މުސާރައާއި އިނާޔަތްތަކަށް ކުރި ހޭދަ 9.38 ބިލިއަނަށް, 11 ޕަސެންޓް އިތުރުވުމެއް

ދައުލަތުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެއަށް މުވައްޒަފުންތަކެއް ވަންނަނީ-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް ކުރި ހޭދަ 9.38 ބިލިއަން ރުފިޔާއަށް (9،384.4 މިލިއަން ރުފިޔާއަށް) އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، މި ހިސާބަކީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ހޭދައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 8،441.5 މިލިއަން ރުފިޔާއާ އަޅައިބަލާއިރު 11.2 އިންސައްތައިގެ އިތުރުވުމެކެވެ.

ފިނޭންސް މިނިސްޓްރީން ބުނާ ގޮތުގައި، މުވައްޒަފުންނަށް ކުރާ ހޭދަ އިތުރުވެފައިވަނީ ފަހަކަށް އައިސް ސިވިލް ސާވިސްގެ މުވައްޒަފުންގެ އިނާޔަތްތަކަށް ގެނައި ބަދަލުތަކާއި، މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ސަބަބުންނެވެ.

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު: -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

މިގޮތުން، ސީދާ މުސާރައިގެ ގޮތުގައި ދޫކުރި ފައިސާ ވަނީ 14.2 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޮގަސްޓް 13ގެ ނިޔަލަށް މުސާރައަށް 3.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ އިތުރުން، މުވައްޒަފުންގެ އެކިއެކި އިނާޔަތްތަކަށް ކުރި ހޭދަ ވެސް ވަނީ 3.4 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ޕެންޝަނާއި ރިޓަޔާމަންޓް އިނާޔަތްތަކަށް ދައުލަތުން ކުރި ހޭދަ ވެސް ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު އިތުރުވެފައެވެ. މިދިޔަ އަހަރު މި ކަންކަމަށް 1.2 ބިލިއަން ރުފިޔާ ހޭދަކުރިއިރު، މި އަހަރު އެ އަދަދު ވަނީ 1.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ އަސާސީ ޕެންޝަނުގެ ގޮތުގައި ދޫކުރި 908.7 މިލިއަން ރުފިޔާއާއި، ރިޓަޔާމަންޓް އިނާޔަތްތަކަށް ދޫކުރި 460.8 މިލިއަން ރުފިޔާއެވެ.

މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އިތުރުވެފައިވާއިރު، ދައުލަތުގެ ޖުމްލަ ޚަރަދުތައް ވެސް ވަނީ ބޮޑުވެފައެވެ. އޮގަސްޓް 13 ގެ ނިޔަލަށް ދައުލަތުގެ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުތައް ވަނީ 19.3 އިންސައްތަ އިތުރުވެ، 28 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 23 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު ބޮޑު އަދަދެކެވެ.

ދައުލަތުގެ ޚަރަދުތަކުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ރިކަރަންޓް ޚަރަދު ވަނީ 20 ބިލިއަން ރުފިޔާއިން 24 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއަހަރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ދައުލަތުގެ ބަޖެޓުގައި 17.09 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޮގަސްޓް މަހުގެ މެދަކާ ހަމައަށް އައިއިރު ސަރުކާރުން ވަނީ މި ބަޖެޓުގެ ގާތްގަނޑަކަށް 54.9 އިންސައްތަ ބޭނުންކޮށްފައެވެ.

މުސާރަ އާއި ރިކަރަންޓް ހަރަދުތައް ބޮޑުވަމުންދާއިރު ރާއްޖެއަށް ވަނީ ބޭރު ފައިސާގެ ދަތިކަން ހިމެނޭގޮތަށް އިގުތިސާދީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ޑޮލަރުގެ އަގު ކަޅު ބާޒާރުގައި މީގެ ކުރިން ދުވަހަކު ވެސް ނުދާހާ މައްޗަށް ގޮސްފައިވާއިރު އޭގެ ސަބަބުން ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ.

comment ކޮމެންޓް