ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގާނޫނުތައް ހަރުދަނާކޮށް، މުއައްސަސާތައް ޖަވާބުދާރީކުރުވަން ޖެހޭ: ސިޔާމް

އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ބަނޑިދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ސަން ފޮޓޯ/ އާއިޝް އަޝްރަފް

ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހަނުތިބެގެން ނުވާނެ ކަމަށާއި، ކުޑަކުދިން ހިމާޔަތްކުރުމަށްޓަކައި ގާނޫނުތައް އިތުރަށް ހަރުދަނާކޮށް، ތަންފީޒީ އިދާރާތަކާއި މުއައްސަސާތައް ޖަވާބުދާރީކުރުވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ސިޔާމް ވިދާޅުވީ، ކޮންމެ ކުއްޖަކީ ވެސް އަނިޔާއާއި، ބިރުވެރިކަމާއި އަދި ނާޖާއިޒު ފައިދާ ނެގުމުން ރައްކާތެރިވެފައިވާ، ލޯތްބާއި އަޅާލުން ލިބޭ އަމާން މާހައުލެއްގައި ބޮޑުވުމުގެ ހައްގު ލިބިގެންވާ ކުއްޖެއް ކަމަށެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއަކީ އެހެން ބައެއްގެ ޒިންމާއެއް ކަމަށް ދެކިގެން ތިބެގެން ނުވާނެކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ، ކުދިން ރައްކާތެރިކުރުމަށްޓަކައި ހަރުދަނާ ގާނޫނުތަކާއި، އެ ގާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމާއި، ޒިންމާދާރު މުއައްސަސާތަކުގެ އިތުރުން، އެފަދަ ކަންކަމަށް ލޯމަރާނުލާ މުޖުތަމައެއް ބިނާކުރަންޖެހޭ ކަމަށެވެ.

މީގެއިތުރުން، ގައުމެއްގެ ހައިސިއްޔަތުން މިކަމުގައި މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، ކުޑަކުދިންނަކީ އެންމެންގެ އެންމެ ބޮޑު ޒިންމާ ކަމަށްވާއިރު އެ ކުދިންގެ ރައްކާތެރިކަމާ މެދު އެއްވެސް ހާލެއްގައި ދޫދެވިގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިޔާމްގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ، ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖަކަށް ހައްގުވާ ކުޑައިރުގެ އުފާވެރިކަމާއި، ޝަރަފުވެރިކަމާއި އަދި އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

comment ކޮމެންޓް