'ޑޮން 3'އިން ވަކިވި މައްސަލައިގައި ރަންވީރުގެ ބައްޕަ ސިނަމާ މަސައްކަތްތެރިންގެ ޖަމިއްޔާއާ ބައްދަލުކުރަނީ

ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ޑޮން 3"އިން ރަންވީރު ސިންގް ވަކިވި މައްސަލައިގައި އެ ފިލްމުން އޭނާ ވަކިވި ސަބަބު ސާފުކުރުމަށްޓަކައި އިންޑިއަން މޯޝަން ޕިކްޗަރ ޕްރޮޑިއުސާސް އެސޯސިއޭޝަން (އިމްޕާ) އާއެކު ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވުމަށް ރަންވީރުގެ ބައްޕަ އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މިކަން މިގޮތަށް ހަމަޖެހިފައި މިވަނީ، ސިނަމާ މަސައްކަތްތެރިންގެ ޖަމިއްޔާއަކުން ރަންވީރު 'ބޭން' ކުރުމަށް ނިންމި ނިންމުން އަނބުރާ ގެންދިޔަތާ ގާތްގަނޑަކަށް ތިން މަސް ފަހުންނެވެ.

'ދަ ސްޓޭޓްސްމަން' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފާއިތުވި މަހުތެރޭ، ފިލްމު "ޑޮން 3"ގެ އުފެއްދުންތެރިން ކަމަށްވާ ފަރުހާން އަހްތަރު އާއި ރިތޭޝް ސިދްވާނީ ވަނީ ރަންވީރާ ދެކޮޅަށް ޝަކުވާ ހުށަހަޅައި، އެކަމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް އެދިފައެވެ.

ރަންވީރު ސިންގް އަދި އެކްޓަރުގެ ބައްޕަ ޖަގްޖީތު ސިންގް ބަވާނީ--ފޮޓޯ/އިންޑިއާފޯރަމް

މި މައްސަލައިގައި ރަންވީރުގެ ޖަވާބަކަށް އެދި އިމްޕާއިން އެކްޓަރަށް ސިޓީއެއް ފޮނުވި ނަމަވެސް އެއަށް ޖަވާބުދާރީވެފައިނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެ މައްސަލައަކީ އެ ޖަމިއްޔާގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ބުނެ، ރަންވީރު އެކަމުގައި ބައިވެރިނުވާނެ ކަމަށް އެ ޖަމިއްޔާއަށް އެކްޓަރުގެ ގާނޫނީ ޓީމުން އެންގި ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، މި މައްސަލައިގައި މިހާރު ވަނީ ކުރިއެރުމެއް ލިބިފައެވެ. އެމްޕާގެ ރައީސް އަބޭ ސިންހާ ވިދާޅުވި ގޮތުގައި މީގެ ތިން ދުވަސް ކުރިން ރަންވީރުގެ ބައްޕަ ވަނީ އެ ޖަމިއްޔާއާ ގުޅައި، ބައްދަލުވުމެއް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. މީގެއިތުރުން، ބައްދަލުވުން ތާވަލުކުރުމުން އެ ބައްދަލުވުމަށް ހާޒިރުވާނެ ކަމުގެ ޔަގީންކަންދީ ރަންވީރުގެ ވަކީލުގެ ފަރާތުން އީމެއިލެއް ލިބިފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ކުރިއަށް އޮތް ބައްދަލުވުމުގައި ރަންވީރުގެ ބައްޕަ ނުވަތަ މަންދޫބެއް މެދުވެރިކޮށް ރަންވީރުގެ ފަރާތުން މިކަމުގައި ދެކޭގޮތް 'އިމްޕާ'އަށް ސާފުވާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

ރަންވީރު ފިލްމު "ޑޮން 3"އިން ވަކިވި ހަގީގީ ސަބަބު މިހާތަނަށް ހާމަކޮށްފައިނުވާއިރު، ރަންވީރު ވަނީ "ޑޮން 3"ގެ ހާއްސަ ޕްރޮމޯޝަނަލް ވީޑިއޯއެއް ވެސް ޝޫޓްކޮށްފައެވެ. ފިލްމުގެ މަސައްކަތް ފަށަން ކުޑަތަންވެފައިވަނިކޮށް ކުއްލިގޮތަކަށް ރަންވީރު ފިލްމުން ވަކިވުމުން ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް އެ ފިލްމު ގެނެސްދޭ އެކްސެލް އެންޓަޓެއިންމަންޓަށް ވެފައިވާ ކަމަށް ޑައިރެކްޓަރު ފަރުހާން ވަނީ ބުނެފައެވެ.

comment ކޮމެންޓް