ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި، އެމްޓީސީސީގެ އާމްދަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވަރަށް ބޮޑަށް އިތުރުވެ، ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 62.82 މިލިއަން ރުފިޔާ ލިބިފައިވާކަން އެ ކުންފުނީގެ މާލީ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާގޮތުން، އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ޖުމްލަ 724.45 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ތިންވަނަ ކުއާޓަރުގައި ލިބުނު 501.20 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
މީގެއިތުރުން ހިންގުމުގެ ފައިދާގެ ގޮތުގައި 101.06 މިލިއަން ރުފިޔާ ލިބިފައިވާއިރު، ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާއަކީ 29.26 މިލިއަން ރުފިޔާއެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 69.04 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި ކުއާޓަރުގައި ހިއްސާއަކަށް ޖެހުނު މިންވަރު ވަނީ 1.66 ރުފިޔާއިން 7.82 ރުފިޔާއަށް އަރާފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކޮންސްޓްރަކްޝަން އަދި ޑްރެޖިންގް ދާއިރާއިންނެވެ. އެ ދާއިރާއިން 589.46 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓްރޭޑިންގް ދާއިރާއިން 92.08 މިލިއަން ރުފިޔާ އަދި ޓްރާންސްޕޯޓް ދާއިރާއިން 38.23 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީން ޖުމްލަ 479 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން 301.69 މިލިއަން ރުފިޔާގެ ހަތް މަޝްރޫޢެއްގެ މަސައްކަތް ވަނީ މުޅިން ނިންމާލާފައެވެ.
މީގެ އިތުރުން 63 މަޝްރޫޢެއްގެ އަމަލީ މަސައްކަތް އަލަށް ފަށައި، 1.51 ބިލިއަން ރުފިޔާގެ އަގުހުރި 111 އައު މަޝްރޫޢެއްގައި ވަނީ ސޮއިކޮށްފައެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ނިންމި މަޝްރޫއެއް: މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެ، ފައިދާ 62.8 މިލިއަނަށް އެރި -- ފޮޓޯ/ އެމްޓީސީސީ
އެމްޓީސީސީގެ މާލީ ހިސާބުތައް ކުރިން ބުނި ތާރީޚުތަކުގައި ހާމަނުކުރެވި ލަސްވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބަކީ އެންމެ ލަސްވެގެން ވެސް މިދިޔަ މާރިޗު 10 ގައި އާންމުކުރަން ޖެހޭ ރިޕޯޓެއް ނަމަވެސް، އެ މުއްދަތު ފަހަނައަޅައި ގޮސް ތިންވަނަ ފަހަރަށް ވަގުތަށް އެދުމަށް ފަހު މިހާރު ވަނީ އާންމުކޮށްފައެވެ.
އެ ކުންފުނިން އަހަރުގެ މި މުއްދަތުގައި މިދިޔަ އަހަރުގެ ޖުމުލަ މާލީ ހިސާބާއި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބު ވެސް އާންމުކުރަން ޖެހޭ ނަމަވެސް، މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.
އާންމުންގެ ހިއްސާ އޮންނަ މި ކުންފުނީގެ މާލީ ހިސާބުތައް ހިއްސާދާރުންނަށް ފެންނާނެހެން އާންމުކުރަން ޖެހޭއިރު، މާލީ ހިސާބުތައް އާންމުކުރުން ލަސްވުމާއި ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ދަށްވުމާ ގުޅިގެން އިގްތިޞާދީ މާހިރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދި ގިނަ މަޝްރޫއުތަކެއް އެއްފަހަރާ ހަވާލުކޮށްފައިވާއިރު، އެ ކަންކަން ހިންގުމަށާއި ފައިސާ ހޯދުމުގައި ކުރިމަތިވާ ދަތިތަކާ މެދު ސިޔާސީ ފަރާތްތަކުން ވެސް ދަނީ ފާޑުކިޔަމުންނެވެ.
އެމްޓީސީސީއަކީ އަހަރުން އަހަރަށް މުވައްޒަފުންގެ އަދަދު އިތުރުވަމުން އަންނަ ކުންފުންޏެއްކަން ވެސް ފާހަގަކޮށްލެވެއެވެ. އެމްޓީސީސީން މީގެ ކުރިން "ސަން"އާ ހިއްސާކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި، 2021ވަނަ އަހަރު ނިމުނުއިރު އެ ކުންފުނީގައި ތިބީ 3،129 މުވައްޒަފުންނެވެ. ދެހާސް ބާވީސް ވަނަ އަހަރު ނިމުނުއިރު އެމްޓީސީސީގައި 4،012 މުވައްޒަފުން ތިބިއިރު، 2023ވަނަ އަހަރު ނިމުނުއިރު އެ ކުންފުނީގައި ތިބީ 4،694 މުވައްޒަފުންނެވެ.
މި ސަރުކާރު އައި ފަހުން 2024ވަނަ އަހަރު ނިމުނުއިރު އެމްޓީސީސީގައި ތިބި މުވައްޒަފުންގެ އަދަދަށް ދަށްވުމެއް އައިސްފައިވެއެވެ. އެގޮތުން އެ އަހަރު ނިމުނުއިރު 4،433 މުވައްޒަފުން ތިބިއިރު، އެއީ 261 މުވައްޒަފުންގެ މަދުވުމެކެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނު އިރު، އެ ކުންފުނީގައި ތިބި މުވައްޒަފުންގެ އަދަދު ވަނީ 5،395އަށް އިތުރުވެފައެވެ. އަދި މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް އެއަށްވުރެ މުވައްޒަފުން އިތުރުވެ، 6،145އަށް ވަނީ އަރައިފައެވެ.