އަނެއްކާ ވެސް މަސްތުވާތަކެއްޗާއެކު ދިވެހި ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ފ. މަގޫދޫ، ހަނދުވަރީގެ، އުމުރުން 25 އަހަރުގެ އިސްމާޢީލް އިޒްހާނާއި ލ. އިސްދޫ، ހުސްނޫގެ އުމުރުން 21 އަހަރުގެ އާމިނަތު ރުޝްދާއެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަހުގެ ހަވަނަ ދުވަހު، ހުޅުމާލެ ފޭސް އެކެއްގެ ވެމްކޯ ބުރިޖު ކައިރީން ކަމަށެވެ.
މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 140.03 ގުރާމުގެ ތަކެއްޗާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ތިން ބިޑި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިސްމާޢީލް އިޒްހާން 15 ދުވަހަށް އަދި އާމިނަތު ރުޝްދާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ރާއްޖޭގައި، މަސްތުވާތަކެތީގެ މިފަދަ މައްސަލަތަކުގައި ޒުވާނުން ހައްޔަރުކުރާ މިންވަރު މިހާރު ވަރަށް ބޮޑަށް އިތުރުވެފައެވެ. ވަކިން ޚާއްސަކޮށް ކުދިކުދި ރަބަރު ޕެކެޓުތަކަށް އަޅައިގެން މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ވިއްކައި އެ ތަކެތިން ވިޔަފާރި ކުރާ މައްސަލަ މިހާރު ވަނީ ވަރަށް އާންމުކަމަކަށް ވެފައެވެ.