އިސްރާއީލުން ސޫރިޔާއަށް ހަމަލާދިނުމުން ތުރުކީގެ ހަރުކަށި އިންޒާރެއް އިސްރާއީލަށް!

އަންކަރާ (19 އޮގަސްޓް 2026) : އިސްރާއީލުން ސޫރިޔާއަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދިނުމުން ތުރުކީން އިސްރާއީލަށް ހަރުކަށި އިންޒާރެއް ދީފިއެވެ.

ތުރުކީގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި އިސްރާއީލު ސިފަކޮށްފައިވަނީ ނުރައްކާތެރި ޓެރަރިސްޓް ގައުމެއްގެ ގޮތުގައެވެ. ތުރުކީގެ ބަޔާނުގައި ސޫރިޔާގައި ހަމަނުޖެހުން އުފައްދައި ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތު ނަގާލުމުގެ ފުރުސަތު އިސްރާއީލަށް ނުދޭނެކަމަށް ބުނެ އިސްރާއީލަށްވަނީ ހަރުކަށި އިންޒާރެއް ދީފައެވެ. އަދި ޓެރަރިސްޓް ހަމަލާތައް ދީފައި އިސްރާއީލަށް ފިލައިގެން ނުދެވޭނެކަމަށް ވެސް ބުނެފައިވެއެވެ.

އިސްރާއީލުން އިއްޔެ ވައިގެ ހަމަލާތައް ދީފައިވަނީ ސޫރިޔާގެ ހުޅަނގު އުތުރުގައި އޮންނަ އަބުއްޟުހޫރު އަސްކަރީ ވައިގެ ބޭސް އަށެވެ. މިއީ ތުރުކީގެ ސަރަހައްދީ ރޮނގާ ވަރަށް ގާތުގައި އޮންނަ ބޭސްއެކެވެ. މި ހަމަލާގެ ބޭނުމަކީ ތުރުކީއަށް މެސެޖެއް ދިނުންކަމަށް އިސްރާއީލުގެ ނޫސްތައް ބުނެއެވެ.

ސޫރިޔާގެ ސިފައިން އަލުން ބިނާކުރުމަށް ބޭނުންވާ ހަތިޔަރާއި އެނޫން ވަސީލަތްތައް ތުރުކީން ސޫރިޔާއަށް ގެންދާ މައިގަނޑު ރަންވޭ އޮންނަނީ މިބޭސް ގައެވެ.

ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމަށްފަހު ސޫރިޔާގައި އުފެއްދި އައި އައިއެސް ޖަމާއަތަށް ނިސްބަތްވާ އަބޫމުހައްމަދުލް ޖޫލާނީ ނުވަތަ އަހްމަދުއްޝާރުޢުގެ ސަރުކާރަކީ ތުރުކީއާ ގާތްގުޅުންތަކެއް ބާއްވަމުން ގެންދާ ސަރުކާރެކެވެ.

މި ސަރުކާރުން ގެންދަނީ ބަލިކަށިވެފައިވާ ސޫރިޔާގެ ސިފައިންގެ ލަޝްކަރުތައް އަލުން ބިނާކުރުމަށް ތުރުކީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިސްރާއީލު ދެކޭގޮތުގައި ސޫރިޔާ އޮންނަން ޖެހޭނީ އިސްރާއީލު ބޭނުންވާ ވަގުތަކު ހަމަލާދެވޭގޮތަށް އަދި އިސްރާއީލުގެ އެއްވެސް އުދުވާނަކަށް ރައްދު ނުދެވޭފަދަ ބަލިކަށި ހާލަތެއްގައެވެ.

އިސްރާއީލުވަނީ އަމިއްލަ ނަފްސު ދިފާއުކުރެވޭ ހާލަތަށް ސޫރިޔާގެ ލަޝްކަރުތައް ބިނާކުރުމަކީ އިސްރާއީލަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ސިފަކޮށް އެކަމަށް ހުރަސްއަޅާނެކަމަށް އިސްރާއީލުގެ މަސްއޫލުވެރިން ތަކުރާރުކޮށް ބުނެފައިވެއެވެ.

ތުރުކީ ގެންދަނީ ސޫރިޔާގެ ސިފައިން އެގައުމު ދިފާއު ކުރެވޭވަރުގެ ބާރުގަދަ ލަޝްކަރަކަށް ހެދުމަށްޓަކައި ސޫރިޔާގެ ސިފައިން ތަމްރީނުކޮށް އަދި ސޫރިޔާގެ ވައިގެ ބޭސްތައް މަރާމާތުކޮށް ސޫރިޔާއަށް ޒަމާނީ ރާޑަރުތަކާއި ހަތިޔާރު ފޯރުކޮށްދީ ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތައް ބިނާކޮށްދެމުންނެވެ.

އިސްރާއީލު މިކަން ސިފަކުރަނީ އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުންފަދަ ކަމެއްގެ ގޮތުގައެވެ.

ނަމަވެސް ތުރުކީ ވަނީ އިސްރާއީލާ ކުރިމަތިލައި އަމިއްލަ ނަފްސު ދިފާއު ކުރެވޭފަދަ ލަޝްކަރަކަށް ސޫރިޔާ ސިފައިން ގެ ލަޝްކަރު ހަދާނެކަމުގެ ޔަގީންކަން ސޫރިޔާއަށް ދީފައެވެ. އަދި އިސްރާއީލަށް މިކަން ނުހުއްޓުވޭނެކަމަށް ބުނެފައެވެ. ތުރުކީއަކީ ނޭޓޯގެ ގައުމަކަށްވުމުގެ އިތުރުން ތުރުކީއަކީ އަމިއްލަ އަށް ހަތިޔާރުއުފައްދާ ގައުމަކަށްވާތީ ތުރުކީ ކުރާކަންކަން ހުއްޓުވުމަކީ ޚުދު އެމެރިކާއަށްވެސް ފަސޭހަ ކަމެއް ނޫނެވެ.

ތުރުކީއަކީ އަމިއްލައަށް ޒަމާނީ ހަތިޔާރާއި ރާޑަރުފަދަ ތަކެތި އުފައްދާ އަދި އަސްކަރީ ތަޖުރިބާ ހުރި ގައުމަކަށްވާތީ މިކަން ކުރުމަކީ ތުރުކީއަށް ދަތިކަމެއް ނޫނެވެ. އިސްރާއީލު ރުޅިއަންނަނީ މިމައްސަލައިގައިކަމަށް އިސްރާއީލުގެ ރަސްމީ ފަރާތްތަކުން ބުނެފައިވެއެވެ.

އިސްރާއީލު ބޭނުންވަނީ ތިން ހަތަރު ބަޔަށް ސޫރިޔާ ބައިބައިކޮށް އެއްބަޔަކު އަނެއް ބަޔަކާ އަރާރުންވެ ތަޅައިފޮޅާ ސަރަހައްދުތަކަކަށް ސޫރިޔާ ހެދުމެވެ. ސޫރިޔާ ބައިބައިކޮށް ކުދިކުދި ކޮށްލުމެވެ. ސޫރިޔާގެ ސުންނީންނަށް ވަކި ދައުލަތެއް ދުރުޒީންނަށް ވަކި ދައުލަތެއް އަދި ސޫރިޔާގެ އަލަވީންނަށް ވަކި ދައުލަތެއް އަދި ސޫރިޔާގެ ކުރުދީންނަށް ވަކި ދައުލަތެއް އުފައްދައި ސޫރިޔާ ބައިބައި ކޮށްލުމަށެވެ. އިސްރާއީލު ރުޅިއަންނަނީ ތުރުކީއާއި ސޫރިޔާގެ ސަރުކާރުން މިކަމަށް ހުރަސްއަޅާތީއެވެ.

ޝިޔައީންނާއި ސުންނީން ގެ މެދުގައި ފިތުނަ އުފައްދައި އެއްބަޔަކު އަނެއް ބަޔަކަށް ކާފަރު ކުރުމުގެ ތަކްފީރީ ވިސްނުމުގެ ފަހަތުގައިވެސްވަނީ އިސްރާއީލު ކަމަށާއި މިކަމުގެ ބޭނުމަކީ އިސްލާމީ އުންމަތް ބައިބައިކޮށް މުސްލިމުންނަކީ ދީނުގެ ނަމުގައި އަރާރުންވެ ތަޅައިފޮޅާ ބަޔަކަށް ހެދުންކަމަށް މުހައްލިލުން ސިފަކުރައްވައެވެ.

އިސްރާއީލުގެ އުދުވާނީ އަމަލުތަކުގެ ސަބަބުން އިސްރާއީލާއި ތުރުކީ އާ ދެމެދު ހަމަލާތައް ބަދަލުކުރާ ހިސާބަށް ކަންކަން ހިނގައިދާނެކަމަށް ތުރުކީގެ މިޑިއާ ތަކުން ބުނެއެވެ.

އިސްރާއީލު ގެންދަނީ 2011 ވަނަ އަހަރު ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުނުފަހުން ސޫރިޔާއަށް ވައިގެ މަގުން ގިނަ ހަމަލާތަކެއްދީ އުދުވާން ހިންގަމުންނެވެ. ސޫރިޔާ އަކީ ކުރިން އިސްރާއީލު ޖެހިލުންވާފަދަ އަސްކަރީ ގޮތުން ބާރުގަދަ ގައުމެއް ނަމަވެސް ދާޚިލީ ހަނގުރާމައާއެކު ސޫރިޔާ ލަޝްކަރުތައްވަނީ އިސްރާއީލަށް ރައްދު ނުދެވޭ މިންވަރަށް ބަލިކަށިވެފައެވެ.

comment ކޮމެންޓް