ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނި ގޮތުގައި، ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް ދޭ ހާއްސަ އެލަވަންސްގެ ގޮތުގައި މިދިޔަ މަހު 535 މީހަކަށް 1،070،000 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެ ތެރޭގައި މުޅިން އަލަށް މި އެލަވަންސް ލިބެން ފެށި ހަތަރު މީހަކު ހިމެނޭ ކަމަށް އެ އެޖެންސީން ފާހަގަކުރިއެވެ. މިއީ ތެލަސީމިއާ ކުދިން ބަލަހައްޓާ އާއިލާތަކުގެ މާލީ ބުރަ ކުޑަކޮށްދީ، އެ ކުދިންގެ އާންމު ދިރިއުޅުމުގެ ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ވަރަށް މުހިންމު މަސައްކަތެކެވެ.
ތެލަސީމިއާ ބަލިމީހުންނަށް ދައުލަތުން މާލީ އިނާޔަތެއް ދޭން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި ސިޔާސަތުގެ ދަށުން، ގައުމީ ތެލަސީމިއާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ކޮންމެ މީހަކަށް މަހަކު 2،000 ރުފިޔާގެ އެލަވަންސެއް ލިބެއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކާ ގުޅިގެން، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ތެލަސީމިއާ އާއިލާތަކަށް ދޭން ފެށި އެހީތެރިކަމެކެވެ.
މި އެލަވަންސްގެ ސަބަބުން ކޮންމެ މަހަކު ކުރަންޖެހޭ ދަތުރުފަތުރާއި، ކެއިންބުއިމާއި އެހެނިހެން ކުދިކުދި ހަރަދުތައް ހަމަޖެއްސުމަށް އާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. ހާއްސަކޮށް އަތޮޅުތެރެއިން މާލެއަށް އައިސް ފަރުވާ ހޯދާ އާއިލާތަކަށް މިއީ ވަރަށް ބޮޑު އެހީތެރިކަމެކެވެ.
ރައީސް ތެލަސީމިއާ މީހަކާ ވާހަކަ ދައްކަވަނީ:-- ފޮޓޯ: ރައީސް އޮފީސްމާލީ އެހީތެރިކަމުގެ އިތުރުން، ތެލަސީމިއާގެ ފަރުވާ ރަނގަޅު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދައުލަތުގެ ހަރަދުގައި ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފުޅާކޮށްފައިވާއިރު، ޒަކާތު ފަންޑާއި އާސަންދަ މެދުވެރިކޮށް މިހާތަނަށް ގިނަ ކުދިންތަކެއް ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. މިގޮތުން، މި އަހަރުގެ ޖޫން މަހު އެކަނިވެސް ޒަކާތު ފަންޑުން ވަނީ ބޯން މެރޯ ހެދުމަށް 2.5 މިލިއަން ރުފިޔާ އެންސްޕާއާ ހަވާލުކޮށްފައެވެ.
ހަމައެހެންމެ، މާލޭގައި ހުރި ތެލަސީމިއާ ސެންޓަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، މިދިޔަ އަހަރުގެ މެއި މަހު އެ ސެންޓަރު ވަނީ ހުޅުމާލޭގެ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު ލޭ ރައްކާކުރެވޭ މިންވަރު 200 ޕިންޓުން 600 ޕިންޓަށް އިތުރުކުރެވި، ބަލިމީހުންނަށް ފަރުވާދޭ އެނދުތަކުގެ އަދަދުވެސް ވަނީ އިތުރުކުރެވިފައެވެ. މީގެ އިތުރުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތެލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް 17،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
ފަރުވާގެ ކަންކަން ފަސޭހަކުރުމަށްޓަކައި، ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް އާސަންދައިގެ ދަށުން ހިލޭ ލިބޭނެ އިންތިޒާމު އެސްޓީއޯ މެދުވެރިކޮށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ކައިވެނީގެ ކުރިން ހަދަންޖެހޭ ޑީއެންއޭ ޓެސްޓުތައްވެސް މިހާރު އާސަންދައިން ކަވަރުކުރެއެވެ. މިއީ މުސްތަގުބަލުގައި ތެލަސީމިއާ ކުދިން އުފަންވާ ނިސްބަތް މަދުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. ލޭ ހަދިޔާކުރުމުގެ ކޭމްޕޭންތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، މި އެލަވަންސާއެކު ތެލަސީމިއާ އާއިލާތަކަށް މިއަދު މިވަނީ އުއްމީދީ ބަދަލުތަކެއް ފެންނަން ފަށާފައެވެ. އެހެންނަމަވެސް، އަދިވެސް އެންމެ ބޮޑު އިންތިޒާރަކީ ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ތެލަސީމިއާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށި، އެތަނުން ފުރިހަމަ ފަރުވާ ލިބެން ފެށުމެވެ.