އަމިއްލަ ބިއުޓީ ބްރޭންޑް 'ކޭ ބިއުޓީ' ކުރިއެރުވުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދާއިރު، މަސައްކަތުން ބްރޭކެއް ނަގައި އަރާމުކުރުމަށް ފިރިމީހާ އަދި ކުޅަދާނަ އެކްޓަރު ވިކީ ކޯޝަލް އަބަދުވެސް ހަނދާންކޮށްދޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ބުނެފިއެވެ. ވިޔަފާރިއަށް އޮތް ލޯތްބާއި ޝައުގުވެރިކަމުގެ ބޮޑުކަމުން ރަސްމީ ގަޑީގެ އިތުރުން ހަފުތާ ބަންދު ދުވަސްތަކުގައިވެސް މަސައްކަތުގައި ހޭދަކުރަން ޖެހޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
'ނައިކާ'ގެ ކޯ-ފައުންޑަރު އަދުވައިތާ ނާޔަރް އާއެކު 'ސީ.އެން.ބީ.ސީ-ޓީވީ18'އަށް ދިން ޚާއްޞަ އިންޓަވިއުއެއްގައި ކެޓްރީނާ ވަނީ ކޭ ބިއުޓީ ބިނާކުރުމުގެ ދަތުރާއި، ވިޔަފާރިވެރިއެއްގެ ގޮތުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން، މަންމައަކަށް ވުމަށްފަހު ދިރިއުޅުމުގެ އެކި ޒިންމާތައް ހަމަހަމަކުރާ ގޮތް ތަފްސީލުކޮށްދީފައެވެ.
ބްރޭންޑް ހިންގުމަށް ހޭދަވާ ވަގުތާއި ކުރަންޖެހޭ ބުރަ މަސައްކަތަށް އިޝާރާތްކޮށް ކެޓްރީނާ ބުނީ، އެކަމަށް ހޭދަވާ ގަޑިތައް ގުނާ ނުލެވޭނެ ކަމަށެވެ. ނަމަވެސް އެ ގަޑިތައް ގުނާ އެކަކު ހުންނަ ކަމަށާއި، އެއީ ފޯނު ބޭއްވުމަށް އަބަދުވެސް ނަސޭހަތްތެރިވާ އޭނާގެ ފިރިމީހާ ވިކީ ކަމަށް ކެޓްރީނާ ހާމަކުރިއެވެ.
ވިކީ އާއި ކެޓްރީނާ ދަރިފުޅު ވިހާންއާ އެކު--ފޮޓޯ/އެންޑީޓީވީ ކަމަކަށް އިންތިހާއަށް ލޯބި ޖެހި، ޝައުގުވެރިކަން އުފެދުމުން ގަޑިއަށް ނުބެލޭނެކަން ފާހަގަކުރަމުން އޭނާ ބުނީ، ޗުއްޓީ ދުވަސްތަކުގައިވެސް ދެމަފިރިންނަށް ތިބެވެނީ ވިޔަފާރީގެ މަޝްވަރާތަކުގައި ކަމަށެވެ. ހަމައެއާއެކު، އަލަށް ވިޔަފާރީގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ކޮންމެ މީހަކަށްވެސް އެންމެ މުހިންމު އެއްޗަކީ ކުރާ މަސައްކަތަށް އޮންނަ ވަރުގަދަ ލޯބިކަމަށާއި، ރިސްކު ނެގުމަށާއި ގޮންޖެހުންތަކުން އަރައިގަނެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ހިތްވަރު ލިބެނީ އެ ޝައުގުވެރިކަމުގެ ސަބަބުން ކަމަށް ކެޓްރީނާ ޤަބޫލުކުރެއެވެ.
އެކްޓަރެއް، ވިޔަފާރިވެރިއެއް، އަނތްބެއް އަދި މަންމައެއްގެ ޒިންމާ އެއްފަހަރާ އުފުލަމުންދާ ގޮތާ ބެހޭގޮތުން ވާހަކަދައްކަމުން ކެޓްރީނާ ބުނީ، ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ބެލެންސް ކުރުމަށް އަމިއްލަ ނަފްސަށް ޕްރެޝަރު ކުރުމުގެ ބަދަލުގައި، އެ ބަދަލުތަކަށް ހޭނުމަށް އަމިއްލަ ނަފްސަށް ވަގުތާއި ޖާގަ ދޭން ދަސްކޮށްފައިވާ ކަމަށެވެ. ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ޒިންމާތައް ބަދަލުވަމުންދާއިރު، ކޮންމެ ދައުރެއްގައިވެސް ފައިތިލަ ސާބިތުކުރުމަށް ވަގުތު ބޭނުންވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން، ހާސްކަމާއި ބުރަ ވަގުތުތަކުގައި ކަންކަން އެންމެ ރަނގަޅަށް ނުދިޔަ ނަމަވެސް، އަމިއްލަ ނަފްސަށް އޯގާތެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ކެޓްރީނާ ބުންޏެވެ. މި ހުރިހާ ކަމެއްގައިވެސް ފިރިމީހާގެ ފަރާތުން ލިބޭ އެއްބާރުލުމަށް ތައުރީފު ކުރަމުން އޭނާ ސިފަކުރީ، ވިކީއަކީ އޭނާގެ ހަލަބޮލި ދިރިއުޅުމަށް ލިބޭ ހަމަޖެހުން ކަމުގައެވެ.
މީޣެ ފަސް އަހަރުކުރިން ޒަވާޖީ ޙަޔާތެއް ފެށި ކެޓްރީނާ އާއި ވިކީއަށް އަލަތު ދަރިފުޅު، ވިހާން ލިބިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މީގެ ކުރިން 'ވޯގް އިންޑިއާ'އަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ވަނީ ވިހެއުމަށްފަހު ކުރީގެ ހަށިގަނޑަށް ރުޖޫއަވުމަށް އޮންނަ އިޖުތިމާއީ ޕްރެޝަރަށް ބޯނުލަނބާނެ ކަމަށް ބުނެފައެވެ.
ހަމައެއާއެކު، ދުވާލަކު 14 ނުވަތަ 18 ގަޑިއިރު މަސައްކަތުގައި އުޅުމަށްފަހު ވެސް، ވަރުބަލިކަމެއް ނެތި ދަރިފުޅާއި އަނބިމީހާއަށް ވިކީ ސަމާލުކަންދޭ ކަމަށާއި ވިކީއަކީ ވަރަށް ފުރިހަމަ ބައްޕައެއްގެ ގޮތުގައި ކެޓްރީނާ ވަނީ ސިފަކޮށްފައެވެ. ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކެޓްރީނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2024 ވަނަ އަހަރު ނުކުތް ސްރީރާމް ރާގަވަންގެ ތްރިލާ "މެރީ ކްރިސްމަސް"އިން ވިޖޭ ސެތުޕަތީ އާއެކުގައެވެ.