ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ގޮތުން، އަނިޔާއަށް ހުށަހެޅިފައިވާ ކުދިން ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށާއި، އެގޮތުން އަނިޔާ ލިބެމުން އަންނަ ކުއްޖެއްގެ ކިބައިން ފެނިދާނެ ނިޝާންތައް ދެނެގަތުމާއި ކަމާބެހޭ އިދާރާތަކަށް އެ ކަންކަން ރިޕޯޓުކުރުމަކީ މުހިންމުކަމެއް ކަމަށް، ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ، ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމުގެ ދުވަހާ ގުޅިގެން އެ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށެވެ.
އެ ވުޒާރާއިން ވަނީ، ކުޑަކުއްޖަކަށް އަނިޔާ ލިބޭ ކަމުގެ ނިޝާންތައް ފާހަގަވާނަމަ، ލަސްނުކޮށް އިދާރާތަކަށް އެކަން ރިޕޯޓުކުރުމަކީ ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން ކޮންމެ ދިވެހި ފަރުދެއްގެ މައްޗަށް ލާޒިމުކުރާ ކަމެއްކަން ހަނދާންކޮށްދީފައެވެ. އެގޮތުން، ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ ކުދިން އުޅެމުންދާ އުނދަގޫ ޙާލަތުން އަރައިގަނެ، ވިލުންތެރި ބަޔަކަށް ދައުލަތުގެ އެކި އިދާރާތަކުން ކުރަމުންދާ މަސައްކަތް އެންމެ ފުރިހަމަގޮތުގައި އަދާކުރެވޭނީ މި މަސައްކަތުގައި މުޖުތަމަޢުގެ ބައިވެރިވުން ވެސް އޮވެގެންކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.
އެ ބަޔާނުގައި ވަނީ، ކުޑަކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާއިން އެ ކުދިން ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގައި ކޮންމެ ފަރުދެއްގެ ވެސް ބައިވެރިވުން އިތުރުކުރުމަކީ މިފަދަ ދުވަހެއް ފާހަގަކުރާއިރު ޢަޒުމް ކަނޑައަޅަންޖެހޭ ކަމެއް ކަމަށް ބުނެފައެވެ. އަދި، ތިމާގެ ފަރާތުން އެއްވެސް ކުއްޖަކަށް އަސަރުކުރާނެ ފަދަ އެއްވެސް ކަމެއް ވިޔަ ނުދިނުމުގެ އިތުރުން އެހެން މީހުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތެރި ކޮންމެ ޙާލަތަކުން ވެސް އެ ކުދިން ރައްކާތެރި ކުރުމަކީވެސް ޢަޒުމަކަށް ވާންޖެހޭނެކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
މި އަހަރު، ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމުގެ ދުވަހަށް ކަނޑައަޅައިފައިވާ ޝިޢާރަކީ، "މަގޭ ދުވަސް، މަގޭ ޙައްގުތައް، މަގޭ މުސްތަގުބަލު" މި ޝިޢާރެވެ.
މި ޝިޢާރުގެ ދަށުން މި އަހަރު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އަނިޔާ ލިބިފައިވާ ކުދިންގެ ވާހަތައް ހިއްސާކުރުމާއެކު، އެ ކުދިން މިހާރު ދިރިއުޅެމުންދާ ޙާލަތާއި މުސްތަގުބަލަށްކުރާ އުންމީދުތައް ހާމަކޮށްދިނުމުގެ އިތުރުން، އެ ކުދިންގެ ވާހަކަތައް އަޑުއެހުމަށާއި އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުޖުތަމަޢުތަކަށާއި ގާނޫނު ހަދާ ފަރާތްތަކަށް ގޮވާލުމުގެ މައްޗަށެވެ.