ޓަވަރުތަކުގެ ބެލްކަނީގައި ރެއިލިން ހަރުކޮށްދޭން ގިނަ ބަޔަކު އެދުނުއިރު، މިހާތަނަށް 273 ރެއިލިން ހަރުކޮށް ދީފި

އެޗްޑީސީން ރެއިލިން ހަރުކުރުން: މިހާތަނަށް 273 ކުޑަދޮރުގައި އެޗްޑީސީން ވަނީ ރެއިލިން ހަރުކޮށްދީފައި -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގެ ޓަވަރުތަކުގެ ތެރެއިން މިހާތަނަށް 220 އެޕާޓުމަންޓުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ރެއިލިން ހަރުކޮށްދީފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ދެ އިމާރާތަކުން ދެ ކުއްޖަކު ކައިރި ކައިރީގައި ވެއްޓި، އެއް ކުއްޖަކު މަރުވެފައި ވަނިކޮށް ހުޅުމާލޭގެ ބެލްކަނިތަކުގައި ރެއިލިން ހަރުކޮށްދޭން އެދުމަށް އެޗްޑީސީން ހުޅުވާލިއެވެ.

މިދިޔަ މަހު ފަހަކުން ފެށިގެން އެ މަހުގެ 30 ވަނަ ދުވަހާ ހަމައަށް ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު އެ ކަމަށް އެދުނެވެ.

އެޗްޑީސީން މިއަދު ބުނި ގޮތުގައި، އެޕާޓުމަންޓުގައި ރެއިލިން ހަރުކޮށްދިނުމަށް އެދި 1،011 މީހުން އެދުނެވެ. އޭގެތެރެއިން، 220 އެޕާޓުމަންޓުގެ 273 ކުޑަދޮރުގައި ރެއިލިން ހަރުކޮށްފައިވާ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އަދި، މަސައްކަތް ނުނިމި ބާކީ ހުރި އެޕާޓްމަންޓްތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.

https://sun.mv/228232

އެޗްޑީސީން އެހެން ބުނިއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އެފްޑީސީ ފުލެޓުތަކުގައި ބަދަލު ގެނެސްފައިހުރި ޔުޓިލިޓީ ބެލްކަނިތައް ރަނގަޅުކުރަން މި މަހު 28އާ ހަމައަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ފުރުސަތު ދީފައެވެ.

އެ ކޯޕަރޭޝަނުން ވަނީ، އެ ކަން ރަނގަޅު ނުކުރާނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

comment ކޮމެންޓް