ކުނި އަޅާ މީހުން ދެނެގަތުމަށް ފަހި ފްލެޓްތަކުގައި ކެމެރާ ހަރުކޮށްފި

އެފްޑީސީ ފުލެޓްތައް: ފުލެޓްތަކުގައި ވަނީ ކެމެރާ ހަރުކޮށް ނިމިފަ-- ސަން ފޮޓޯ/ މާނިއު މުހައްމަދު

ކުނި އަޅާ މީހުން ދެނެގަތުމަށާއި، ދިރިއުޅޭ މީހުންނާއި އެ ސަރަހައްދު ބޭނުންކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުޅުމާލޭގެ ފަހި ފްލެޓްތަކުގެ ހުރިހާ ޓަވަރެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް ނިމިފައިވާ ކަމަށް, ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީން ހާމަކުރި ގޮތުގައި، މި ކެމެރާތައް ބޭނުންކޮށްގެން އެ ސަރަހައްދުތައް 24 ގަޑިއިރު މޮނިޓާކޮށް ބަލަހައްޓަމުން ގެންދާނެއެވެ. އަދި އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދަކީ ސާފުތާހިރު އަދި ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި ކުރިއަށްގެންދިޔަ މި މަސައްކަތުގެ ސަބަބުން، ކުނި އަޅާ މީހުން ވަގުތުން ދެނެގަނެވޭނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންމެ ފަހުން މީހުން ދިރިއުޅެން ފެށި ފަހި ފްލެޓްތަކަކީ އަމާން ދޯދީގެ 16 ޓަވަރާއި އަމާން އުދަރެހުގެ 16 ޓަވަރާއެކު ޖުމުލަ 32 ޓަވަރު ހިމެނޭ މަޝްރޫއެކެވެ.

https://sun.mv/225455

ފަހި ފްލެޓުތަކުގެ އިތުރުން، ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ފްލެޓުތަކުގެ ޓަވަރުތަކުގެ ބޭރުގައާއި، އެތެރޭގެ ކޮންމެ ފްލޯއަކާއި، ސިޑިގޮޅިތަކާއި، ލިފްޓުތަކުގެ އިތުރުން ބޭސްމަންޓުގައި ވެސް ސީސީޓީވީ ކެމެރާ ވަނީ ހަރުކޮށްފައެވެ.

މި ފިޔަވަޅު އަޅާފައި މިވަނީ ފަހި ފްލެޓުތަކުގެ އާންމު ސަރަހައްދުތަކަށް ކުނި އަޅާ މައްސަލަ ވަރަށް ބޮޑުވެ، އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެފައި ވަނިކޮށެވެ.

https://sun.mv/225984

ފްލެޓުތަކުގެ އާންމު ސަރަހައްދަށް އަޅާފައިވާ ކުނި ނައްތާލުމަށް 13.4 މިލިއަން ރުފިޔާގެ ބޮޑު ޚަރަދެއް ކުރަން ޖެހުނު ކަމަށް އެފްޑީސީން ވަނީ މި މަހުގެ ކުރީކޮޅު ހާމަކޮށްފައެވެ.

އެފްޑީސީން ވަނީ ގަވާއިދާ ޚިލާފަށް ކުނި އަޅާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ. އަދި އެ ސަރަހައްދުގައި ކުނި އެޅުމުގެ ޢަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެ ކޯޕަރޭޝަނުން ކުރަމުންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް