ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް މޭޒަކާއި ގޮނޑިތަކެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން 10,000 ރުފިޔާ ހޯދައި، އެ ފައިސާ ބޭނުންކުރި މައްސަލައެއްގައި ގދ. ރަތަފަންދޫ، އޯކިޑްމާގެ، ޙާފިޡު ޚަލީލު ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށާއި، ގެއްލުމުގެ ބަދަލު ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 11 ފެބްރުއަރީ 2024 ގައި ފޭސްބުކްގައި "ނަޝްފާ ޙަސަން" ނަމުގައި ހިންގި އެކައުންޓަކުން މޭޒަކާއި ހަ ގޮނޑި ވިއްކާނެ ކަމަށް ޖެހި އިސްތިހާރަކާ ގުޅިގެން ހއ. ތުރާކުނު، ދޫރެސް، އިސްމާޢިލް އަޙްމަދު އެ ތަކެތި ގަންނަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެކެވެ.
އިސްމާޢިލް އަޙްމަދު ވަނީ މޭޒުގެ އަގަށްވާ 10,000 ރުފިޔާ، ޙާފިޡު ޚަލީލުގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓަށް ޖަމާކޮށްފައެވެ. ނަމަވެސް އެ ފައިސާ ޖަމާކުރުމުންވެސް މޭޒު ފޮނުވާފައެއް ނުވެއެވެ.
ދައުލަތުން ޙާފިޡު ޚަލީލުގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
ޝަރީޢަތުގެ މަރުޙަލާގައި ޙާފިޡު ޚަލީލުގެ ފަރާތުން އެކި ފަހަރު ދައްކާފައިވަނީ އެކި ވާހަކަތަކެވެ. އެގޮތުން އޭނާގެ އެކައުންޓް އޮތީ ފްރީޒްވެފައި ކަމަށާއި، އެކައުންޓާ ގުޅިފައިވާ ކާޑު އޮތީ މަންމަ އަތުގައި ކަމަށް ބުނެފައިވެއެވެ. އަދި ފަހުން ކާޑު އެހެން މީހަކު ގެންގޮސްގެން އޭޓީއެމްއިން ފައިސާ ނެގީ ކަމަށް ބުނެ ދިފާޢުނެގިއެވެ.
މީގެ އިތުރުން، އޭނާއަކީ 2018 އިން ފެށިގެން ނަފްސާނީ ބައްޔަކަށް ބޭސްފަރުވާ ކުރަމުންދާ މީހެއް ކަމަށްވެސް ފާހަގަކުރިއެވެ.
ނަމަވެސް ބޭންކް ސްޓޭޓްމަންޓްތަކުން އެނގޭ ގޮތުގައި، 10,000 ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާވުމުން އެ ފައިސާ އޭޓީއެމްއިން ނެގުމުގެ ބަދަލުގައި ވަނީ އެހެން އެކައުންޓަކަށް ޓްރާންސްފާ ކޮށްފައެވެ. އަދި އެކައުންޓުން އެހެން މުޢާމަލާތްތައްވެސް ކޮށްފައިވާކަން ސްޓޭޓްމަންޓުން ސާފުވާތީ، ޙާފިޡު ޚަލީލު ދެއްކި ވާހަކަތަކަކީ ޝަރީޢަތަށް އޮޅުވާލަން ދެއްކި ވާހަކަތަކެއްކަން ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅިއެވެ.
މި މައްސަލަ ބެއްލެވި އިސް ޤާޟީ އާދަމް މުޙައްމަދު ކުރެއްވި ހުކުމުގައި ވަނީ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޙާފިޡު ޚަލީލުގެ މައްޗަށް ކުށް ސާބިތުވާތީ، ޤާނޫނުލްޢުޤޫބާތުގެ ދަށުން ޙާފިޡު ޚަލީލު ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި ގެއްލުންވި އިސްމާޢިލް އަޙްމަދަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10,000 ރުފިޔާ، ދެ އަހަރު ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ޙާފިޡު ޚަލީލުގެ މައްޗަށް އަމުރުކުރިއެވެ.
ކޯޓުން ފާހަގަކުރި ގޮތުގައި، ޙާފިޡު ޚަލީލުގެ ފަރާތުން ހުށަހެޅި މެޑިކަލް ލިޔުންތަކަށް ބަލާއިރު އޭނާއަކީ ޖަލުގައި ބަންދުކޮށްގެން ނުގެންގުޅެވޭ ވަރުގެ ނަފްސާނީ ބައްޔެއް ހުރި މީހެއްކަމަށް ނުފެންނަ ކަމަށާއި، އަދި ގޭބަންދުގައި ބަހައްޓައިފިނަމަ ގޭގައި ހުރެގެންވެސް މިފަދަ ކުށެއް ތަކުރާރުކުރުމުގެ ފުރުޞަތު އޮތުމުން ޖަލު ހުކުމް ނޫން އަދަބެއް ދެވެން ނެތެވެ.
ރާއްޖޭގައި މަކަރާއި ހީލަތުގެ މައްސަލަތައް ގިނައިރު އޭގެ ތެރެއިން ވެސް ފޭސްބުކް މާކެޓް ޕްލޭސްގައި ސްކޭމްތައް ހިންގުން އިތުރުކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.