ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ޓަވަރުތައް ސަރަހައްދުން ކުނި ސާފުކުރުމަށް ފާއިތުވި ނުވަ މަސް ތެރޭ 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
އެފްޑީސީ ޓަވަރުތައް ހަވާލުކުރަން ފެށީ މިިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ކަމަށްވާއިރު، އޭރުން ފަށައިގެން މީހުން އަންނަނީ އެ ފުލެޓުތަކަށް ބަދަލުވަމުންނެވެ.
އެ ފުލެޓުތަކަށް މީހުން ބަދަލުވާއިރު، ޓަވަރުތައް ކައިރިއަށް ކުނި އެޅުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން ބައެއް ޓަވަރުތައް ކައިރީ ބޮޑެތި ކުނި ގިނަވެ، ކުނިފުނިތައް އުފެދޭތީ ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެއެވެ.
އެ މައްސަލައިގައި އެފްޑީސީން ވަނީ ކުނި ސާފު ކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ، ކުނި އަޅާ މީހުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. އަދި ބައެއް މީހުން ޖޫރިމަނާކޮށްފައިވާކަން އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
އެހެންނަމަވެސް މިހާތަނަށް ވެސް، އާންމު ތަންތަނަށް ކުނި އެޅުމުގެ މައްސަލަ ހުއްޓިފައިނުވެއެވެ. އޭގެ ސަބަބުން ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ ފާޑުކިޔުން އެފްޑީސީއަށް ވެސް އަމާޒުވެފައިވެއެވެ.
އެ ކޯޕަރޭޝަނުން މިއަދު ވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނަގައިފައިވާ ކުންޏާއި، އެކަމަށް ހިނގައިފައިވާ ޚަރަދުގެ ތަފުސީލު ހާމަކޮށްފައެވެ.
އެފްޑީސީގެ ހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި ޖުމުލަ 5,040 ޓަނުގެ ކުނި ވަނީ އާންމު ސަރަހައްދުތަކުން ނައްތާލާފައެވެ.

ހުޅުމާލޭ ފަހި ޓަވަރުތަކެއް ކައިރިއަށް އަޅާފައި ހުރި ކުނިތަކެއް --
މީގެ ތެރޭގައި ނިމުނު އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ މާރިޗު މަހާ ހަމައަށް 3,178 ޓަނު، އަދި މި އަހަރުގެ މެއި މަހުން ފެށިގެން ޖޫން މަހާ ހަމައަށް ނައްތާލައިފައިވާ 1,862 ޓަނުގެ ކުނި ހިމެނެއެވެ. އެ ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި އެއް ޓަނު ކުނީގެ މިންވަރަކީ ގާތްގަނޑަކަށް 133 ކޮތަޅު ކުންޏެވެ.
މި މަސައްކަތަށް ހޭދަވި ފައިސާގެ ތަފުސީލަށް ބަލާއިރު، ނިމުނު އަހަރުގެ އޮކްޓޫބަރުން ފެށިގެން މި އަހަރުގެ މާރިޗް މަހާ ދެމެދު 8.45 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. އަދި މި އަހަރުގެ އޭޕްރީލް މަހުގައި 75,100 ރުފިޔާ އަދި މެއި މަހުން ޖޫން މަހާ ހަމައަށް 4.95 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެެ.
އެހެންކަމުން ނުވަަ މަސް ތެރޭ ކުނި ނައްތާލުމަށް ކުރި ޖުމްލަ ޚަރަދު 13.5 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެފްޑީސީން ބުނެއެވެ.
އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ކުނި ނައްތާލުމަށް މިހާ ބޮޑު ހޭދައެއް ކުރަންޖެހުނީ، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް އާންމު ސަރަހައްދުތަކަށް އެކި ބާވަތުގެ ކުނި އުކާލުމުގެ ސަބަބުންނެވެ.
މިގޮތަށް އަމަލުކުރުމުގެ ސަބަބުން އެ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް ދައުލަތުގެ ބަޖެޓުންނާއި ކޯޕަރޭޝަނުން ކުރަންޖެހޭ ހޭދަ ނިސްބަތުން އިތުރުވެފައިވާ ކަމަށް އެފްޑީސީން ފާހަގަކުރެއެވެ.
ކުނި އުކާލުމަށް ކުރި ޚަރަދަށް އެފްޑީސީން އާންމުކުރި ތަފާސްހިސާތު...މިފަދަ އިހުމާލުތަކުގެ ސަބަބުން ހިނގާ ބޮޑެތި ޚަރަދުތައް ކުޑަކުރުމަށާއި، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި ކުނި އުކާލުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
ސާފު، ރައްކާތެރި އަދި ދެމެހެއްޓެނިވި މުޖުތަމައެއް ބިނާކުރުމަށް އެންމެންގެ ފަރުދީ ޒިންމާ ބޭނުންވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ހުޅުމާލެއަކީ ހަލުވިކަމާއެކު އާބާދީ އިތުރުވަމުން އަންނަ ސިޓީއަކަށް ވުމާއެކު، އެ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މީގެ ތެރޭގައި އާންމު ސަރަހައްދުތަކަށާއި މަގުމައްޗަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވެފައިވާއިރު، ޚާއްސަކޮށް ދެވަނަ ފިޔަވަހީގައި މި މައްސަލަ ބޮޑުކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ބައު ފަރުނީޗަރާއި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު ފަދަ ބޮޑެތި ކުނިތައް މަގުމައްޗަށް އުކާލުމާއި، ކުނި ވަކިނުކޮށް އެއްކޮށް އުކާލުމަކީ ދިމާވާ މުހިންމު މައްސަލަތަކެކެވެ.
މި މައްސަލަތައް ހައްލުކުރުމަށްޓަކައި އާންމުން ހޭލުންތެރިކުރުވުމާއި، ވެމްކޯގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ގަވާއިދުން ކުނި ނެގޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެެވެ. އަދި މަގުމައްޗަށް ކުނި އަޅާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާކުރުމުގެ އިތުރުން، ރީސައިކަލް ކުރެވޭނެ ފުޅާ ނިޒާމެއް ގާއިމުކުރުމަކީ ހުޅުމާލޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ.