މަންނަތަކީ ގޯރީގެ ގެއެއް، ގޭގައި އެއްވެސް ކަމެއް ނިންމުމުގެ ބާރެއް އެހެން މީހަކަށް ނޯވޭ: ޝާހްރުކް

ޝާހްރުކް ޚާން، މަންނަތުގެ ބޭރުގައި ސަޕޯޓަރުންނާ ބައްދަލުކުރަނީ--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކް ޚާން ދިރިއުޅޭ "މަންނަތު" އަކީ އިންޑިއާގެ މުމްބާއީގައި ހުންނަ އެންމެ މަޝްހޫރު އަދި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ އެއް ބިނާއެވެ. ކޮންމެ ދުވަހަކުވެސް އެތައް ހާސް ސަޕޯޓަރުންނާއި ފަތުރުވެރިން އެ ގޭގެ ބޭރުގައި ފޮޓޯ ނެގުމަށާއި ޝާހްރުކްގެ ހިލަމެއް ވޭތޯ ޖަމާވި ނަމަވެސް، އެ ގޭގެ އެތެރޭގެ ދިރިއުޅުން އޮންނަ ގޮތުގެ ތަފްސީލެއް އާންމުންނަކަށް އެނގިފައެއް ނޯވެއެވެ.

އާންމުންނަށް ސިއްރުވެފައި އޮތް މަންނަތުގެ އެތެރޭގެ ބައެއް ވާހަކަތައް ޝާހްރުކް ވަނީ ދާދިފަހުން ދުބާއީގައި ބޭއްވި ޑެނިއުބް ޕްރޮޕަޓީސްގެ "ޝާހްރުކްޒް ރެސިޑެންސަސް" އިފްތިތާހު ކުރުމުގެ ހަފްލާގައި މަޖާ ރާގެއްގައި ހިއްސާކޮށްފައެވެ. މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ހުށަހަޅައިދިން މި ހަފްލާގައި، އަމިއްލަ ގޭގައި ޝާހްރުކަށް ކުރުމުގެ ހުއްދަ ނެތީ ކޮން ކަންތައްތަކެއްތޯ ކަރަން ކުރި ސުވާލަށް ޖަވާބު ދެމުން ޝާހްރުކް ބުނީ ގޭގެ އެއްވެސް ކަމަކާ މެދު ގޮތެއް ނިންމުމުގެ ބާރު އޭނާއަށް ނޯންނަ ކަމަށެވެ.

މަންނަތަކީ އޭނާގެ އަންހެނުން ގޯރީ ޚާންގެ ގެއެއްކަން ފާހަގަކުރަމުން ޝާހްރުކް ބުނި ގޮތުގައި، ގޯރީގެ ނިންމުންތަކާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނުމުގެ ފުރުސަތު ގޭތެރޭގައި ނޯވެއެވެ. އެގޮތުން ވައިފައިއާއި، ކެއުމާއި، ކުލަތަކާއި، ކުރެހުންތަކުގެ އިތުރުން ސިޑިއާއި، ބޮތްކާއި، ފަރުނީޗަރު ފަދަ އެއްވެސް ކަމަކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ހުއްދަ ނޯންނަ ކަމަށް އޭނާ ހިނިތުންވުމާއެކު ކިޔައިދިނެވެ. ހަމައެއާއެކު އެނދުމަތީގައި އިނދެ ކެއުމާއި، ގޭގެ ފަންގިފިލާ އާއި ޗެންޑެލިއަރު އަދި ލިފްޓާ ބެހޭގޮތުން ވެސް އެއްވެސް ޚިޔާލެއް ފާޅުކުރުމުގެ ފުރުސަތު ނޯންނަ ކަމަށް ޝާހު ބުންޏެވެ.

އޭގެ ބަދަލުގައި ގޭތެރޭގައި އޮންނަނީ ހަމަޖެހިލައިގެން އިނދެ، ގޯރީ އެ ގެ ފަރުމާކޮށްފައިވާ ފުރިހަމަކަމަށް ތައުރީފުކުރުން ކަމަށް ޝާހު ފާހަގަކުރިއެވެ. އަދި މިހާރު އޮތް ހަމައެކަނި ކަންބޮޑުވުމަކީ އަލަށް ބަދަލުވާ ޕެންޓްހައުސްއަށް ދިއުމަށްފަހު ވެސް، ގޯރީގެ ފަރުމާއަށް ތައުރީފުކުރުން ފިޔަވައި އިތުރު ކަމެއް ކުރެވެން ނެތުން ކަމަށް ބުނެ އޭނާ ސަމާސާކުރިއެވެ.

ޝާހްރުކް އާއި ގޯރީ ތިން ކުދިންނާ އެކު--ފޮޓޯ/އެންޑީޓީވީ

ގޭތެރޭގެ މަޖާ ވާހަކަތަކަށްފަހު، އަމިއްލަ ގެއެއް ހުރުމަކީ އޭނާގެ ހަޔާތުގައި އެހާ ބޮޑު އަހައްމިއްޔަތުކަމެއް ދެވޭ ކަމަކަށް ވީ ކީއްވެގެންކަން ވެސް ޝާހްރުކް ވަނީ މި ހަފްލާގައި ހިއްސާކޮށްފައެވެ. ޒުވާން އުމުރުގައި މައިންބަފައިންނާ ވަކިވާން ޖެހުނުއިރު، ގޯރީއާ ކައިވެނި ކުރުމާ ހަމައަށް ވެސް އޭނާގެ އަމިއްލަ ގެއެއް ނެތްކަން ފާހަގަކުރަމުން، އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަކީ އޭނާގެ އެންމެ ބޮޑު އެއް ހުވަފެނަށް ވެގެންދިޔަ ކަމަށް ޝާހު ވަނީ ބުނެފައެވެ. ފިލްމުތަކާއި، އާއިލާ އަދި މަސައްކަތްދެކެ ކިތަންމެ ލޯބިވި ނަމަވެސް، އަމިއްލަ މިލްކެއްގެ ގޮތުގައި ގެއެއް ހުރުމަކީ އޭނާގެ ހިތުގައި ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވާ ކަމެއް ކަމަށް ޝާހްރުކް ކިޔައިދިނެވެ.

މީގެ އިތުރުން، ގެއަކީ އުފާވެރި ވަގުތުތަކުގަ އާއި ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ވެސް އިންސާނާއަށް ހިތްހަމަޖެހުން ގެނެސްދޭ ތަނެއް ކަމަށް ޝާހްރުކް ޤަބޫލުކުރެއެވެ. ބޭރުތެރެއިން ކުރިމަތިވާ އެކި ކަހަލަ ގޮންޖެހުންތަކަށްފަހު ގެއަށް އައުމުން، އަލުން ދިރިއުޅުމާ ކުރިމަތިލުމުގެ ހިތްވަރާއި އަރާމު ލިބިގެންދާކަން އޭނާ ފާހަގަކުރިއެވެ. އަދި އޭނާ އާއި ގޯރީ އެންމެ ފުރަތަމަ ގަތް ގެ އާއި، އޭގެ ފަހުން ގަތް މަންނަތަކީ ވެސް އޭރު އެ ދެމަފިރިންގެ މާލީ ތަނަވަސްކަމަށް ވުރެ މާ ބޮޑު ހޭދައެއް ކޮށްގެން ހޯދި ދެ ތަންކަން ޝާހްރުކް ހަނދާން އާކުރިއެވެ.

ދިރިއުޅުމުގެ މިފަދަ ވާހަކަތަކާއެކު ޝާހްރުކް ޚާން މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރަމުންދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ކިންގް" ސިނަމާތަކަށް އަންނާނެ ދުވަހަކަށެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

comment ކޮމެންޓް