވާ އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނަ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

comment ކޮމެންޓް