ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން ޓަވަރުތައް ކައިރިއަށް ކުނި އަޅާ މީހުން ހޯދުމަށް ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ، އެ ކަން ކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފަހި ދިރިއުޅުން ކޯޕަރޭޝަން ކޯޕަރޭޝަން (އެފްޑީސީ)އިން މިއަދު ދީފިއެވެ.
އެ ސަރަހައްދަށް ކުނި އެޅުން ބޮޑުވެފައިވާއިރު، އެ ތަނަށް ޖަމާކޮށްފައިވާ 670 ޓަނުގެ ކުނި އެފްޑީސީން ވަނީ ނަގާފައެވެ.
މިއަދު އެ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދަކީ ސާފުތާހިރު، ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި ސީސީޓީވީ މެދުވެރިކޮށް މޮނިޓާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ ކަމުގެ ސަބަބުން، ކުނި އަޅާ މީހުން ވަގުތުން ކެމެރާ މެދުވެރިކޮށް ދެނެގަނެވޭނެ ކަމަށް ބުނެ، ގަވައިދާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.
މީގެއިތުރުން، ކުނި އެޅުމުގެ އަމަލުތައް ހުއްޓުވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާނެކަން އެފްޑީސީން ފާހަގަކުރިއެވެ.
އެ ކޯޕަރޭޝަނުން ކުރިން ބުނި ގޮތުގައި، މިދިޔަ ނުވަ މަހު އެ ސަރަހައްދުން ކުނި ނައްތާލަން 13.5މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިހާ ބޮޑު ހޭދައެއް ކުރަން ޖެހުނީ، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް އާންމު ސަރަހައްދުތަކަށް އެކި ބާވަތުގެ ކުނި އުކާލުމުގެ ސަބަބުން ކަމަށް އެފްޑީސީން ވަނީ ފާހަގަކޮށްފައެވެ.
ހުޅުމާލެއަކީ ހަލުވިކަމާއެކު އާބާދީ އިތުރުވަމުން އަންނަ ސިޓީއަކަށް ވުމާއެކު، އެ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މީގެ ތެރޭގައި އާންމު ސަރަހައްދުތަކަށާއި މަގުމައްޗަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވެފައިވާއިރު، ޚާއްސަކޮށް ދެވަނަ ފިޔަވަހީގައި މި މައްސަލަ ބޮޑުކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ބައު ފަރުނީޗަރާއި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު ފަދަ ބޮޑެތި ކުނިތައް މަގުމައްޗަށް އުކާލުމާއި، ކުނި ވަކިނުކޮށް އެއްކޮށް އުކާލުމަކީ ދިމާވާ މައްސަލަތަކެކެވެ.
މި މައްސަލަތައް ހައްލުކުރުމަށްޓަކައި އާންމުން ހޭލުންތެރިކޮށް، ވެމްކޯގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ގަވާއިދުން ކުނި ނެގޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެެވެ