ބޮޑު އިންތިޒާރަށް ނިމުމެއް: މާލެ އާއި ވިލިމާލެ މާދަމާ ބްރިޖުން ގުޅާލަނީ!

ތިލަމާލެ ބްރިޖުގެ ސެގްމަންޓުތައް ގުޅުވުމުގެ މަސައްކަތްކުރަނީ. -- ސަން ފޮޓޯ: މުޙައްމަދު ޝާން

ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން މާލެއާއި ވިލިނގިލި ގުޅުވައިދޭ ސެގްމެންޓްތަކުގެ ތެރެއިން އެންމެ ފަހު ސެގްމެންޓް ނިންމައި، މާދަމާ މާލެ އާއި ވިލިމާލެ ބްރިޖުން ގުޅާލަން ނިންމައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ އިންޑިއާގެ ކުންފުނި، އެފްކޮންސްއިން 'ސަން' އަށް މައުލޫމާތު ދިން ގޮތުގައި މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ހަރަކާތް އޮންނާނީ މާދަމާ ހެނދުނު 11:00 ގައެވެ.

މި ފަހު ސެގްމެންޓް ބެހެއްޓުމާއެކު މާލެއާއި ވިލިނގިލި ގުޅުވައިދޭ ބްރިޖުގެ "ސުޕަ ސްޓްރަކްޗާ" ނުވަތަ މައި އޮނިގަނޑުގެ މަސައްކަތް މުޅިން ފުރިހަމަވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ނަމަވެސް ބްރިޖުގެ ފިނިޝިން މަސައްކަތްތަކާއި، ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި، އަލިކުރުމުގެ މަސައްކަތްތައް ފަދަ އިތުރު އިދާރީ އަދި ފަންނީ މަސައްކަތްތަކަށް އަދި ވަގުތު ނަގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން ބްރިޖުގެ މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް، ބްރިޖު މަތިން އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ ފިނިޝިން މަސައްކަތްތައް އެކީ ނިމުމުން ކަމަށް އެފްކޮންސްއިން މައުލޫމާތު ދިނެވެ.

ތިލަމާލެ ބްރިޖުގެ ސެގްމަންޓުތައް ގުޅުވުމުގެ މަސައްކަތް ކުރަނީ -- ސަން ފޮޓޯ: މުޙައްމަދު ޝާން

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ފެށި ތިލަމާލެ ބުރިޖުގެ މަސައްކަތް ނިންމަން އެކި ތާރީޚުތައް ދިން ނަމަވެސް، މަސައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ގޮސް، ނިންމިފައިނުވެއެވެ. އޭގެ ފަހުން މި ސަރުކާރުގައި އެ މަޝްރޫއުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ފެށީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން 400 މިލިއަން ޑޮލަރުގެ ލޯނު އެހީއާއެކުގައެވެ.

އެ ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އޯގަސްޓު 2، 2022ގައި ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އެއީ އޭރު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ، ތިލަމާލެ ބުރިޖުގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމުގެ ވައުދުފުޅާއެކުގައެވެ. އަދި ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، ފުރަތަމަ ހަފުތާ ތެރޭގައި ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ބައްލަވައިލައްވަން ވެސް ވަޑައިގަތެވެ.

ރައީސް، ތިލަމާލެ ބުރިޖުގެ މަސައްކަތް ބައްލަވައިލެއްވުން: ތިލަމާލެ ބުރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ގާތްގަނޑަކަށް ސުމަކުން ކަމަށް ވިދާޅުވި -- ސަން ފޮޓޯ; މުހައްމަދު ޝާތިއު އަބްދުﷲ

އޭރު ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެމަނިކުފާނު ވަނީ، ބުރިޖުގެ މަސައްކަތް މާލޭގައި ކުރިއަށްދާ ގޮތާއި، މާލެއާއި ވިލިނގިއްޔާ ދެމެދު ސަރަޙައްދުގެ މަސައްކަތްތައް ވެސް ބައްލަވާލައްވައިފައެވެ. އޭގެފަހުން ގުޅިފަޅަށް ވަޑައިގެން އެ ތަނުގައި އޭރު ކުރިއަށްގެންދިޔަ ޕްރީކާސްޓިންގެ މަސައްކަތްތަކާއި ބްރިޖުގެ އެކި މަސައްކަތްތައް އޭރު ރައީސް ބެއްލެވި ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އެ ދަތުރުފުޅުގައި ނޫސްވެރިން ވެސް ބައިވެރިކުރިއިރު، މާލޭގައި ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރެއިން، ކަނޑުގެ ފުނަށް ޖަހަންޖެހޭ ތަނބުތައް ޖެހުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔަކަން ފާހަގަވެފައިވެއެވެ. އަދި ވިލިމާލޭގައި ވެސް އޭރު ތަނބުތަކުގެ މަސައްކަތްތައް ކުރަމުންދިޔައިރު، ބައެއް ތަނބުތައް ފެނުމަތިން ފެންނަން ހުއްޓެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ އޭރުގެ އަންޑަ ސެކެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތާ ގުޅޭގޮތުން ސަރުކާރުގެ އިންތިގާލީ މަރުހަލާގައި ކޮމިޓީތަކުން މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.

އެ މައުލޫމާތުތަކުން ހާމަވާ ގޮތުގައި، އެހާތަނަށް މަޝްރޫއުން 27 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ފިރުޒުލް ވިދާޅުވެފައިވެއެވެ. ނަމަވެސް އެހާތަނަށް 77 ޕަސެންޓް މަސައްކަތް ނިމިފައި އޮންނަން ޖެހޭކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

https://sun.mv/226029

ޞާލިޙްގެ ސަރުކާރުގައި ބުރިޖު ނިންމަން އެންމެ ފަހުން ދިން ތާރީޚަކީ 2024 ވަނަ އަހަރުގެ މެދުތެރެއެވެ. އެ ވެރިކަމުގެ ފަހު އަހަރު ކަމަށްވާ 2023ގައި ވިލިމާލެއާއި މާލެ ގުޅައިލެވޭނެ ކަމަށް އޭރު އޮތީ ލަފާކޮށްފައެވެ.

އެހެންނަމަވެސް އެ ތާރީޚުތަކަށް މަސައްކަތް ނިމިފައިނުވެއެވެ.

ރައީސް މުއިއްޒުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި އެމަނިކުފާނު ވަނީ ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ފެށީ ގާތްގަނޑަކަށް ސުމަކުން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް